ޒީނަތު އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ފަށައިފި
ޒީނަތު އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ފަށައިފި

ހިންދީ ސިނަމާގައި ހަތްދިހައިގެ އަހަރުތަކުގައި އެންމެ ގަދަ އަށް ފިޔަޖެހި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޒީނަތު އަމަން އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

މި ފިލްމަކީ ޑިޓެކްޓިވް ވާހަކަތަކަށް މަޝްހޫރު ކުރީގެ ލިޔުންތެރިޔާ އަގާތާ ކްރިސްޓީޒް އަށް ޓްރިިބިއުޓެއްގެ ގޮތުގައި ހަދާ މާޑަ މިސްޓްރީއެކެވެ. ފިލްމުގެ ނަމަކީ "މާގާއޯން: ދަ ކްލޯޒްޑް ފައިލް" އެވެ. މީގައި ޒީނަތު، 69، ކުޅެނީ ސިލްވިއާ ކިޔާ ނުފޫޒުގަދަ ވިޔަފާވެރިއެއް އަދި މައެއްގެ ރޯލެވެ.

ފިލްމުގެ ޑައިރެކްޓަރު ކަޕިލް ކަސްތޫބް ބުނީ ޒީނަތުގެ މި ރޯލަކީ އޭނާގެ ޝަހުސިއްޔަތާ ވެސް ވަރަށް ގުޅޭ ކަހަލަ ކެރެކްޓާއެއް ކަމަށާއި އެ ރޯލު ވަރަށް ވަރުގަދަވާނެ ކަމަށެވެ. ޒީނަތާ އެކު ފިލްމު ބޮޑު ކާސްޓެއް ވެސް ފެންނާނެ އެވެ.

ކަޕިލް ބުނި ގޮތުގައި ޒީނަތާ އެކު އޭނާ ގެނެސްދޭ ފިލްމު ވަނީ އަގާތާ ގެނެސްދީފައިވާ ސިއްރުން ފުރިގެންވާ ކަހަލަ ހާދިސާތަކަކުން ޝައުގުވެރިކަން ބޮޑުކޮށްދޭ ވަރަށް ވެސް ފުރިހަމަ އަދި ރީތި ފިލްމަކަށް ކަމަށެވެ.

"ފިލްމާ ބެހޭ ގޮތުން އިތުރު ތަފުސީލަކަށް ދާން އަދި މާ އަވަސް. އެކަމަކު މިއީ ޔަގީނުން ވެސް އަގާތާ އަށް ދެވޭ ވަރަށް ފުރިހަމަ ޓްރިބިއުޓަކަށް ވާނެ،" ކަޕިލް ބުންޏެވެ. "އަހަންނަކީ ބޮޑުވަމުން އައި ދުވަސްވަރު އޭނާގެ ވާހަކަތަކުގެ ތެރޭގައި އުޅުނު މީހެއް. އެހެންވީމަ އަގާތާގެ ނުފޫޒު ފިލްމުގެ ޕްލޮޓުން ވަރަށް ބޮޑަށް ފެންނާނެ."

ހިންދީ ސިނަމާ އަށް ހުޅަނގު ފެޝަނާއި ގްލެމާ ގެނެސްދިން ޒީނަތުގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ 2019 ގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަތު" އެވެ. އަރުޖުން ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ސަންޖޭ ދަތު މައިގަނޑު ރޯލުތައް ކުޅުނު ފިލްމުގައި ޒީނަތު ކުޅުނީ ސަކީނާ ބޭގަމް ކިޔާ ޝާހީ ކެރެކްޓާއެކެވެ.

ޒީނަތަކީ އޭނަގެ ރަންޒަމާނުގައި ރީތި އެތައް ފިލްމެއް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި "ޔާދޯން ކި ބާރާތު"، "ގުރުބާން"، "ޑޮން"، "ރޯޓީ ކަޕްޅާ އޯރް މަކާން" އަދި "ދޯސްތާނާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.