14 ޖުލައި 2021 - 14:12

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ 20،000 އެއްހާ މުވައްޒަފުންނަށް އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން މައިކްރޮސޮފްޓް 365ގެ ހިދުމަތް ހޯދަން މައިކްރޮސޮފްޓާ އެކު އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި، ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
އޭނާ ވަނީ އެ ހިދުމަތް ސަރުކާރުގެ އިދާރާތަކާއި ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރާ އެކު މައިކްރޮސޮފްޓްގެ އޭޝިއާ ޕެސިފިކް، ސްރީ ލަންކާ އަދި ރާއްޖޭގެ ޓީމު ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝައުނާ ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވެފައި އެއް ޕްލެޓްފޯމަކަށް އިދާރީ ހިންގުންތައް ބަދަލުކުރުމުން އެތައް ފައިދާއެއް ލިބޭނެ ކަމަށެވެ. މައިކްރޮސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލައި، ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް މަގު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ މިއަދު ވަރަށް މުހިއްމު. ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން އެކަންޏެއް ނޫން. ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗާ ހިންގުން އަދި މަސައްކަތްކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތްކުރާ ބައެއްގެ ވިސްނުން ވެސް ބަދަކުރަންޖެހޭނެ،" ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ނޭޝަނަލް ރެސިލިއެންސީ އެންޑް ރިކަވަރީ ޕްލޭންގެ ދަށުން މަސައްކަތްތައް ޑީސެންޓްރަލައިޒްކޮށް، ގެއިން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވިގޮތުގައި، މި ގެންނަ ބަދަލާ އެކު، މަސައްކަތުގައި މީހުން ކުރާ ދަތުރުތައް މަދުކުރެވޭނެ އެވެ. އެހެންވެ ސައިކަލު، ކާރު އަދި ފެރީ ދަރުތުތައް މަދުވެ، ތިމާވެއްޓަށް ގެއްލުން ބޮޑު ކާބަންޑައިއޮކްސައިޑް ފަދަ ގޭސްތައް މާހައުލަށް ބޭރުވާ މިންވަރު ވެސް ކުޑަވާނެ ވިދާޅުވި އެވެ.