14 ޖުލައި 2021 - 07:27

އާދިއްތަ ދުވަހާ ގުޅޭ
"ރައްޔާ ގެއްލިގެން މިހާ ދުވަސްވީ އިރު ވެސް ކީއްވެގެންތޯ ފުލުހުންނަށް ރިޕޯޓުނުކުރީ؟" ތޮލާލު ސުވާލުކުރިއެވެ.
ދޭނެ ޖަވާބަކާ މެދު ބޮޑުދައިތަ ވިސްނައިލިއެވެ. ދައްކަން ހުރި ވާހަކަ ވަރަށް ގިނައެވެ.
"ދެރަކަމެއް ދިމާވީމަ ރޯން ހުރީ އަހަރެން. ޒިންމާވާންވީ ވެސް އަހަރެން،" ވަރަށް ހިތްހަމަނުޖެހިފައި ބޮޑުދައިތަ ބުންޏެވެ. "އެކަމަކު އެންމެ ބަސް ނުވިކޭ މީހަކީ ވެސް އަހަރެން."
ބޮޑުދައިތަގެ ވާހަކައިން އެނގުނު ގޮތުގައި، ގިނަ ވަގުތު ރައްޔާ އުޅެނީ ގެއިން ބޭރުގައެވެ. އުޅޭ ތަނެއް، ކުރާ ކަމެއް ނޭނގެއެވެ. އެހިޔަސް ނުބުނެއެވެ. ރައްޔާ ހިނގާ މަގުން ދަރިން ހިނގައިފާނެތީ، އެ ކަމާ ގަންނަ ބިރެއްގެ ސަބަބުން، ކުދިން ބަލަން ބޮޑުދައިތަ ހަވާލުވީއެވެ. އަމިއްލައަށް އެދިގެން، އާދޭސްކޮށްގެންނެވެ. ކުދިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައި ނުދެވުނަސް، އަބާއްޖަވެރި މަގުން ސަލާމަތްކޮށްދިނުމުގެ އުންމީދުގައެވެ. ބުންޏަކަސް ބުނާ އަޑެއް ރައްޔާ ނާހައެވެ. ނަސޭހަތެއް ގަބޫލެއް ނުކުރެއެވެ. ބައެއް ފަހަރަށް ގެއަށް ނައިސް ބޭރުގައި ދެތިން ދުވަހު ވެސް އުޅެފާނެއެވެ. މަރުވެފައި އޮއްވައި އެ ފެނުނީ ވެސް، އޭނަ ގެއަށް ނާންނަތާ ދެ ދުވަހެއް ފަހުންނެވެ.
ރައްޔާ ދިރިއުޅޭ "ކޮޓަރި" އަށް ފުލުހުން ވަނެވެ. ކޮޓަރިއަކަށް ވުރެ އެ ތަން ވައްތަރީ ހޮރަކާއެވެ. ޖާގައިގެ ދަތިކަމާއި، ކުޑަކަމާއި، މުޑުދާރުކަމުންނެވެ. ފުލުހުންނަށް އެ ކޮޓަރިން ވެސް ޑުރަގު ފެނުނެވެ. އެކަމަކު މަރުގެ ތަހުގީގަށް އެހީތެރިކަމެއް ލިބިދާނެ އެއްވެސް ހެއްކެއް ނުފެނުނެވެ. ކޮޓަރީގެ ތަޅަކަށް ގެއްލުމެއް ލިބިފައެއް ނެތެވެ. ތަނުގެ ތަރުތީބު ގެއްލިފައި ހުއްޓަސް، ތަޅާފޮޅުމެއް ހިނގައިފައި ހުރި ކަމުގެ އެއްވެސް އަލާމާތެއް ނެތެވެ. އެއްޗެއް ހަލާކުވެފައެއް ނެތެވެ. ކޮޓަރިއަށް ބަޔަކު ވަންތަނެއް، ނުކުތްތަނެއް ނުވަތަ ކޮޓަރި ތެރެއިން އަޑުތަކެއް އިވުނު މީހަކު ނެތެވެ. ކޮޓަރިއަކު ލެޔެއް ވެސް ނެތެވެ. ތޮލާލަށް ޔަގީންކުރެވުނު ގޮތުގައި، ރައްޔާއަށް އަނިޔާކޮށްފައިވަނީ އެ ކޮޓަރިއަކު ނޫނެވެ. ވީމާ، ސުވާލު އޮތް ގޮތަށް އޮތީއެވެ. ރައްޔާ މަރާލީ ކާކު ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ރައްޔާއާ ގުޅުން އޮންނަ ފިރިހެނުންގެ ލިސްޓު ދިގުކަމުންނެވެ. ރައްޔާގެ ގެޔާ ކައިރި ހިސާބެއްގައި ވެސް ސީސީޓީވީ ކެމެރާއެއް ނެތެވެ. އަނެއްކޮޅުން ވާރޭގެ ސަބަބުން ފޮށީގެ ބޭރު ހުރީ ވަރަށް ރަނގަޅަށް ދޮވެވިފައެވެ. ފޮށީގެ އެތެރެއަށް ވެސް ހުރީ ފެން ވަދެފައެވެ. އިނގިލީގެ ނިޝާނެއް ފޮށްޓަކު ނެތެވެ. ފޮށީގެ ބޭރުގައި ހުރީ ކުނިބުނީގެ އަސަރެވެ.
