14 ޖުލައި 2021 - 11:16

ރޮޒާރިއޯ، އާޖެންޓީނާ (ޖުލައި 14) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފުރަން ހަމަޖެހިފައި ވަނިކޮށް އެއާޕޯޓަށް ދިޔަ މީހެއްގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
އާޖެންޓީނާގެ ރޮޒާރިއޯގެ އެއާޕޯޓުން ފުރައިގެން ސްޕެއިނަށް މެސީ ދަތުރުކުރަން އޮތް ފްލައިޓް ދަތުރު ފެށުމުގެ ކުރިން އެއާޕޯޓަށް ދިޔަ މީހަކު ވަނީ އޭނާގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނެފަ އެވެ. ވަގުތުން އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލައި ސަލާމަތީ ފިޔަވަޅުތައް އެޅި އެވެ.
އެއާޕޯޓްގައި އެ ވަގުތު ތިބި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ފިޔަވަޅުތައް އެޅި އެވެ. އެއާޕޯޓުގެ ސެކިއުރިޓީން ވަނީ ބޮމެއް އޮތް ކަމަށް ބުނި މީހާ ހައްޔަރު ކޮށްފަ އެވެ. އެކަން އެންމެ ފުރަތަމަ ހިނގީ އެއާޕޯޓުގައި އޭނާ އުޅުނު ގޮތުން ޝައްކު ކުރެވިގެންނެވެ. އެ ޝައްކުތަކުގެ ތެރޭގައި އޭނާ ވަނީ ފޮށީގައި ބޮމެއް އޮތް ކަމަށް ބުނެފަ އެވެ.
ނަމަވެސް އޭނާ ހެދީ ދޮގެއްކަން އެނގުނީ އެއް ގަޑިއިރު ފަހުން އަލުން އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމުންނެވެ. އެކަން ހިނގިއިރު މެސީ އެއާޕޯޓަކަށް ނުދެ އެވެ. މެސީ އެއާޕޯޓަށް ދިޔައީ އޭގެ ފަހުންނެވެ.
އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް ފަހު މެސީ ވަނީ މިހާރު އެނބުރި ސްޕެއިނަށް ގޮހެވެ. ބާސާ އިން މެސީއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން އޭނާ މިހާރު ހުރީ އެއްވެސް ކްލަބެއްގައެއް ނޫނެވެ.