އީދު ދުވަހު ހެނދުނު ކުޅި ބޯކިބާ: ކީއްވެ؟
އީދު ދުވަހު ހެނދުނު ކުޅި ބޯކިބާ: ކީއްވެ؟

އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ، މުހައްމަދު އާދަމް އޭނާގެ ފުރާވަރުގެ އީދުގެ ހަނދާންތައް އާކުރަމުން ބުނީ އީދު ނަމާދު ނިންމާލާފައި ރަހުމަތްތެރިންނާ އެކު ގޭގެޔަށް ސައިބޯން ދާއިރު އެތައް ބައިވަރު އެއްޗެއް ހުންނައިރު ވެސް ކޮންމެ ގެއެއްގައި ވެސް ހުންނަ ކުޅިބޯކިބާ ހުންނަ ކަމަށެވެ.

އީދު ދުވަހު ހެނދުނު ކުޅި ބޯކިބާ: ކީއްވެ؟
އީދު ދުވަހު ހެނދުނު ކުޅި ބޯކިބާ: ކީއްވެ؟

"އެންމެ ކުރީއްސުރެ ވެސް އީދު ދުވަހު ހެނދުނަށް ބޯކިބާ ހަދާފައި ހުރޭ،" އޭނާ ކިޔައިދިނެވެ.

މުހައްމަދު ބުނީ އޭނާގެ އުމުރުން މިހާ ދުވަސް ވީ އިރު ވެސް އީދު ބޯކިބާ އެއީ އަދިވެސް ބަދަލު ނުވެ އޮތް ސަގާފަތެއް ކަމަށެވެ.

އީދު ދުވަހުގެ ހެނދުނަށް ތަފާތު ކާނާތައް ހެދިޔަސް ކުޅި ބޯކިބާ އެއީ ދިވެހި ރަހަ ސުފުރާގައި ހެޔޮކޮށްލާ ހެދިކާ އެވެ. އެއީ އީދުގެ ވަރަށް މުހިންމު ރަހައެކެވެ.

ގިނަ ބަޔަކަށް ކައްކަން ދަސްކޮށްދީފައިވާ ޝެފެއް ކަމަށްވާ ސުއާދާ ނަސީރު ވެސް ކުޑައިރު ދަރާއި ނާށި އަންދައިގެން އީދު ދުވަހުގެ ހެނދުނަށް ކުޅި ބޯކިބާ ތައްޔާރު އެޅި ހަނދާން އާކުރި އެވެ. އޭނާ ބުނި ގޮތުގައި ހުނި ހަކުރާއި ގުޅަ އާއި ތަފާތު އެކި އެއްޗެހި ކޮންމެ އީދެއްގައި ހެދިޔަސް، ބަދަލުނުވެ އަބަދު ވެސް ތައްޔާރު ކުރާ އެއްޗަކީ ކުޅި ބޯކިބަލެވެ.

އޭރު ވެސް މިހާރު ވެސް ކުޅި ބޯކިބާ އަޅަނީ އިހުޒަމާނުއްސުރެ ކުރާ ކަމަކަށް ވާތީ ސަގާފަތް ދިރުވުމުގެ ގޮތުން ކަމަށް ސުއާދާ ބުންޏެވެ. އަދި އެއީ ދިވެހިވަންތަ އެއްޗަކަށް ވުމުގެ އިތުރުން ގިނަ މީހުންނަށް މީރު އެއްޗަކަށް ވުމަކީ ވެސް އޭނާ ދެކޭ ގޮތުގައި އަބަދު ވެސް ތައްޔާރު ކުރާ ސަބަބެކެވެ.

"ކުޅި ބޯކިބާ އެއީ އީދު ދުވަހު ހެނދުނު ކޮންމެހެން ވެސް ހުންނަން ޖެހޭ އެއްޗެއް. އެއީ ދިވެހިވަންތަ އެއްޗަކަށް ވެފައި ގިނަ މީހުންނަށް މީރުވާތީ،" ސުއާދާ ބުންޏެވެ.

އަވަނުން ނަގައި ތާޒާކަންމަތީގައި ހުންނަ އިރު ބައެއް މީހުންނަށް ބޯކިބާ ވަރެއް ނޯވެ އެވެ. އަދި ހޫނު ކަޅު ސައި ތައްޓަކާ އެކު މާ މީރެވެ. ތުނިކޮށާއި ބޯކޮށް ބޯކިބާ އަޅާއިރު ރަހަ ތަފާތުކޮށްލަން މަސްކޮޅުކޮޅު އަޅައިގެން ހަދާ މީހުން ވެސް އުޅެ އެވެ.