އަފާޒު ގެއަށް އައި ވަގުތު އަފާޒު ހައްޔަރުކުރިއެވެ. މީހާގެ ސިފަޔާއި، ފުލުސް ރިކޯޑަށް ބަލައިފި ނަމަ އަފާޒަށް ޝައްކު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ވަގުތުން ފުލުސްއޮފީހަށް ގެންގޮސް ތަހުގީގު ފެށުނެވެ. އަފާޒު އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. ގަދައެއް ނަހަދައެވެ. ކުރި ހުރިހާ ސުވާލަކަށް ޖަވާބުދިނެވެ. ވީ ގޮތް ކިޔައިދިނެވެ. އަފާޒު ދެއްކި ވާހަކަތަކާ މެދު ތޮލާލަށް ޝައްކެވެ. ތެދެކެވެ. މީހަކު މަރައިލައިފައި، ފޮށްޓަކަށް ލައިގެން އެކަކު ވެސް ގެޔަކަށް ނުގެންނާނެއެވެ. ފޮށްޓަށް ލާނީ ހަށިގަނޑު އެއްލައިލާންކަމަށް ވާތީއެވެ. އަފާޒު ގެއަށް ފޮށި ވެއްދި ތަން ކެމެރާއިން ފެނެއެވެ. އެކަމަކު އެއީ ހުސް ފޮށްޓަކަށް ވެސް ވެދާނެއެވެ. އަފާޒަށް ފޮށި ފެނުނު ތަން، ތަކުރާރުކޮށް އަފާޒު ބުނަމުން ގެންދިޔައެވެ. އެ ކަން ސާބިތުވާން އަފާޒު ބޭނުމެވެ. ވުމާއެކު، އަފާޒު ހައްޔަރުގައި ބަހައްޓައިފައި، ފޮށި ހުރި ތަނަށް ތޮލާލުގެ ޓީމު ދިޔައެވެ.
އަފާޒަށް ފޮށި ފެނުނުކަމަށް ބުނި ހިސާބުގައި ހަތަރު ސީސީޓީވީ ކެމެރާ ހުއްޓެވެ. އެކަމަކު ކެމެރާތައް އަނބުރައިފައި ހުރި ގޮތުން، އެއްވެސް ކެމެރާއަކަށް އެ ފޮށްޓެއް ނުވަތަ ފޮށި ބެހެއްޓި މީހެއް އަރައިފައެެއް ނެތެވެ. ފޮށި ހުރި ހިސާބުގެ ފިހާރަތަކުގެ މީހުން، ފޮށި ހުރި ކަމަށް ހެކިދިނެވެ. އެ މީހުން ބުނި ގޮތުގައި، އެއީ ހެނދުނުއް ސުރެ ހުރި ފޮށްޓެކެވެ.
