04 ޖޫން 2016 - 22:07

ޖެންސް ފްރައިޑް ޗިކަން (ޖޭއެފްސީ)ގެ ހާއްސަ ރަހައެއް ރޯދަ އަށް ތައާރަފްކޮށް، ކުކުޅު ކެއުމުގެ މުބާރާތެއް ބާއްވައިފި އެވެ.

ހޮޓެލް ޖެން އިން ރޯދަ އަށް ހާއްސަ ކޮށްގެން ތައާރަފް ކޮށްފައި ވަނީ އެ ހޮޓެލުގެ މެނޫގައި މިހާރު ހިމަނާފައިވާ ފްރައިޑް ޗިކަން އޮރިޖިނަލް އާ ތަފާތު، ތަންކޮޅެއް ކުޅި ރަހަ އެކެވެ.
ޖެންގައި މިރޭ ބޭއްވި މި މުބާރާތުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި 70 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ނަން ހުށަހެޅި ކަމަށް ޖެންގެ އެސިސްޓަންޓް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވި އެވެ. އަދި ގުރުއަތުން ހޮވުނު 10 ބައިވެރިންނަށް މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.
"މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށް ވެސް ލިބޭނީ ތިން މިނެޓު. އެ ވަގުތުކޮޅު ތެރޭ އެންމެ ގިނަ ކުކުޅު ކެވޭ ބައިވެރިއަކު މޮޅު ވާނީ. މިއީ ރާއްޖޭގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
މި މުބާރާތުން އެއްވަނަ އަށް ދިޔަ ޖެނިސް ކެޓަލުން އަށް ލިބުނީ ޖެންގައި ދެ ދުވަހު ހުރުމުގެ ފުރުސަތެވެ. އަދި ދެވަނަ އަށް ދިޔަ މުހައްމަދު ރައިސާން އަށާއި ތިންވަނަ އަށް ދިޔަ ހަސަން އަޔާޒް އަށް ލިބުނީ ޖެން އިން ރޯދަ ވިއްލުމުގެ ފުރުސަތެވެ.
މި އަހަރުގެ ރޯދަ މަހަށް ޖެން އިން އަލަށް ތައާރަފް ކުރި "ޖޭއެފްސީ ސްޕެޝަލް އެޑިޝަން" ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ހަވީރު 3:00 އިން މެންދަމު 3:00 އަށް ލިބެން ހުންނާނެ ކަމަށް ނީނާ ވިދާޅުވި އެވެ. އަދި މި ރަހައިގެ ކުކުޅު ލިބެން ހުންނާނީ ހަމައެކަނި ރޯދަ މަހު ކަމަށް އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑުމެން މި ރޯދަ މަހު ޖޭއެފްސީ ސްޕެޝަލް އެޑިޝަން ވިއްކާނެ އަށް ކުކުޅުކޮޅާއި 24 ކުކުޅުކޮޅު ހިމެނޭ ޕެކޭޖެއް ގޮތަށް. އަދި އެއާ އެކީ ދެ ވައްތަރެއްގެ ހާއްސަ ސޯސްއެއް ވެސް ހިމެނޭނެ. އެއީ ވިނެގާ ސޯސްއަކާއި ގިތެޔޮ މިރުސް ސޯސްއެއް،" ނީނާ ވިދާޅުވި އެވެ.
މި މުބާރާތަށް ފަހު ޖެން އިން ވަނީ އެ ހޮޓަލުގެ ރޯދަ މެނޫތައް ތައާރަފް ކޮށްފަ އެވެ. ހަފުތާގެ ކޮންމެ ދުވަހަކު ތަފާތު ބާވަތްތައްކުގެ ކެއުންތައް ހުންނާނެ ކަމަށް ނީނާ ވިދާޅުވި އެވެ. އެގޮތުން އޭޝިއަން، އިންޑިއަން، ވެސްޓާން އަދި މިޑްލް އީސްޓަން ޑިޝްތައް ހިމަނާފައިވެ އެވެ.