13 ޖުލައި 2021 - 21:53

ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް، އެއްވެސް ތަދަކާ ނުލައި ޓެސްޓު ކުރެވޭނެ ގޮތެއް، އޮސްޓްރޭލިޔާގެ ސައެންސްވެރިން އީޖާދުކޮށްފި އެވެ.
އާންމު ގޮތެއްގައި ހަކުރު ބަލީގެ މީހުން ދުވާލަކު އެއް ފަހަރު ހަކުރު ޓެސްޓު ކުރަނީ، ލޭ ނުކުންނަ ވަރަށް އަތުގެ އިނގިއްޔަށް ކައްޓެއް ހަރާލައިގެން ނަގާ ލޭ ތިއްކަކުންނެވެ. ބައެއް ފަހަރު ދުވާލަކު އެތައް ފަހަރަކު މި ގޮތަށް ޓެސްޓު ކުރަން ޖެހެ އެވެ. އެހެންކަމުން، މިއީ ބައެއް މީހުންނަށް ވަރަށް ވޭން ހުރި ކަމަކަށް ވެ އެވެ.
އޮސްޓްރޭލިޔާގެ ސައެންސްވެރިން ބުނާ ގޮތުގައި ހަކުރު ބަލީގެ މީހުން، ޓެސްޓު ކުރުމަށް ތަދު
އިހްސާސްކުރަން ޖެހުނު ޒަމާން މިހާރު ފާއިތުވެއްޖެ އެވެ. އަލަށް އީޖާދުކުރި ޓެސްޓުގައި، ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަންނާނީ އަނގައިގެ ތެރެއިން ނަގާ ކުޅު ފޮދަކުންނެވެ.
އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ނިއުކާސަލްގެ ފިޒިކްސް ޕްރޮފެސަރު ޕޯލް ޑެސްޓޯރް ވިދާޅުވި ގޮތުގައި، އަލަށް އީޖާދު ކުރި ހަކުރު ޓެސްޓަކީ، ހަށިގަނޑަށް އެއްވެސް ތަދެއް އިހްސާސް ނުވާ އަދި އޭގެ ނަތީޖާ ވެސް ލޭ ނަގައިގެން ހަދާ ޓެސްޓަށް ވުރެ މުޖައްރިބު އަދި ޚަރަދުގެ ގޮތުން ވެސް މާ އެކަށީގެންވާ ޓެސްޓެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ލޭގައި ހަކުރު ހިމެނޭ މިންވަރަކަށް، އެމީހެއްގެ ކުޅުގައި ވެސް ހަކުރު ހިމެނޭނެ އެވެ. އެހެންކަމުން، އަނގައިގެ ތެރެއިން ނަގާ ކުޅުފޮދެއް، އެކަމަށް ހާއްސަކޮށް އީޖާދުކޮށްފައިވާ އާލާތްތަކުގެ އެހިގައި ތަހުލީލު ކުރުމުން، އެމީހެއްގެ ލޭގައި ހަކުރު އެކުލެވިފައިވާ މިންވަރު ވަރަށް އިތުބާރާ އެކު ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓެކްނޮލޮޖީއަކީ ހަށިގަނޑުގެ ދިޔަ (ކުޅު، ލޭ، ދޮސް ...) ނަގައިގެން، އެކި ބަލިތަކަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމުގައި ވެސް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެއް ކަމަށް އެ ޔުނިވަސިޓީން ބުނެ އެވެ. އެ ގޮތުން ކޮވިޑް-19 އާއި އެލާޖީ އާއި ހޯމޯން ޓެސްޓުތަކާއި ކެންސަރު ޓެސްޓު ހެދުމުގައި ވެސް މި ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ކަމަށް އެ ޔުނިވަސިޓީން ބުނެ އެވެ.
ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓުގައި ހިމެނޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ އަޖުމަ ބެލުމުގެ ދިރާސާތަކެއް މިހާރު އަންނަނީ، އިނގިރޭސި ވިލާތުގެ ހާވާޑް ޔުނިވަސިޓީއާ ގުޅިގެން ކުރަމުންނެވެ.