އުގެއިލް ފައުންޑޭޝަނުން ބައެއް އެންޖީއޯތަކާ ބައްދަލުކޮށްފި
އުގެއިލް ފައުންޑޭޝަނުން ބައެއް އެންޖީއޯތަކާ ބައްދަލުކޮށްފި

އުގެއިލް ފައުންޑޭޝަނުން ރާއްޖޭގެ ބައެއް އެންޖީއޯތަކާ ބައްދަލުކޮށް، ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި 11 އެންޖީއޯތަކުން ބައިވެރިވި އެވެ. މި ބައްދަލުވުމުގައި، އެންޖީއޯތައް ހިންގުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އެންޖީއޯތަކުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގައި ހުރި ދަތިތައް ހިމެނެ އެވެ.

މީގެ އިތުރުން އެންޖީއޯތައް ގުޅިގެން ހަރަކާތްތައް ހިންގުމަށްޓަކައި އެކަށީގެންވާ ނެޓްވޯކެއް ގާއިމްވެފައި ނެތްކަން ފާހަގަކުރި އެވެ. އަދި ސްޕޮންސާޝިޕް ލިބުމުގައި ހުރި ދަތިތަކާއި އެންޖީއޯތައް މޮނީޓާކޮށް ބަލަހައްޓާނެ ރަނގަޅު އުސޫލެއް ނެތް ކަން އެންޖީއޯތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

އެންޖީއޯތަކުން ބުނީ، ސަރުކާރުން އެންޖީއޯތައް އެންމެ ފުރިހަމައަށް ރެގިއުލޭޓް ނުކުރެވޭ ކަމަށާޢި އެންޖީއޯތަކަށް ރާއްޖެއިން ބޭރުގައި ތަމްސީލުކުރަން އެކަށީގެންވާ ފުރުސަތުތައް ވެސް ނެތް ކަމަށެވެ.

އުގެއިލް ފައުންޑޭޝަން އުފެއްދީ 2019 ވަނަ އަހަރު އެވެ. މި އެންޖީއޯގެ މައިގަނޑު މަގްސަދަކީ އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެކި ދާއިރާތަކުން މަސައްކަތް ކުރުމެވެ.