އަނބިދަށުވުމެއް ނޫން، މިއީ ކުދިންނަށްޓަކައި ބައްޕަގެ ވެސް ޒިންމާއެއް
އަނބިދަށުވުމެއް ނޫން، މިއީ ކުދިންނަށްޓަކައި ބައްޕަގެ ވެސް ޒިންމާއެއް

އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން ގެއިން ބޭރުގައި ވަގުތު ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. ކޮފީއަށް ވެސް ހަމަ އަރަންވީ އެވެ. ރައްޓެހިންނާ އެކު ފަރުމަހަށް ދިއުމަކުން ވެސް ގޯހެއް ނެތެވެ. އެކަމަކު އެކަންކަން ނުކޮށް ކުދިން ބަލަން ގޭގައި ފިރިހެނަކު ހުންނަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ޖެހުނީ ކަންތަކާ އެވެ. އެ މީހަކަށް ރައްޓެހިންގެ ފަރާތުން އަދިވެސް ކުރިމަތިވަނީ މަލާމާތެވެ. އެ މީހުންގެ ބަހުން ނަމަ އަނބިދަށުވީ އެވެ. މައްސަލައަކަށް ވާ ހިސާބަކީ މިއީ އެވެ.

އަނބިދަށުވުމެއް ނޫން، މިއީ ކުދިންނަށްޓަކައި ބައްޕަގެ ވެސް ޒިންމާއެއް
އަނބިދަށުވުމެއް ނޫން، މިއީ ކުދިންނަށްޓަކައި ބައްޕަގެ ވެސް ޒިންމާއެއް

ކުދިން ތަރުބިއްޔަތުކުރުމާއި، ގޭތެރޭގެ މަސައްކަތްތަކަކީ އަންހެނުންނަށް އެކަނި ހާއްސަ ކަންކަމެއް ނޫނެވެ. އަހަރެމެން ކިޔެވި އެއްވެސް ފޮތެއްގައި އެ ވާހަކަ އެގޮތަށް ލިޔެފައި އޮއްވައެއް ވެސް ނުދެކެމެވެ. އިސްލާމް ދީން އަދި އަމުދުން އެކަމަކަށް ހިތްވަރެއް ވެސް ނުދެ އެވެ. އެކަމަކު އެ ވިސްނުމުގައި މިއަދު ވެސް އަހަރެމެން ބަނދެވިފައި މިތިބީ ޒަމާނުއްސުރެ އެކަން އެގޮތަށް ހިނގަމުން އައީމަ އެވެ. އަހަރެމެންގެ މުޖުތަމައު އެއީ އެކަން އޮންނަންވީ ގޮތްކަމަށް އެންމެ ކުރިއްސުރެ ބަލައިގެންފައި އޮތީމަ އެވެ. އެކަމަކު އެހެން ހުރި ކިތަންމެ ކަމެއް މިހާރު އަހަރެމެން މި ތިބީ ބަދަލުކޮށްގެންނެވެ. އެހެންވީ އިރު މިކަން ވެސް ބަދަލު ނުކުރާންވީ ސަބަބެއް ނެތެވެ.

ކުދިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި ބައްޕައިން ހަރަކާތްތެރިވާ މިންވަރު ކުރިއަށްވުރެ މިހާރު އިތުރެވެ. ދެމަފިރިން ވަޒީފާ އަށް ދާންޖެހުން އެއީ އޭގެ އެއް ސަބަބަށް ވެދާނެ އެވެ. ވަކިން ދިރިއުޅޭ ކުދި އާއިލާތަކުން އެ މަންޒަރު ފެންނަލެއް ވަކިން ގިނަ އެވެ. އެކަމަކު ކުދިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގިނަ ބައްޕައިން އަދިވެސް ދެކެނީ އެއީ ކުދިންގެ މަންމަ އަށް ފަސޭހަކޮށްދޭން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ކަން އޮތީ އެހެނެއް ނޫނެވެ. އެއީ ކުދިންގެ މަންމަ އަށް ކޮށްދޭ ކަމަކަށް ވުރެ ބޮޑަށް ކުދިންނަށްޓަކައި ބައްޕަގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ އެކެވެ.

ކުދިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި ބައްޕައިންގެ ދައުރު އިތުރުވުމަކީ ވަރަށް ބޮޑެތި ފައިދާތަކެއް ކުދިންނަށް ކުރާ ކަމެކެވެ. މަންމަގެ ބަނޑުގައި ކުއްޖާ އޮންނަ ދުވަސްވަރު ބައްޕަގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ނަތީޖާއަކަށް ކުއްޖާ ބައިގެން ދިއުމާއި، ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ކުޑަވުން ވެއެވެ. ކުއްޖާގެ އެންމެ ޅަފަތުގައި ނެޕީ ބަދަލުކުރުމާއި، ނިދީގައި އޮވެ ހޭލެވިގެން ރޮއިގަންނަ ވަގުތު ބައްޕަ ކުއްޖާ މަސަލަސްކުރަން އުޅުން ފަދަ ކަންކަމަކީ ކުއްޖާއަށް ރައްކާތެރިކަން އިތުރަށް އިހްސާސްކުރެވޭނެ ކަމެކެވެ.

ކުދިން އެންމެ ކުޑައިރު ގިނަ ކަންކަން ދަސްކުރަނީ ކުޅުމުގެ ތެރެއިންނެވެ. އަމިއްލަ ނަފްސަށް އިތުބާރުމާއި، މައްސަލަ ހައްލުކުރުން ފަދަ އެތައް ހުނަރެއް ކުދިންނަށް އެންމެ ފުރަތަމަ ދަސްވަނީ އޭގެ ތެރެއިންނެވެ. ތަރުބިއްޔަތާ ގުޅޭ އިލްމުގެ ގިނަ މާހިރުން ބުރަވާ ގޮތުގައި ކުދިންނާ އެކު ކުޅުމުގައި ބައިވެރިވެގެން ބައްޕަ އަށް ބޮޑު ތަފާތެއް ނެރެވިދާނެ އެވެ. ވަކިން ހާއްސަކޮށް ކުއްޖާގެ ހެލިފެލިވުން އިތުރުކުރުވާ ފަދަ ކުޅިވަރުތަކުގައި ބައްޕަ ކުއްޖާއާ އެކު ބައިވެރިވުމަކީ ކުއްޖާގެ ސިކުނޑި ތަރައްގީވުމަށް އިތުރަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި އެ ތަޖުރިބާކާރުން ބުނެފައި އެބަހުއްޓެވެ.

ކުދިންނާ އެކު ބައްޕަ ވަގުތު ހޭދަކުރާ ނަމަ ކުދިންނާ ވީހާ ވެސް ގިނައިން ވާހަކަދެއްކުން މުހިއްމެވެ. އެކަން އެގޮތަށް ކުރެވޭ ނަމަ ކުދިންގެ ވާހަކަދެއްކުމާއި، އެހެން މީހުންނާ މުއާމަލާތުކުރުން ފަދަ ކަންކަން ކުއްޖާ އަށް އަވަހަށް ދަސްވާނެ އެވެ. މިކަންކަން ކުއްޖާ އަށް އަވަހަށް ދަސްވުމަކީ ކުދިންގެ ނަފްސާނީ ހެދިބޮޑުވުމަށާއި، އިޖްތިމާއީ ހުނަރުތައް ތަރައްގީވުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ކުދިން ބޮޑެތިވަމުން އަންނަ ވަރަކަށް އެ ކުދިންގެ ކަންކަމުގައި ބައްޕައިން ހަރަކާތްތެރިވާ މިންވަރު މަދުވާކަން ފާހަގަވެ އެވެ. ކުދިން ހެދި ބޮޑުވަމުން އައިސް ފުރާވަރަށް އަރާ އުމުރަކީ ބޮޑެތި ބަދަލުތަކެއް އެ ކުދިން ތަޖުރިބާކުރަން ފަށާ ދުވަސްވަރެކެވެ. ކުށްތަކަށް އެންމެ ފަސޭހައިން ހުށަހެޅޭ އުމުރަކީ ވެސް މިއީ އެވެ. ރަށްޓެހިން ހޯދައި އެ މީހުންނާ އެކު އެކި ކަންކަން ތަޖްރިބާކުރަން ފަށަނީ ވެސް ހަމަ މި އުމުރުގަ އެވެ. ކުދިންގެ ހަޔާތުގެ މިހާ މުހިއްމު ހިސާބެއްގައި ބައްޕަ ކުދިންނާ އެކު ހުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. މި އުމުރުގައި ނުރަގަޅު ކަންކަމަށް ހިތްވަރުދޭ އެކުވެރިންގެ މަޅިން ކުދިން ސަލާމަތްވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަމަކީ ބައްޕަގެ ފަރާތުން އެ ކުދިންނަށް ލިބޭ އަޅާލުމާއި ނަސޭހަތެވެ.

