ލިޔެކިޔުންތައް ހޯދުމަށް ޕީޖީގެ މުވައްޒަފުންނަށް ހާއްސަ އެޕެއް
ލިޔެކިޔުންތައް ހޯދުމަށް ޕީޖީގެ މުވައްޒަފުންނަށް ހާއްސަ އެޕެއް

ޕްރޮސެކިއުޓާ ޖެނެރަލްގެ މުވައްޒަފުން، ޝަރީއަތާއި ގާނޫނާއި ގަވައިދުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތައް އެއްތަނަކުން ހޯދުމަށް ކޮމްޕިއުޓާ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

ލިޔެކިޔުންތައް ހޯދުމަށް ޕީޖީގެ މުވައްޒަފުންނަށް ހާއްސަ އެޕެއް
ލިޔެކިޔުންތައް ހޯދުމަށް ޕީޖީގެ މުވައްޒަފުންނަށް ހާއްސަ އެޕެއް

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

"ޕްރޮސިކިއުޝަން އާކައިވްސް"ގެ ނަމުގައި އުފެއްދި މި އެޕްލިކޭޝަނާ ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ މި އާ ހިދުމަތް މެދުވެރިކޮށް، ކޯޓުތަކުގެ ޝަރީއަތްތަކުގެ ނިންމުންތަކާއި ގާނޫނުތަކާއި ޕީޖީގެ މެމޯތަކާއި އުސޫލުތައް އެއްތަނަކުން ބެލޭނެ ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވި ގޮތުގައި މިއީ އޭނާ ޕީޖީގެ ގޮތުގައި މަސައްކަތް ކުރި މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތައް ބެލުމަށް ފަހު، މުވައްޒަފުންގެ ފަސޭހައަށް ތައާރަފްކޮށްދިން ހިދުމަތެކެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ފަދަ މައުލޫމާތުތައް ބަލައި ހޯދުމުގައި މުހިއްމު ޒިންމާތަކެއްވާ ކަމަށާއި އެގޮތުން އެޕްލިކޭޝަނުގައި ހަގީގަތާ އެއްގޮތް މައުލޫމާތު ހިމެނުމާއި އެ މައުލޫމާތުތައް ދުވަހުން ދުވަހަށް އަޕްޑޭޓު ކުރުމަށް އެދިވަޑައިގެންނެވި އެވެ.

"އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީއާއިން މި ފަދަ މައުލޫމާތު ވަކީލުންނަށާއި މުވައްޒަފުންނަށް ލިބޭގޮތްވުމަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ނެގެހެއްޓުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް. އެކަމަކު މި ފަދަ ކަމެއް ތައާރަފް ކުރާއިރު ރައްޔިތުންގެ ޒާތީ މިނިވަން ކަމާއި ޕްރައިވަސީ ހިމާޔަތް ކުރުމުގެ މައްޗަށް ރިއާޔަތް ކުރަން ޖެހޭނެ،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓު ނެރެފަ އެވެ. މި ރިޕޯޓު ނެރެދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.