ދިހަ ރޯދައީދަށް މުލިއާގެ އެހެން ގޮތަކަށް!
ދިހަ ރޯދައީދަށް މުލިއާގެ އެހެން ގޮތަކަށް!

އުސްތާޒް މުހައްމަދު ޖަމީލް ދީދީ ހުކުރު މިސްކިތުގައި އިމާމުވެ ކުރެއްވި އީދު ނަމާދަށް ފަހު އެންމެން މުލީއާގެ އަށް ޖަމާވަނީ އެވެ. ދޮރުކޮޅުމަތީ އޮންނަ ބުރުގެ ދެ ފަރާތުގައި ހަތަރު ބަރިއަކަށް ގޮނޑިތައް އަތުރައި މޭޒުތައް ބަހައްޓާފައި ހުރި އިރު އެއިން ކޮންމެ މޭޒެއްގެ މަތީ އީދުގެ އުފަލާއި ތަހުނިޔާ ރަމްޒުވާނޭހެން މާބޮނޑިއެއް ބާއްވާލާފައި އޮތެވެ.

އީދު ސަލާންކުރުމާއި އީދު ސަޔަށް މުލީއާގެ އޮތީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.

އެއީ މީގެ 70 އަހަރު ކުރި އެވެ. މާލެއަތޮޅު މާފުށީ ބަޔަކަށް 1368 ވަނަ އަހަރުގެ ހައްޖު މަހުގެ ހަނދު ފެނުނުކަން މަހްކަމަތުއްދާހިލިއްޔާ އަށް އެންގުމާ އެކު އީދުގެ ތައްޔާރީތަކަށް ގޮވާލި އެވެ. އީދު ނަމާދުކުރުން ހުކުރު މިސްކިތުގައި އޮންނާނެކަން އަންގައި ހަތަރު އަވަށުގެ މައިޒާން ގޭގައި އިއުލާނު ބެހެއްޓެވި އެވެ.

އޭރު ކިޔާ ގޮތުން ނަމަ ދިހަރޯދައީދު ދުވަހެވެ. ވެރިކަމުގެ ފަރާތުން އަންގާފައިވާ ގޮތަށް އެންމެން ހެނދުނު 7:30 އަށް އީދު ނަމާދަށް ޖަމާވީ ހުކުރު މިސްކިތަށެވެ.

"އެކި ކަންކަން ހިނގާ ގޮތް" ލިޔެ ރައްކާކޮށްފައިވާ ތާރީހީ ލިޔުންތަކުގައިވާ ގޮތުން 7:30 ގައި ފެށި އީދު ނަމާދު ނިންމައި މިސްކިތުން ފޭބީ 8:15 ގަ އެވެ. އޭރު މުލީއާގެ އޮތީ އީދުގެ އުފަލުގައި ބާއްވާ ޖަލްސާ، މަޖިލީސުއްތަޝްރީފާތަށް ތައްޔާރުވެފަ އެވެ.

މި ހާއްސަ ޖަލްސާ އަށް މުލީއާގެ އަށް ދަންނަވާފައި ވަނީ 8:45 އަށް ކަމަށާއި ވަލީ ކޮމިޓީ އަށް ދަންނަވާފައި އޮތީ 8:55 ވާއިރަށް ކަމަށް އޭގައިވެ އެވެ.

އީދު ފާހަގަކުރުމުގެ ރަސްމީ ޖަލްސާ އަށް ދެންނެވި ބޭފުޅުންގެ ތެރެއިން ރަސްމީ ހެދުންކޮޅެއް އޮތް ބޭފުޅަކު ވިއްޔާ ވަޑައިގަތީ ރަސްމީ ހެދުކޮޅުގައި ކަމަށް ޔައުމިއްޔާގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވީ މަޖިލިސް ރައީސްގެ ހެދުންކޮޅުގަ އެވެ. ހެދުންކޮޅު ތުރުކުރެއްވީ މުލީއާގޭގަ އެވެ."

މި ރެކޯޑްތަކުން އެނގޭ ގޮތުން މިއީ އެ ދުވަސްވަރު އީދު ދުވަސް ފެށިގެން އަންނަ ގޮތެވެ. މުލީގެ ތައްޔާރުކޮށްފައި އޮތީ އެހެން އީދު ދުވަސްތަކަށް ވެސް އެތަން ތައްޔާރުކޮށްފައި އޮންނަ ގޮތަށް ކަމަށް ލިޔެފައިވެ އެވެ.

"މި ދުވަހު މުލީއާގެ ތައްޔާރުކޮށްފައި ވަނީ އެހެން ވެސް އީދު ދުވަސްތަކާ އެއްގޮތަށެވެ. ބޮޑު ކޮޓަރިކޮޅުގައި ދޫލަ އަޅާފައި އޮތެވެ. ދޮރުކޮޅުމަތީ އޮންނަ ބުރުގެ ދެ ފަރާތުގައި ގޮނޑި ބަހައްޓާފައި ހުރީ ހަތަރު ބަރިއަކަށެވެ. އިރުމަތީ ފަރާތުގައި 10 ގޮނޑި އާއި 12 ގޮނޑި ބަހައްޓާފައި ހުއްޓެވެ. ހުޅަނގު ފަރާތުގައި 22 ގޮނޑި އެވެ. ބައެއްގައި ބަހައްޓާފައި ހުރީ 11 ގޮނޑި އެވެ. ކޮންމެ ބައެއްގައި ފެހި މޭޒުގެ އެއް މޭޒު ބަހައްޓާފައި ހުއްޓެވެ. މި މޭޒުމަތީގައި ހުރިހާ މާބޮނޑިއެކެވެ."

