14 ޖުލައި 2021 - 17:40

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އަދިވެސް އޭނާގެ ނަން އޮތުމުން، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އުފައްދަން ހުށަހެޅުއްވި ސިޔާސީ ޕާޓީ އަށް ހުއްދަ ނުދީ އެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާތިލްކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ، "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އަބްދުﷲ ކަމާލުއްދީން އެދިވަޑައިގަތް ނަމަވެސް ފޯމު ބާތިލްކުރީ، އެ ކަމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު އަބްދުﷲ ކަމާލުއްދީންގެ ފުރިހަމަ ނުވާތީ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދޭ މީހާ އަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވެ އެވެ. ނަމަވެސް އަބްދުﷲ ކަމާލުއްދީން އަދިވެސް ހުންނެވީ އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށް އީސީން ބުނެ އެވެ.
އަމިއްލަ ޕާޓީއެއް އުފެއްދުމަށް އެދި އީސީ އަށް ފޯމު ހުށަހެޅުއްވުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ޕާޓީއެއް އުފައްދަން ނިންމީ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.
އޭނާ ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވައިފަ އެވެ. ޖުމްހޫރީ ޕާޓީއާ 2012 ވަނަ އަހަރު ގުޅިވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން އެ ޕާޓީން ވަކިވެވަޑައިގެން ދެން ސޮއިކުރެއްވީ އެމްއާރުއެމްއަށެވެ.
އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވައިފަ އެވެ.