ފޮށި ފެނުނު މީހުންގެ ވާހަކައިން އެނގުނު ގޮތުގައި، ހެނދުނު މާލޭގެ ކާރުބާރު ބޮޑުވެގެން އައި އިރު، ދުވާރުގެ ފާރާ ކައިރީގައި، މުށިކުލައަކަށްދާ ފޮށްޓެއް، ކޮޅަށް ބަހައްޓައިފައި ހުއްޓެވެ. ފޮށި ވަރަށް އަލެވެ. ކޮންމެ މީހަކު ވެސް ހީކުރީ، މީހަކު ތަނަކަށް ފުރަން ވެގެން، ވަގުތީ ގޮތުން ބަހައްޓައިފައި ހުރި ފޮށްޓެއް ކަމަށެވެ. ހިސާބުގަނޑުގެ ފިހާރަތަކުގެ މީހުން ވެސް ހީކުރީ އެހެންނެވެ. ނޫން ނަމަ، އެހާ އާ ފޮށްޓެއް އެހެނެއް ނުހުންނާނެއެވެ. ކޮންމެ މީހަކަށް ވެސް ފޮށި ފެނެއެވެ. އެކަމަކު، ކޮންމެ މީހަކަށް ވެސް ހީކުރެވުނީ ފޮށީގެ ވެރިޔާ ކައިރި ހިސާބެއްގައި ހުންނާނެކަމަށެވެ. ޓެކުސީއެއް ލިބޭތޯއެވެ. ފޮށީގެ ވެރިމީހާ ހޯދާކަށް އެކަކު ވެސް މަޑެއް ނުކުރެއެވެ. ކޮންމެ މީހަކީ ވެސް އަވަދިނެތި އުޅޭ މީހެކެވެ. ފޮށްޓަކަށް ގަބުރެއް ލައިފައި، އެ ފޮށި މަގުމަތީގައި ބަހައްޓައިފައި ހުރެދާނެކަމަކަށް އެކަކު ވެސް ހިޔެއް ނުކުރެއެވެ.
މެންދުރުވީ އިރު ވެސް ފޮށި ހުއްޓެވެ. ބައެއް މީހުން ފޮށި ކައިރިއަށް ހުއްޓިލައި، ވަށައިގެން ހޯދައި ހެދިކަމަށް ވެއެވެ. ފޮށީގެ ވެރިއެއް ފެނޭތޯއެވެ. ކައިރިން ދިޔަ ބައެއް މީހުން ސުވާލު ވެސް އުފެެއްދިއެވެ. އެންމެ ބޮޑުވަރު ކުރި މީހާ ވެސް ކުރި ކަމަކީ، ފޮށި ކިހާ ބަރުތޯ ބަލައިލަން ހިއްލައިލަން އުޅުމެވެ. އެ ކަން ނުވުމުން އޭނަ ވެސް ދެން އަޅައެއްނުލައެވެ.
ރޭގަނޑު ހަތެއް ޖެހީއްސުރެ އަށެއް ޖެހުމާ ކައިރިވަންދެން، މާލެއަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. ރޭގަނޑު ފިހާރަތައް ހުޅުވަން މީހުން އައި އިރު ވެސް ފޮށި ހުރީ ދުވާރުމަތީގައެވެ. އެ ހިސާބުން މީހުންގެ ލޮލުގައި، ކުރިޔަށް ވުރެ ބޮޑަށް ފޮށި އަޅައިގަންނަން ފެށިއެވެ. އެކަމަކު އެކަކު ވެސް އެއަކު އަތެއް ނުލައެވެ. އަތްލަން ކެރުނީ، ފޮށްޓާ ދިމާއަށް ބަލަން ދުރުގައި އިރުކޮޅަކު ހުރެފައި އައި އަފާޒަށެވެ. އަފާޒަށް ގަބޫލުކުރެވުނު ގޮތުގައި، އެއިން ހިސާބަކު ވެސް ފޮށީގެ ވެރިމީހާއެއް ނެތެވެ.
