15 ޖުލައި 2021 - 12:37

ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއަށް ލިބިފައިވާ މަތީ މަގާމާއި އިތުބާރު އަދި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާ އެކު ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް ކުރެއްވި ބުރަ މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"ފަތުހުﷲ ޖަމީލް ބިލްޑިން" އިފްތިތާހުކޮށް ފޮރިން މިނިސްޓްރީގެ ހިންގުން އެ އިމާރާތަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބި މިދިޔަ 56 އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު މިނިވަންކަމާއި ސުލްހަވެރިކަމާ ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުން ކަމަށެވެ.
"ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ މިދެންނެވި އަސާސްތަކުގެ މައްޗަށް. މަރްހޫމް އަލްއުސްތާޒު ފަތުހުﷲ ޖަމީލްގެ ހާރިޖީ ސިޔާސަތުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ މި ދެންނެވި ސިޔާސަތުތައް ދަމަހައްޓައި ބައިނަލްއަގްވާމީ މަޝްރަހުގައި ވަކާލާތުކުރުމަށް."
ރައީސް ވިދާޅުވީ މިއަދު ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ލިބިފައިވާ މަގާމާއި ރާއްޖެއާ މެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ސިއްރަކީ ފަތުހުﷲ ކަމަށެވެ. ހިކުމަތްތެރިކަމާ އެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތް މިއަދު ވެސް ދަމަހައްޓަމުން އަންނަ ކަމަށާއި ރާއްޖެ އަބަދުވެސް ވަކާލާތުކުރާނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ ޑިމޮކްރަސީގެ ހަމަތަކާއި ސުލްހައަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ބައިނަލްއަގްވާމީ މައިދާނުގައި ބާކީވެފައި އޮންނަތާ ފަސް އަހަރުވެފައިވާ ކަމަަށާއި އެކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އެހެންވެ، ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކަށް ހެއްދެވީ ރާއްޖޭގެ މިނިވަންކަމާއި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ރާއްޖޭގެ އެ ސިޔާސަތު މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު ތާއީދަކާ އެކު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގަތީ ވެސް އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.