ގަޑި ޖެހުމުން، ބޭރުގައި ތިއްބެވި ބޭފުޅުން ގެކޮޅުތެރެއަށް ވަދެވަޑައިގެންފި އެވެ. ބައެއް ބޭފުޅުން ވަޒީރުއް ދާހިލިއްޔާގެ ކޮޓަރިކޮޅުގައި ތިއްބެވި އިރު އަނެއްބައި ބޭފުޅުން ތިއްބެވީ ބޮޑު ކޮޓަރިކޮޅުގެ ހުޅަނގު ކޮޅުގަ އެވެ.

ނުވައެއް ޖެހުމާ އެކު ވަލީ ކޮމިޓީގެ މެންބަރުން ބޮޑު ކޮޓަރިކޮޅުގެ ތެރެއަށް ދޫލަމައްޗަށް ނުކުމެވަޑައިގެންފި އެވެ. އެއާ އެކު ސިފައިން ގައުމީ ސަލާމް ކުޅެ ރަސްމީކޮށް ޖަލްސާ ފެށި އެވެ. ސަލާމް ކުރައްވާ ބޭފުޅުންގެ ލިސްޓު އިއްވެވީ އީދު ނަމާދު ވެސް އިމާމުވެ ކުރެއްވެވި މުހައްމަދު ޖަމީލް ދީދީ އެވެ.

އީދު ސަލާމަށް ފަހު އޮތީ ސައިފޮދު ހިއްޕެވުމެވެ. ދާހިލިއްޔާގެ ޕިއޯނުން ތަބައްތަކުގައި ސައިފޮދު އަރުވަނީ އެވެ. އޭގައި ހުރީ ކިރު އަޅައިގެން ހަދާފައި ހުރި ފިޔާތޮށި ޝަރުބަތާއި، ސަންބޯސާ އާއި މޭސޫ އެވެ. މި ޖަލްސާގެ ޔައުމިއްޔާ އިން އެނގޭ ގޮތުގައި މިއީ ކަސްޓަމްސްގެ ފަރާތުން ތައްޔާރުކުރި ތަކެއްޗެވެ.

ސައިފޮދު ނިމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ތެދުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތުންނާއި އަދިވެސް ދައުލަތް ހިންގާ މަޖިލިސްތަކުގެ ފަރާތުން މާތް ވެރިޔާއަށާއި ވަޒީރުއްދާޚިލިއްޔާ އަށް އީދުގެ ތަހާނީ އާއި ވެދުން ވައިރްލެސްހުގެ ޒަރިއްޔާ އިން ފޮނުއްވައިދެއްވުން އެދިވަޑައިގަތެވެ. އޭގެ ޖަވާބުގައި ވާހަކަފުޅު ދެއްކެވީ ވަޒީރުއްދާޚިލިއްޔާގެ ގާއިގާމް، އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ދެން މީގެ ފަހުގައި ޖަލްސާ ނިމުނީ އެވެ. ސައިފޮދުގެ ކަންތައްތައް ނިމުނީ 9:15 ގަ އެވެ.

ޖަލްސާ ނިންމާލައި ދެން އެންމެން ނުކުތީ ގެރި ކަތިލާށެވެ. ވަލީ ކޮމިޓީގެ މެންބަރު އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، އާ ފިހާރައިގެ އިރުން އޮންނަ ގޯޅީގައި ގެރި ކަތިލެއްވި އިރު ގެރި ހިފަހައްޓަން 16 މީހުން ތިއްބެވެ. އެއީ ވަޒީރުއްދާޚިލިއްޔާ އިން އެކަމަށް ހާއްސަކޮށް ކޮންމެ އަވަށަކުން ފޮނުވި ހަތަރު މީހުންނެވެ.

"ގެރި ކަތިލެއްވުމަށް ފަހު ދެން، ވަޒީރުއްދީޚިލިއްޔާގެ ގާއިގާމް އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެ ވައިރްލެހުގެ ޒަރިއްޔާއިން، މާތް ވެރިޔާއަށާއި ވަޒީރުއްދާޚިލިއްޔާ އަށް އީދުގެ ތަހްނިޔާ ފޮނުއްވެވި އެވެ.

އީދު ދުވަހުގެ ހެނދުނު ހާއްސަ ހަރަކާތްތައް ނިންމާލައި އަވަށު ވާދަޔަށް އެކި ކުޅިވަރު މުބާރާތްތައް އީދާ ގުޅިގެން ބާއްވަ އެވެ. މިހާރު އުވި ގޮސްފައިވާ އެތައް ކުޅިވަރަކާ އެކު އޭރު އީދަކީ ހަގީގަތުގައި ވެސް ބޮޑު އީދެއްކަން އެނގެން އޮވެ އެވެ.