މި އަހަރު ވެސް އުރީދޫ އަތޮޅު ރަން ބާއްވަނީ
މި އަހަރު ވެސް އުރީދޫ އަތޮޅު ރަން ބާއްވަނީ

އުރީދޫ އިން ބާއްވާ "އުރީދޫ އަތޮޅު ދުވުން 2021" އިއުލާންކޮށް ބައިވެރިން ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ދުވުމުގައި ރަޖިސްޓާ ވަނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ނޭޝަން ވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށީ ދިޔަ އަހަރު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރު ދުވުން ބޭއްވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އެވެ. މި އަހަރުގެ ދުވުން ބާއްވަނީ އެ ކުންފުނީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ.

މި އަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރާ 10 ކިލޯމީޓަރުގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން ޖުލައި 27، 2021 ގެ ހަވީރު 6 ގެ ކުރިން ރެޖިސްޓާވެ މުޅި އެކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ. މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އޯގަސްޓް 1-7 އާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.

އުރޫދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ، ވާޗުއަލް ރަންއެއްގޮތުގައި މި ރަން ފަރުމާކޮށްފައި މިވަނީ ޕެންޑެމިކްއާ އެކު އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން ކަމަށެވެ.

"އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިދުވުމަށް ވަރަށް ހޫނު ތަރުހީބެއްލިބިގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ފޯނަށް ލިބޭނެ އެވެ. ރެޖިސްޓާކުރާ ދުވުންތެރިންގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކުރެވޭނެ އެވެ.