ޒުވާން އަންހެނަކު ބުނި ގޮތުގައި އޭނާ އީދު ދުވަހަށް ކުޅި ބޯކިބާ އަޅަނީ އެއީ ތައްޔާރުކުރަން ފަސޭހަ އެއްޗަކަށް ވާތީ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ހަވީރާ ހިސާބަށް ދާއިރު ކުޅި ބޯކިބާ ހުސްވާ ކަމަށް އޭނާ ބުންޏެވެ. އިސްރާފު ނުވުމަކީ އޭނާއަށް މުހިންމު ކަމެކެވެ.

"ކުޅި ބޯކިބާ ހަދަން ވަރަށް ފަސޭހަ. އަދި ހަދައިފިއްޔާ ހުސްވާނެ ކަމުގެ ޔަގީންކަން އޮވޭ،" އެ ޒުވާނާ ބުންޏެވެ.

މިހާރު ބޯކިބާ އަޅައި އުޅެނީ ކުރިން ހެދި ގޮތަކަށް ނޫނެވެ. ކުރިން ބޯކިބާ ފިހެ އުޅުނީ ހަނޑުލުފުށާއި ވަޅޯމަސް އަޅައިގެންނެވެ. ގޮދަން ފުށާއި، ދަޅު މަސް އަޅައިގެން ހެދުމަކީ މާ ފަހުގެ ކަމެކެވެ. ކުރިން ފިހަނީ ވެސް ދަރު އުނދުނުންނެވެ. އެހެންވެ އިހުގެ ބޯކިބާތަކުގެ ރަހަ ވެސް ތަފާތުވާނެ އެވެ.

ބޯކިބާގެ އަސްލު ރެސިޕީ ހޯދުމާ ބެހޭގޮތުން އެމްއެންޔޫގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ހެއްދެވި ދިރާސާގައި ވަނީ ދަރު އުނދުނުގައި ފިހާއިރު ރަހައަށް ބަދަލު އަންނަނީ ދަރު އުދުނުން އަރާ ދުމުގައި ހުުންނަ ތެލާ ހެދި ކަމަށެވެ.

ޒަމާނާ އެކު ބޯކިބާގެ ރަހައަށް ވެސް ބަދަލު އަންނަހެން ބޯކިބާގެ ބާވަތްތައް ވެސް މިހާރު ވަނީ ގިނަވެފަ އެވެ. އެގޮތުން، ބައެއް މީހުން ސިއްހަތަށް ރަނގަޅު ކުރަން ވެގެން އޯޓްސް އަޅައިގެން ބޯކިބާ ހަދަ އެވެ. އަދި މުގު ބޯކިބާ އާއި އަލުވި ބޯކިބާ އާއި ނޫޑުލްސް ބޯކިބާ ވެސް ހަދަ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ 1950 ވަނަ އަހަރު ޝާއިއުކުރެއްވި "ކަރުނައާ ނުލައި ކެއްކުން" ފޮތަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރެސިޕީ ފޮތެވެ. އެ ފޮތުގައި "ބޯކިބާ" މާނަކޮށްފައި ވަނީ ފޮނި ބޯކިބާގެ ގޮތުގަ އެވެ. ކުޅި ބޯކިބާގެ ވާހަކައެއް ނެތެވެ.

އެކަމަކު ކުޅި ބޯކިބާއާ އެއްގޮތް "މަސް ފަތަފޮޅި" ކިޔާ އެއްޗެއްގެ ރެސިޕީ އެ ފޮތުގައިވެ އެވެ. އެއީ މިހާރު ފިހެ އުޅޭ ޒަމާނީ ބޯކިބާތަކާ ހިލާފަށް ހިނކަނދިފަތާއި ރީނދުލާއި މިރުސް ނާޅައި ހަދައި އުޅުނު އެއްޗެކެވެ. މަސް ފަތަފޮޅި ތައްޔާރުކުރަނީ ހަނޑުލު ފުށާއި ވަޅޯ މަހާއި ހުންޏާއި ފިޔާ އާއި ރޯމިރުހާއި އިނގުރުކޮޅެއް ލައި މަސްގަނޑު މޮޑެގެންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިހާރުގެ ބޯކިބާ އުފެދުނީ އެ މަސް ފަތަފޮޅިންނެވެ.

ކޮންމެ ނަމެއް ކިޔަސް އީދަށް ބޯކިބަލެއް/ފަތަފޮޅިއެއް އޭރު ވެސް އަޅައި އުޅުނުކަން ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގެ އެވެ. އެކަމަކު، އީދު ދުވަހަށް ހާއްސަކޮށް ބޯކިބާ އަޅަން ފެށިި، ބޯކިބާ އީދާ ގުޅުނީ ކިހިނެއް، ކޮން ޒަމާނެއްގައިކަން އެނގޭނެހެން ހިޔެއް ނުވެ އެވެ.