އަފާޒަކީ، އުކާލަން ގޭގޭދޮށަށް ނެރެފައި ހުންނަ ކުނި ހާވާ ޒުވާނެކެވެ. އެއިން ލިބޭ އާމުދަނީން އަފާޒު ކުރަން އެންމެ ބޭނުންވާ ކަންތައް ކުރެވެއެވެ. އެއީ މަސްތުވުމެވެ. އެ ކަމަށް ބޭނުންވާ ސާމާނު ގަންނަން ފައިސާހޯދުމެވެ. ވަރަށް ހަމަޖެހިލައިފައި އައި ގޮތަށް ފޮށި ހިފައިގެން އަފާޒު ހިނގައިގަތީއެވެ. ފަސް އެނބުރި ބެލުމެއް ނެތިއެވެ. ފުރޮޅު ހުރި ފޮށްޓެއްކަމުން ފޮށި ގެންދާކަށް އަފާޒަކަށް އެއްވެސް އުނދަގުލެއް ނޫނެވެ. އެއް ކަމެއް އަފާޒަށް ޔަގީނެވެ. ފޮށި ބަރެވެ. އެތެރޭގައި ކޮންމެވެސް އެއްޗެއް އެބަ ހުއްޓެވެ.
އަނެއްކާ ވެސް ތަހުގީގު ކޮޓަރިއަށް އަފާޒު ހާޒިރުކުރިއެވެ.
"ތަޅު ހަލާކުނުކޮށް ފޮށި ހުޅުވީ ކިހިނެއް؟" ތޮލާލު އެހިއެވެ.
"އާނ! ތި ކަން ވީ ގޮތް ވެސް ކިޔައިދީފާނަން. އަހަރެން ފޮށި ގެންދިޔައީ އޭގަ ހުރި އެއްޗެހި ކަޓުވާލަން ވެގެން. ލޮކު ހަލާކުކޮށްލައިގެން ފޮށި ހުޅުވީ،" އަފާޒު ކިޔައިދިނެވެ. "އެކަމަކު ފޮށީގަ ހުރީ އަހަރެން ހީކުރި އެއްޗެއް ނޫން. ދެން އަހަރެން އަތުޖެހުނު ލޮކެއް ފަހުން ފޮށީގަ އަޅުވައިފަ އެހެރީ."
ފުލުހުންނަށް އެ ވާހަކަ ގަބޫލުކުރެވުނެވެ. އާ ފޮށްޓެއްގައި އެހާ ބާ، ބޮޑު ތަޅެއް މީހަކު ނާޅުވާނެއެވެ. ތޮލާލު ވިސްނި ގޮތުގައި، އެއް ގޮތަކުން އެއީ ނަސީބެކެވެ. ފުރަތަމަ ތަޅުން، ފަހަރެއްގައި އިނގިލީގެ ނިޝާނެއް ލިބިދާނެއެވެ. އެ ތަޅުގައި ކުނިބުނި ހޭކިފައެއް ވެސް ނުހުންނާނެއެވެ.
"ހަލާކުކޮށްލި ތަޅު ކޮބާ؟" ތޮލާލު އެހިއެވެ.
އަފާޒުގެ ކޮޓަރީގައި ތަޅު އޮންނާނެއެވެ. އެކަމަކު އެ ތަނަށް ފުލުހުން ވައްދައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
"އެ ތަޅު ވެސް އަހަރެން ޑަސްބިނަށް ވައްޓާލީ." އަފާޒު ދޮގުހެދިއެވެ.