ކުދިން ބެލުމާއި، ތަރުބިއްޔާތުކުރުމުގައި މަންމަ އާއި ބައްޕަ ހިއްސާވުމުން ދެ މީހުންނަށް ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. އާއިލީ ހަމަޖެހުން ދެމިއޮތުމަށްޓަކައި އެކަކަށް ވެސް މާ ބޮޑަށް ބުރަ ނުވެ ގޭތެރޭގެ ކަންކަން އިންތިޒާމްވެފައި އޮތުން ވަރަށް މުހިއްމެވެ. މީގެ ނަތީޖާއަކަށް ވާނީ ދެމަފިރިންގެ ހާސްކަން ކުޑަވުމެވެ. ދެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމެވެ. އޭރުން ތުއްތު ދަރިފުޅު ނުކާން ބޮޑާ ހޭކިއަސް މަންމަ އެކަން ތަހައްމަލުކުރާނީ ހިތްހެޔޮކަމާ އެކު އެވެ. ދަރިފުޅަށް ގުރުއާން ކިޔަވައިދޭން އިންނަ ބައްޕަ ކިތަންމެ ފަހަރަކު ދަރިފުޅަށް ބުނެދޭން ޖެހުނަސް އެކަން ކުރާނީ މަޑުމައިތިރި ކަމާއެކު ލޯބިންނެވެ. މިއިން ކޮންމެ ކަމެއްގެ ފައިދާ ކުރަނީ ކުދިންނަށެވެ. އެކުދިންގެ ތައުލީމާއި، އުޅުމުން ފެނުން ގާތީ ޕޮޒިޓިވް ކަންކަމެވެ.

ގޭތެރޭގެ މަސައްކަތަކީ އަންހެނުންނަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލުކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރެވެން އޮތީ ވެސް ބައްޕައިންނަށެވެ. ކުދިން އެންމެ ކުޑައިރު ރޯލް މޮޑެލުންގެ ގޮތުގައި ބެލުން ގާތީ ބައްޕަ އެވެ. ބަދިގޭގެ ތަޅުމުގައި މޮޕްލާން މަންމަ ހުންނައިރު ބައްޕަ ކަބަޑް ސެޓް ސާފުކުރަން ހުންނަ މަންޒަރު ކުދިންނަށް ތަކުރާރުކޮށް ފެންނަ ނަމަ އެ ކުދިންގެ ސިކުނޑީގައި ހަރުލާނެ އެވެ. އެހިސާބުން ފެށިގެން ވެސް ކުއްޖާއަށް ވިސްނެން ފަށާނީ އަސްލު ކަން އޮންނަން ވީ ގޮތަކީ އެއީ ކަމެވެ.

