14 ޖުލައި 2021 - 14:22

ބައެއް ފަރާތްތަކުން ރުގްޔާ ކުރުމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގާތީ އެކަން ހުއްޓުވުމުގެ ގޮތުން، ރުގްޔާ ކުރާ ފަރާތްތަކަށް އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރުގްޔާ ކުރާ ފަރާތްތަކަށް އުސޫލެއް ހަދަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރުގްޔާ ކުރުމުގެ ނަމުގައި މިދިޔަ އަހަރު އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރަހީނުކޮށް ހަތް އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މައްސަލައެއް ފެންމަތިވުމާ އެކު އާންމުންގެ މެދުގައި ވެސް ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް ވިދާޅުވީ ރުގްޔާ ކުރާ ފަރާތްތަކަށް އުސޫލެއް ކަނޑައަޅަން ނިންމައި މިނިސްޓްރީން އެކަމާ ގުޅޭ މަޝްވަރާތައް ފަށާފައި ވަނީ ބައެއް ފަރާތްތަކުން ނާޖާއިޒު ގޮތުގައި ރުގްޔާގެ ފައިދާ ނަގަމުން ދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
ރުގްޔާ ކުރުމަކީ ދީނާއި ގުޅުން ހުރި މައްސަލައެއް ކަމަށް ވާއިރު، ރުގްޔާ ކުރާ ފަރާތްތަކަށް އުސޫލެއް ހަދަން ނިންމާފައި ވަނީ އާންމުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ [ރުގްޔާގެ މައްސަލައަކީ] އާންމުންގެ މެދުގައި އޮންނަ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވެ އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު އުސޫލެއް ހަދަން ނިންމާފައި ވަނީ. އަޅުގަނޑުމެން މިދަނީ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން. މި މަޝްވަރާތަކަށް ފަހު އުސޫލު ކަނޑައެޅުމަށް ފަހު މި މިނިސްޓްރީން ހާމަކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރުގްޔާ ކުރާ ފަރާތްތަކަށް އުސޫލެއް ކަނޑައަޅަން އިސްލާމިކް މިނިސްޓްރީން ނިންމީ ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން މިދިޔަ މަހު އެޗްއާރުސީއެމް އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަޝްވަރާތައް ފަށާފައި ވަނިކޮށެވެ.
މިގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަ ބައެއް މައްސަލަތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ އިތުރުން ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމާ ގުޅޭ މަޝްވަރާ ވެސް މި ބައްދަލުވުމުގައި ވަނީ ކޮށްފަ އެވެ.