އަފާޒު މިނިވަންކުރިއެވެ. މައްސަލަ އެ ހިސާބުން ކުރި ބެދުނެވެ. ކުރިޔަށް ދާނެ މަގެއް ނުފެނުނެވެ. އޮތް ހަމަ އެކަނި އެއްޗަކީ ފޮށްޓެވެ. ފޮރެންސިކު ޑިޕާޓުމަންޓުން ފޮށީގެ ބޭރު ކޮޅުންކޮޅަށް ތަހުލީލުކުރިއެވެ. ކުރިޔަށްދާނެ އެއްވެސް މަގެއް ފެނޭތޯއެވެ. އެއީ ސީޑޯ ނަމަކަށް ކިޔާ، މާލޭގައި ވަރަށް އާންމު، އަގު ހެޔޮ މަރުކާއެއްގެ ފޮށްޓެކެވެ. އެ ފޮށްޓަކުން އިނގިލީގެ ނިޝާނެއް އަތަކު ނުޖެހުނެވެ. އެކަމަކު، ވަރަށް މުހިންމު އެހެން އެއްޗަކަށް އަނަސްގެ ނަޒަރު ހުއްޓުނެވެ. އެއީ އަގުޖަހައިފައިވާ އިސްޓިކާއެވެ. އެ އިސްޓިކާ ހުރީ ނައްޓައިނުލައެވެ. ނައްޓަން އުޅެފައެއް ވެސް ނެތެވެ. އިސްޓިކާ ރީތިކޮށް ފުހެލުމުން، ވަރަށް ސާފުކޮށް ކިޔަން އެނގެއެވެ. ފޮށި ވިއްކި ތަނުގެ ނަން އެ އިސްޓިކާގައި އޮތެވެ. އެއީ މާލޭގައި ފޮށި ވިއްކާ އެންމެ މަޝްހޫރު ފިހާރަތަކުގެ ތެރެއިން ފިހާރަޔަކުން ގަނެފައިވާ ފޮށްޓެކެވެ. ފުލުހުން ދެން އެނބުރެން ޖެހުނީ އެ ދިމާއަށެވެ.
ފޮށި ވިއްކި ފިހާރައަށް ފުލުހުންގެ ޓީމެއް ދިޔައެވެ. އެ ތަނުގައި އެ މަރުކާގެ ފޮށި ހުއްޓެވެ. ފިހާރައިން ކަށަވަރުކޮށްދިން ގޮތުގައި، އެ ފޮށި ގަތް ވަގުތު ހޯދައިލުމަކީ ދާދި ފަސޭހަ ކަމެކެވެ. ކޮންޕިއުޓަރު ސިސްޓަމުން ވަގުތު ބަލައިލުމަށް ފަހު، ސީސީޓީވީން އެ ވަގުތު ފިހާރަޔަށް ވަން މީހުން ބަލައިލެވޭނެއެވެ. ފޮށި ގަތް މީހާ ވެސް ފެންނާނެއެވެ.
ކެމެރާއިން ރިކޯޑުވެފައިވާ މަންޒަރުތަކުން ފެނުނު ގޮތުގައި، ފޮށި ގަތީ ޒުވާނެކެވެ. ސިފައަށް ބަލައިލުމުން ވަކި ގިންތިއަކާ ގުޅުވައިލަން ފަސޭހައެވެ. އިސްތަށިގަނޑު ދިގެވެ. ގަޔަށް ދޫ، ގޮޅިޖެހި، އަތްދިގު ގަމީހެކެވެ. ސޮހިފައިވާ ފަޓުލޫނެކެވެ. ތަޅުންގަނޑުގައި ހުރި އޭނަގެ ހިޔަންޏާއި، ތަޅުންގަނޑުގައި ޖަހައިފައި ހުރި ތަށިމުށީގެ ސައިޒަށް ވިސްނައި، ކުޑަ ހިސާބެއް ހަދައިލުމުން އޭނަގެ އިސްކޮޅު އެނގުނެވެ. އެއީ ހަ ފޫޓެވެ. އުމުރު ޖެހުނީ އަންދާޒާކުރާށެވެ. ގާތްގަނޑަކަށް ވިހިބާވީހެވެ.
"ވަށިގާޑިޔާ ވޭދަނައިގައި" މަރައިލައިފައިވާ އަންހެންކުއްޖާގެ ނަމާއި، އޭނަ އުޅޭ ތަން ފުލުހުންނަށް އެނގިއްޖެއެވެ. ކުށްވެރިޔާގެ އިސްކޮޅާއި، ސިފަ ވެސް ދަނެގަނެވިއްޖެއެވެ. ފޮށި ހިފައިގެން ކުށްވެރިޔާ އެރީ ކޮން ސައިކަލަކަށްކަން ވެސް، ބޭރުގައި ހުރި ކެމެރާގެ އެހީގައި ފުލުހުންނަށް ދަނެގަނެވުނެވެ. ސައިކަލުގެ ލައިސަން ނަންބަރު ލަފާކުރެވުނެވެ. ދެން ހޯދަން ބޭނުންވީ ގާތިލުގެ ނަމެވެ.
ނުނިމޭ