15 ޖުލައި 2021 - 11:14

ލަންޑަން (ޖުލައި 15) - ޔޫރޯގެ ފައިނަލު މެޗް ބަލަން، ޓިކެޓު ނެތި ވެމްބްލީ ސްޓޭޑިއަމަށް ވަންނަން މަސައްކަތް ކުރި ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާގެ ބައްޕަ އަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.
މެގުއާ ބުނީ، އޭނާގެ ބައްޕަގެ އަރިކައްޓަަށް ގެއްލުން ވެފައިވާ ކަމަށެވެ. ޓިކެޓް ނެތި ދަނޑަށް ވަންނަން މަސައްކަތްކުރި ސަޕޯޓަރުން ވަނީ ވެމްބްލީގެ ބޭރުގައި ހަމަނުޖެހުން ހިންގައި ސެކިއުރިޓީ ލައިން ފަޅާލަން މަސައްކަތް ކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި ޓިކެޓް އޮވެގެން ދަނޑަށް ވަންނަން މަސައްކަތް ކުރި މީހުންނަށް ވެސް އަނިޔާވި އެވެ.
މެގުއާ ބުނީ، އޭނާގެ ބައްޕަ އަށް ވީގޮތުން ވަރަށް ބިރުގަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މެޗު ބަލަން ދަނޑަށް ހާޒިރުވުމުގައި އޭނާގެ އާއިލާއިން އިތުރަށް ސަމާލު ވާނެ ކަމަށް ވެސް ބުންޏެވެ.
"ނަސީބެއް އަހަރެންގެ ދަރިން މެޗު ބަލަން ދަނޑަށް ނުދިއަކަން،" މެގުއާ، 28، ބުންޏެވެ. "އެއީ ވަރަށް ބިރު ހުރި ވަގުތެއް ކަމަށް ބައްޕަ ބުނި. އަހަރެން ބޭނުމެއް ނޫން އިތުރު މީހަކު އެކަން ތަޖުރިބާ ކުރާކަށް."
ފައިނަލް މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޔޫއެފާއި ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ލަންޑަންގެ ފުލުހުން ފާހަގަކޮށްފައި ވަނީ މި ފަހަރުގެ ޔޫރޯ އަކީ އެންމެ ގިނަ ކުށުގެ ރެކޯޑް ފާހަގަވި މުބާރާތް ކަމަށެވެ.