15 ޖުލައި 2021 - 11:24

ބާސެލޯނާ (ޖުލައި 15) - އެފްސީ ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން، ކެޕްޓަން ލިއޮނެލް މެސީ އެއްބަސްވެ އާ ކޮންޓްރެކްޓުގައި ސޮއިކޮށްފި އެވެ.
ކުރިން ވާހަކަ ދެކެވުނީ، މެސީ ލައްވައި އިތުރު ދެ އަހަރަށް އެއްބަސްވުން އާ ކުރުމަށެވެ. ފަސް އަހަރަށް މެސީ ސޮއިކުރިއިރު އޭނާ ވަނީ މުސާރަ ކުޑަކޮށް ކުޅެން އެއްބަސްވެފަ އެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ބާސާ ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް އެންގި މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއި ކުރެވުމަކީ، އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މިދިޔަ މަހު 30 ވަނަ ދުވަހު މެސީގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ވެސް އޭނާގެ އެންމެ ޕްރައިމް ޓާގެޓެއްގެ ގޮތުގައި އޮތީ މެސީގެ އެއްބަސްވުން އާ ކުރުމެވެ.
ބާސާ އިން ދަނީ، މިދިޔަ ދެ ސީޒަންގައި، މެސީގެ އެޓޭކިން ޕާޓްނަރެއްގެ ގޮތުގައި ހުރި އެންޓްއާން ގްރިޒްމަން އަލުން އެތުލެޓިކޯ އަށް ފޮނުވައި ބަދަލުގައި އެ ޓީމުގެ މިޑްފީލްޑަރު ސައުލް ނިގެޒް ގެންނަން މަސައްކަތް ކުރަމުންނެވެ. ޖުލައި 2019 ގައި ގްރީޒްމަން ގެންނަން ބާސާ އިން ވަނީ އެތުލެޓިކޯ އަށް 141 މިލިއަން ޑޮލަރު ދީފަ އެވެ. ބާސާ ބޭނުންވާ ވަރުގެ ކުޅުމެއް ގްރީޒްމަން އަށް ނުދެއްކެވެ.
ޗެލްސީ އާއި ލިވަޕޫލުން ވެސް ސައުލް ގެންދަން ޝައުގުވެރިވެ އެވެ. ސްޕެއިންގެ މީޑީއާތަކުން ބުުނަނީ، ސައުލް އާއި ގްރީޒްމަން ބަދަލުކުރުމަކީ ވުން ގާތް ކަމެއް ކަމަށެވެ. ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލި ފަހުން ވެސް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ގްރީޒްމަންއާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ބާސާ އިން ވަނީ އިތުރު ޓްރާންސްފާއެއް ވެސް ރޭ ފުރިހަމަކޮށްފަ އެވެ. އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަށް ކުޅެމުން އަންނަ އެ ގައުމުގެ ޒުވާން ފޯވަޑް ޔޫސުފް ޑެމިރް ވަނީ ލޯން އުސޫލުން ބާސާ އަށް ބަދަލުވެފަ އެވެ. ލޯން އުސޫލުން އޭނާ ބަދަލުވި ނަމަވެސް ބާސާ އިން ވަނީ ވިއޭނާ އަށް 59،1000 ޔޫރޯ ދޭން އެއްބަސްވެފަ އެވެ. އަދި ބާސާ އިން ބޭނުން ނަމަ އިތުރު 11.8 މިލިއަން ޑޮލަރު ދިނުމަށް ފަހު އޭނާގެ ޓްރާންސްފާ ދާއިމީ ވެސް ކުރެވޭނެ އެވެ. ޔޫސުފް ކުޅޭނީ ބާސާގެ ބީ ޓީމަށެވެ.