ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް
ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވިތާ އެއް އަހަރު ފުރުން މިއަދު ފާހަގަކޮށް، މިއަދު އައި ފުރަތަމަ ޓޫރިސްޓަށް ހައިރާންކަމެއް ގެނެސްދީފި އެވެ.

ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް
ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް

މި ދުވަސް ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު އެންމެ ފުރަތަމަ ރާއްޖެ އައި ޓޫރިސްޓަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެންމެ ފުރަތަމަ އައި ޓޫރިސްޓަށް މަރުހަބާ ކިޔާފައި ވަނީ "ބިދަބިން"ގެ ސަގާފީ ހަރަކާތަކާ އެކުގަ އެވެ.

ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް
ބޯޑަރު ހުޅުވިތާ އަހަރެއް، ޓޫރިސްޓަކަށް ބޮޑު ސަޕްރައިޒެއް

ބޯޑަރު އަލުން ހުޅުވިތާ އަހަރެއް ވީ ދުވަހު، އެންމެ ފުރަތަމަ ރާއްޖެ އައީ ސްވިޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ކޮބެލް ކްލެމެންސް ސްޓީވް އެވެ. އޭނާއާ އެކު އޭނާގެ ބައިވެރިޔާ ނިކޮލާ ޑިކްސަން ސާން ވެސް ރާއްޖެ އައެވެ.

ކޮބެލް އަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި އެމްއޭސީއެލް އިން ވަނީ ސުވެނިއާތަކެއް ދީފަ އެވެ. އިމިގްރޭޝަނުން ކޮބެލް އާއި އޭނާގެ ބައިވެރިޔާ އަށް ދިނީ ބޯޑާ މައިލްސްގެ އައިދަ (ބްރޮންޒް) ދަރަޖަ އެވެ.

ކޮބެލް ބުނީ އޭނާއަށް ރާއްޖެ އިން ކިޔާފައިވާ މަރުހަބާގެ ސަބަބުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށެވެ. އަދި ރާއްޖެ އަށް އައި ފުރަތަމަ ދަތުރުގައި އެހާ ބޮޑު ޝަރަފެއް ލިބުމުން އުފާވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ޗުއްޓީ އަށް ރާއްޖެ އަންނަން ނިންމީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި ހިތްހަމަ ޖެހުމާ އެކު ޗުއްޓީ ހޭދަކޮށްލެވޭނެ ގައުމަކަށް ވާތީ ކަމަށެވެ.

"އަހަންނަށް ވަރަށް ކަމުދޭ ކުދި ރަށްތައް. އަހަރެން އެންމެ ބޭނުން ވަނީ މޫދުގައި ވަގުތު ހޭދަކޮށްލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ރާއްޖޭގެ އެންމެންނަށް މި ދަތުރު މިހާ ހާއްސަ ކޮށްދިނީމަ،" ކޮބެލް ބުންޏެވެ.

ކޮބެލް ޗުއްޓީ ހޭދަ ކުރާނީ ރީތި ފަރު ރިސޯޓުގަ އެވެ. އެ ރިސޯޓުގައި 11 ދުވަސް ހޭދަ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރަނގަޅު އަދަދަކަށް ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. އަދި މިހާރުގެ ހިސާބުތަކަށް ބަލާއިރު މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދޭތެރެއިން ސައުތު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމުން ޓޫރިޒަމަށް ބޮޑު ބަދަލެއް އައި. އެކަމަކު އަނެއްކާ ވެސް އެ މާކެޓު ހުޅުވި ނަންބަރުތައް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ. މި އަހަރު އުއްމީދު އެބައޮތް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް،" އަސްއަދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 541،794 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15ގަ އެވެ.