21 ޖުލައި 2021 - 07:36

އަހަރެއްހާ ދުވަހު މާލޭގައި ތާށިވެފައި ތިއްބާ އެޗްޕީއޭ އިން ބޮޑު އީދު ބަންދާ ދިމާކޮށް ދިން ލުޔާ އެކު ގިނަ ބަޔަކު މިހާރު ރަށްރަށަށް ހިނގައްޖެ އެވެ. ޗުއްޓީ ފެށުނު އިރު، އިއުލާންކުރި ގޮތާ ހިލާފަށް މިހާރު ވަރަށް ގިނަ ލުއިތަކެއް ދިނުމާ އެކު އުޅަނދުފަހަރު ބަރާކޮށްގެން މީހުން އެބަ ދަތުރުކުރެ އެވެ. އެތައް ހާސް ބަޔަކު މިހާރު ތިބީ ރަށްރަށުގަ އެވެ.

މަގުމަތިން ރެންޑަމް ސާމްޕަލް ނަގައިގެން ގިނަ ބަޔަކު ރަށަށް މިދަނީ މިއީ ގިނަ ދުވަސްތަކެއް ފަހުން ލިބުނު ޗުއްޓީއަކަށް ވާތީ އެވެ. އަނެއްކޮޅުން މިފަހަރު ނަސީބު ދިމާކުރި ގޮތުން ބޮޑު އީދު ބަންދު ވެސް ދިމާވީ ސްކޫލު ޗުއްޓީއާ އެވެ. އެހެންވެ ބޮޑު ލުޔެއް ލިބުމުން މާލޭގައި ކޮންމެހެން ތިބޭކަށް ބޭނުމެއް ނުވެ އެވެ.

އެކަމަކު ބޮޑު ޗުއްޓީއެއްގެ އިންތިޒާރުގައި ތިއްބާ ކިތަންމެ ބޮޑު ލުޔެއް ލިބުނަސް ސަމާލުކަން ދޭން ޖެހޭ ސަބަބުތައް ބައިވަރެވެ. ކުރިއަށް އޮތީ ދިރާސީ އާ އަހަރުގެ ކިޔެވުން ވެސް ފެށޭ ދުވަސްކޮޅަށް ވެފައި ކޭސްތައް އިތުރުވެއްޖެ ނަމަ، އަނެއްކާ ވެސް ކިޔަވާ ކުދިންނަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑެވެ. ގޭގައި ތިބެ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ކިޔެވުން އޮންލައިންކޮށްް ކުރިއަށް ގެންދަން ޖެހުމުން އެ ކުދިންނަށް ނަފްސާނީ ގޮތުން ނުރަނގަޅު އަސަރުކުރި އެވެ. ކިޔަވާ ހިތް ނުވުމާއި ފިލާވަޅަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމާއި ނަފްސާނީ އެތައް މައްސަލައެކެވެ.

ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިންނަށް ކަރަންޓީނުވުމެއް ނެތި ރަށަށް ދެވޭނެ ގޮތް ހަދާފައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑަށް ބަލި ފެތުރޭނީ ކުޑަކުދިންގެ މެދުގައި ކަމަށް ވެސް އެޗްޕީއޭ އިން ލަފާކުރެ އެވެ. އެހެންވެ، ދަރިން ގޮވައިގެން ޗުއްޓީ އަށް ރަށަށް ދިޔަ ނަމަވެސް އެ ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ސަމާލުވުން މުހިއްމެވެ.
އަނެއްކޮޅުން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާއިރު އެ ރަށެއްގެ މީހުންގެ ރައްކާތެރިކަމަށް ވެސް ސަމާލުކަން ދޭންޖެހެ އެވެ. މިދިޔަ ދެތިން މަހަކީ މިއިން ދުވަހަކު ރަށްރަށުގައި ކޮވިޑްގެ ކޭސްތައް ނުފެތުރޭ ވަރަށް ރަށްރަށުގައި ކޮވިޑް ފެތުރުނު ދުވަސްކޮޅެކެވެ. އެ މުއްދަތުގައި 80 އަށް ވުރެ ގިނަ ރަށަށް އަރައިފޭބުން މަނާކުރި އެވެ. އެކަމަކު ކޭސްތައް ފެންނަ ވަރު ގިނަކަމުން ތިން މަހެއްހާ ދުވަހަށް މުޅި ރަށް ބަންދުކޮށްފައި އޮތުމަށް ފަހު ގިނަ ރަށްތަކުގެ ކޭސްތައް މަދުވެ މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި ދަނޑިވަޅު އީދު ބަންދަށް ރަށަށް ގޮސް، ކުރިން އުޅުނު ގޮތަށް އުޅެން ވެއްޖެ ނަމަ، ކޮވިޑް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ އެކަމަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ.
ކޭސްތައް މަދުވެފައިވާތީ ދިން ލުއިތަކާ އެކު ރަށްރަށަށް ދަތުރުކުރުމުގައި ސަމާލުވާން އެދެމުން ޓެގް ޓީމުގެ މެމްބަރު އަދި ޕީޑިއޮޓްރިކް އިންފެކްޝަން އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އާއިލާގެ މީހުންނާ ދިމާނުވާތާ ގިނަ ދުވަސްތަކެއް ފަހުން ދިގު ޗުއްޓީއެއް ލިބުމުން، "ޗުއްޓީގެ ފުރިހަމަ ބޭނުން" ކުރުމަށް އެދޭ ކަމަށެވެ. އެކަމަކު އެކަން ކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށް ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށަށް ދިއުމުގެ ކުރިން އެތަނެއްގެ ކޮވިޑްގެ ހާލަތު އޮތް ގޮތެއް ބެލުން ވަރަށް މުހިއްމެވެ.
"ރާއްޖެ ވިއްޔާ މޮނިޓަރިންގައި އޮތް ރަށްރަށަކީ ކޮވިޑް ބޮޑަށް އޮތް ތަންތަން. އެކަމަކު ރާއްޖެއިން ބޭރުވެއްޖެއްޔާ ބަލާލުން ރަނގަޅު އެދާ ތަނެއްގައި ކޮވިޑް އުޅެނީ ކިހާ ވަރަކަށްތޯ ބެލުން. މިސާލަކަށް އިންޑިއާގައި ވެސް ވަކި ރީޖަންތަކުގައި ބޮޑަށް ފެތުރިގެން ހިނގައިދާނެ." ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުކުރާއިރު މާސްކް ވެސް އިތުރަށް ގެންގުޅުން މުހިއްމެވެ. މިސާލަކަށް ދާހިއްލައިގެން މާސްކް ތެމުނަސް، އޭގެން އެންމެ ރަނގަޅަށް ރައްކާތެރިކަން ނުލިބޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި އަބަދުވެސް އަތުގައި ހޭންޑް ސެނިޓައިޒާ ގެންގުޅުމަށާއި އަދި ވެކްސިން ނުޖަހައި ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ނަމަ، ހާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން ވެންޓިލޭޝަން ރަނގަޅު ތަންތަނުގައި އުޅުމަށް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
އީދު ބަންދަކީ ގިނަ ބަޔަކު އެއްވެ ތަފާތު ކުޅިވަރުތައް ވެސް ކުޅޭ ދުވަސްވަރެއް ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ހަރަކާތްތައް ބާއްވާއިރު ގައިދުރުކަން ދެމެހެއްޓުމަށާއި މާބޮޑަށް ބަންދުވެފައި ހުންނަ ތަންތަނަށް ގިނަ ބަޔަކު އެއް ނުވުމަށް ނަޒްލާ ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ވެކްސިން ޖެހި މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކަށް ދަތުރުކުރި ނަމަވެސް ވެކްސިން ނުޖަހާ މީހުންނާއި ބޮޑެތި ބަލިތައް ހުރި ހައިރިސްކް މީހުން، ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ކޮވިޑުގެ ކުރިން ރަށަށް ގޮސް އާއިލާގެ ގޭގެ އަށް ޒިޔާރާތްކުރުމާއި ރައްޓެހިން އެކު ޕިކްނިކް ދިޔުން ފަދަ ގިނަ ބަޔަކު އެއްވެ ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިއީ ވަރަށް ތަފާތު ޗުއްޓީއަކަށް ވާނެ އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅު "މައިތިރި" ވެފައި ވަނިކޮށް ލުއި ލިބުނު މި ދަނޑިވަޅަކީ އީދު ބަންދު ވިޔަސް ރަށްރަށަށްދާ މީހުން އެ ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ވަގުތެކެވެ. ކޮވިޑް ބަލި ނެތް ރަށްރަށުގައި އީދުގެ ފޯރި ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދަން ނިންމި ނަމަވެސް މާލެއިން އެ ރަށްރަށަށްދާ މީހުން އެކަމަށް ސަމާލުވުމާއި ރަށްރަށުގެ މީހުން ވެސް ބަލައިގެން އުޅެން ޖެހެ އެވެ. ނޫނީ އީދު ބަންދަށް ފަހު ސްކޫލަށް ގޮސް، ދަރިވަރުންނަށް ކިޔަވަން ނުލިބިދާނެ އެވެ. އަދި އީދު ބަންދަށް ފަހު ރަށްރަށް "ލޮކްޑައުން" ކުރަން ޖެހިދާނެ އެވެ.