14 ޖުލައި 2021 - 13:36

ކާބުލް (ޖުލައި 14) - އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯ ސިފައިން، 20 އަހަރަށް ފަހު އެ ގައުމުން ފައިބައިގެން ދިޔުމާ ގުޅިގެން، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން މިހާރު އަންނަނީ، ސަރުކާރު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީ، ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންނެވެ.
މިއީ، އެ ގައުމުގެ އަމިއްލަ މިނިވަންކަމާއި ހަމަޖެހުމަށް މަސައްކަތްކުރި މުޖާހިދުންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވެ އެވެ. އެހެންކަމުން، ކުރީގެ ސޮވިއެޓް ޔޫނިއަންގެ އަޅުވެތިކަމާ ދެކޮޅަށް، 1980ގެ އަހަރުތަކުގައި ހަނގުރާމަ ކުރި މުޖާހިދުންގެ ޖަމާއަތްތައް، އެ މީހުންގެ ހަތިޔާރުތައް ފޮޅައި ސާފުކޮށް، މިހާރު ތައްޔާރުވަމުން އަންނަނީ، ތާލިބާނުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމަށެވެ.
އަފްގާނިސްތާނު ސަރުކާރު ސިފައިންނާއި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު މިހާރު ވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދާއިރު، މުޖާހިދުންގެ ޖަމާއަތްތައް ހަނގުރާމަ އަށް ވަދެއްޖެ ނަމަ، އެ ގައުމުގައި ވަރުގަދަ ދާހިލީ ހަނގުރާމައެއް އަނެއްކާވެސް ފެށޭނެ އެވެ.
އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ފައިބަން ތައްޔާރުވާން ފެށުމާ އެކު، މިދިޔަ އަހަރުން ފެށިގެން ތާލިބާނުންގެ ހަމަލާތައް އަންނަނީ ވަރުގަދަވަމުންނެވެ. އަދި މިދިޔަ މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމާ ގުޅިގެން، އެ ގައުމުގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
އަފްގާނިސްތާނުގެ މުޖާހިދުންގެ ޖަމާއަތްތައް ހަނގުރާމަ އަށް ތައްޔާރުވަމުން އަންނަ އިރު، އެމީހުން ތާލިބާނުންނާ ހަނގުރާމަ ކުރާނީ ސަރުކާރު ސިފައިންނާ ގުޅިގެން ކަމެއް ނުވަތަ މިނިވަން ލަޝްކަރެއްގެ ގޮތުގައި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
"ބިދޭސީ ބައެއްގެ މަސްލަހަތާ އެކު، ބަޔަކު އަހަރެމެންގެ ވަތަނަށް ހަމަލާ ދޭއިރު، އަހަރެމެންގެ ހަމަތަކާއި އުސޫލުތައް ނުރައްކަލަށް ހުށަހެޅިގެން ދާއިރު، އަހަރެމެންގެ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެވޭ އިރު، އަފްގާނިސްތާނު އަންހެނުން އުނގެނުމުގެ ހައްގުން މަހުރޫމްކޮށް، އެހެން ހައްގުތައް އެމީހުންގެ ކިބައިން ނިގުޅައިގަންނަ އިރު، އެ ކަންކަމާ ދެކޮޅަށް ހަތިޔާރު ނެގުން ނޫން އެހެން ގޮތެއް އަހަރެމެންނަކަށް ނެތް،" ޖާމިއަތޭ އިސްލާމީ ޕާޓީގެ ލީޑަރު އަތާ ނޫރު ވިދާޅުވި އެވެ.