ގޭތެރޭގެ މަސައްކަތްތަކުގައި ދެމަފިރިން ހިއްސާވުމަކީ ފަހަރެއްގައި ވެސް ދެބައަށް ހަމައަށް ބަހައިގެން ކަންކަން ކުރުމެއް ނޫނެވެ. އެގޮތަށް އެކަން ކުރަން ވިސްނައިފި ނަމަ ދެމަފިރިންގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް އެފެދުން ގާތެވެ. އެއަށްވުރެ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކީ އިހްތިރާމާއި، އަޅާލުން އެކުލެވިގެންވާ މާތް ގުޅުމަކަށް ވާންޖެހެ އެވެ. ކަންކަން ރޭވި ތަރުތީބުވެފައި އޮންނަންވާނީ ދެ މީހުންގެ ދެމެދުގައި ވާހަކަދެކެވިގެންނެވެ. އެކަކު އަނެކަކު ކުރަންވީ ކަންކަން އޮންނަންވާނީ އެނގިފަ އެވެ. ދެންހުރި އެހެން ކަންކަން ރާވާލަން ދެ މީހުންނަށް ވެސް ފަސޭހަ ވާނީ އޭރުންނެވެ.

ދެން އޮތީ ރޭވިފައި އޮތް ގޮތަށް ކަންކަން ނުދާނަމަ ކަންކުރަންވީ ގޮތެވެ. އެ ހާލަތުގައި ވެސް ދެމަފިރިން ވާހަކަދައްކައިގެން ގެންނަންޖެހޭ ބަދަލުތައް ގެންނާށެވެ. ނުކުރެވި ހުރި ކަންކަމާ މެދު އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ކޫސަނި ޒުވާބުތައް ކުރުމުގެ ބަދަލުގައި ހައްލުކުރެވޭނެ ގޮތް ހޯދަން މަސައްކަތްކުރާށެވެ. އަދި އެކަކު އަނެކެއްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރަން އަބަދު ވެސް ހަނދާން ބަހައްޓާށެވެ.

އަނެއްކާވެސް މި ވާހަކަ ފެށި ހިސާބަށް ޖެހިލާނަމެވެ. ކުދިން ތަރުބިއްޔަތުކުރުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި ބައްޕައިންގެ ބައިވެރިވުމަށް ހުރަސް އެޅޭ ސަބަބުތަކެވެ. ހަގީގަތުގައި ބައެއް ބައްޕައިން އެކަން ކުރަން ކިތަންމެ ބޭނުންވިޔަސް އެކި ކަހަލަ ނުފޫޒްތަކާ ހެދި ފަސްޖެހޭ ތަންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ވަކިން ހާއްސަކޮށް ބޮޑެތި ޢާއިލާތައް އެއްކޮށް އުޅޭއިރު މިކަން ހިނގާލެއް ގިނަ އެވެ. ކުދިންގެ މަންމަ ބަލިވެގެން ހެނދުނު ތެދުވަން އުނދަގޫވާ ހާލަތުގައި ތުއްތު ދަރިފުޅަށް ކާންދޭން ބައްޕަ އުޅުނަސް އެކަން އާއިލާގެ ބައެއް މީހުން ސިފަކުރަނީ އަނބިދަށުވުމުގެ ގޮތުގަ އެވެ. ނުވަތަ ކުދިންގެ މަންމަ ހިސާބަށް ވުރެ ކަންނެތީ އެވެ.

މި ވިސްނުން ބަދަލުކުރަން އެބަޖެހެ އެވެ. ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. ކުދިން ތަރުބިއްޔަތުކުރުމަކީ ބައްޕަގެ ވެސް ޒިންމާއެއް ކަން ވިސްނައިދީގެންނެވެ. އޭގެ ސަބަބުން ދަރިންނަށް ކުރާނެ ފައިދާތައް ބުނެދީގެންނެވެ.

އެޑިޓަރުގެ ނޯޓް: އަބްދުﷲ އަޝްރަފަކީ، ސައިކޮލޮޖީން ބެޗެލާސް ޑިގްރީ އަދި ސޯޝަލް ޕޮލިސީން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތާ ގުޅޭ ދާއިރާގައި މިހާތަނަށް 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާއިރު، އިޖުތިމާއީ މައްސަލަތަކުގައި އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފަ އެވެ. މި ދާއިރާ އިން އޭނާގެ ލިޔުއްވުންތައް "މިހާރު"ގައި ދެން ސިލްސިލާކޮށް ޝާއިއުކުރަމުން ގެންދާނެ އެވެ.