15 ޖުލައި 2021 - 14:45

މައުލޫމާތު ރައްކާތެރިކޮށް ދިނުމުގައި އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ، މާސްޓަކާޑް ދޫކުރުން މެދުކަނޑާލަން އިންޑިއާގެ މަރުކަޒީ ބޭންކުން އަންގައިފި އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނީ މި މަހުގެ 22 އިން ފެށިގެން އާ ކަސްޓަމަރުންނަށް ޑެބިޓް/ކްރެޑިޓް/ޕްރިޕެއިޑް ކާޑް ދޫކުރުމުގެ ފުރުސަތު މާސްޓަކާޑަށް ނޯންނާނެ ކަމަށެވެ. މިގޮތަށް ނިންމީ މުއްދަތެއް ނެތް ގޮތަށެވެ. އާ ކަސްޓަމަރުންނަށް ކާޑު ދޫކުރުން ހުއްޓުވި ނަމަވެސް މާސްޓަކާޑް ކުރިން ގެންގުޅޭ މީހުންނަށް ހަމަ ކުރިއެކޭ އެއްގޮތަށް ކާޑުގެ މުއާމަލާތްކުރެވޭނެ އެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން މަޖުބޫރުވީ އިންޑިއާގައި ބޭރު ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގަން ބޭނުންކުރާ ކާޑުގެ މުއާމަލާތްތަކުގައި މާސްޓަކާޑުން އުސޫލުތަކާ ހިލާފުވާތީ އާއި މައުލޫމާތު ރައްކާތެރިކޮށް ދިނުމުގައި އުސޫލުތަކަށް އަމަލުނުކުރާތީ އެވެ.
މާސްޓަކާޑުން، 2018 ގައި ހަމަޖައްސާފައިވާ ސްޓޯރޭޖް ޕޭމަންޓް ސިސްޓަމް ޑޭޓާއާ ހިލާފުވެ، އިންޑިއާގައި ޑޭޓާތައް ރައްކާކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތް ކަމަށާއި މިކަމުގެ ސަބަބުން އެ ކުންފުނި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ.
މި މައްސަލާގައި އެމެރިކާގެ ކުންފުނި، މާސްޓަކާޑުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އިންޑިއާގައި މިދިޔަ އަހަރު ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ 33 ޕަސެންޓް ހިއްސާކުރީ މާސްޓަކާޑެވެ. ދެހާސް ނަވާރައިގައި އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރަށް އިންޑިއާގެ ހިދުމަތް ފުޅާކުރަން ބިލިއަން ޑޮލަރު ވެސް އިންވެސްޓް ވެސް ކުރާނެ އެވެ.
މާސްޓަކާޑާ އެއްގޮތަށް މި އަހަރުގެ ކުރީކޮޅު އެމެރިކަން އެކްސްޕްރެސް އާއި ޑައިނާޒް ކުލަބް ކާޑް ވެސް އިންޑިއާގައި ދޫކުރުން ހުއްޓުވާފައިވެ އެވެ.