އަތާ ނޫރަކީ، 2001 ވަނަ އަހަރު ތާލިބާނުންނާ ދެކޮޅަށް، އެމެރިކާ އާއި ނޭޓޯ އިން އުފެއްދި ގުޅިފައިވާ ލަޝްކަރަށް، ވާގިވެރިވުމަށް މުޖާހިދުންގެ ޖަމާއަތްތައް ގުޅިގެން އެކުލަވައިލި ނޮދަން އެލަޔަންސްގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ހަނގުރާމައިގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ 1980ގެ އަހަރުތަކުގައި ސޮވިއެޓް ސިފައިންނާ ދެކޮޅަށް، އަދި 1989 ގައި ސޮވިއެޓް ސިފައިން ފައިބައިގެން ދިޔުމަށް ފަހު، އުފެދުނު ދާހިލީ ހަނގުރާމައިގައި، 1990ގެ އަހަރުތަކުގައި ތާލިބާނުންނާ ދެކޮޅަށް ވެސް ހަނގުރާމަ ކޮށްފަ އެވެ.
އަފްގާނިސްތާނުގެ މުޖާހިދުން ސޮވިއެޓް ސިފައިންނާއި ތާލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވެސް، ބޭރު ގައުމުތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް މުޖާހިދުންނަށް ލިބުނެވެ. އޭގެ ތެރޭގައި އެމެރިކާ، ޔޫރަޕް، މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން ޕާކިސްތާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަން ހިމެނެ އެވެ.
ތާލިބާނުންގެ ހަމަލާތައް އަފްގާނިސްތާނުގެ އުތުރުގެ އަވަށްތަކުގައި ވަރުގަދަވާން ފެށުމާ ގުޅިގެން، އަތާ ނޫރުގެ ބާރު ހިނގާ ސަރަހައްދުތަކުގެ ސިޔާސީ ހަމަޖެހުމަށް ވަނީ ލޮޅުން އަރަން ފަށައިފަ އެވެ. އެއާ ގުޅިގެން އަތާ ނޫރު އާއި އޭނާގެ ފިރިހެން ދަރިން ވަނީ، އެ ސަރަހައްދުން ތާލިބާންގެ ހަނގުރާމަވެރިން ފައްސައިލުމުގެ ބޭނުމުގައި ސަރުކާރު ސިފައިންނާ ގުޅިފަ އެވެ.
ތާލިބާނުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން އަލުން ތެދުވުމަށް، އަތާ ނޫރު ގޮވައިލެއްވުމާ އެކު، ކުރީގެ މުޖާހިދުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ވަނީ، އޭނާއާ އެކު ހަނގުރާމައިގައި ބައިވެރިވުމަށް ނިންމައިފަ އެވެ.
އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގައި، އޭރު އޮތް ވަގުތީ ސަރުކާރުގެ ސިފައިންގެ މައްޗަށް ކާމިޔާބު ހޯދައި، ތާލިބާނުންގެ ވެރިކަމެއް އެ ގައުމުގައި ގާއިމުކުރީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެމެރިކާ ސިފައިން 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އަފްގާނިސްތާނަށް އަރައި ތާލިބާނުން ބަލިކުރުމާ ގުޅިގެން އެޖަމާއަތުގެ ބާރު ކެނޑިގެން ދިޔަ އެވެ.
ތާލިބާން ޖަމާއަތް އުފެދުނީ، 1992-1996 އަށް އަފްގާނިސްތާނުގައި ހިނގި ދާހިލީ ހަނގުރާމައިގެ ތެރޭގައި 1994 ވަނަ އަހަރުގެ ތެރޭގަ އެވެ. ތާލިބާން ޖަމާއަތް އުފެދުނު އިރު، އެ ޖަމާއަތުގައި މައިގަނޑު ގޮތެއްގައި ތިބީ، އަފްގާނިސްތާނުގެ އިރުމައްޗާއި ދެކުނުގައި އޮންނަ ޕޮޝްތޫ ދަރިކޮޅުތަކުގެ އަވަށްތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ، ޕޮޝްތޫންގެ އަމިއްލަ މަދަރުސާތަކުގައި ކިޔަވަމުން އައި ޒުވާން ދަރިވަރުންނެވެ. އެ ޖަމާއަތަށް ތާލިބާންގެ ނަން ދީފައިވަނީ، އެ ދަރިވަރުންނަށް ނިސްބަތްކޮށެވެ. ޕޮޝްތޫ ބަހުން ތާލިބާންގެ މާނައަކީ ދަރިވަރުންނެވެ.