13 ޖުލައި 2021 - 14:36

ކާބުލް (ޖުލައި 13) - އަފްގާނިސްތާނު ސިފައިންގެ ތެރޭގައި ހިމެނޭ ކޮމާންޑޯސް ސިފައިންގެ 22 މީހަކު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި އަމާން ދިނުމުން، އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރި ވީޑިއޯގައި ފެންނަނީ، މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު، ފަރްޔާބް ޕްރޮވިންސްގެ ދައުލަތު އާބާދުގައި، އަފްގާނިސްތާނު ސިފައިންނާއި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ހިނގި ހާދިސާއެކެވެ. އަފްގާނިސްތާނާއި ތުރުކުމެނިސްތާނު ބޯޑަރު ކައިރީގައި ހިނގި މި ކުރިމަތިލުންތަކުގައި ކޮމާންޑޯސް ސިފައިން ބަލިވުމުން، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ތުރުކުމެނިސްތާނުގެ ސަރަހައްދަށް ވަދެ ފިލައިފަ އެވެ.
ފިލައިގެން ނުދެވުނު ކޮމާންޑޯސް ސިފައިންގެ 22 މީހުން، އެ މީހުން ހަނގުރާމަކުރަމުން ދިޔަ އިމާރާތުގެ ތެރެއިން ނުކުތީ، ހުރިހާ ހަތިޔާރެއް ބަހައްޓައި ދެ އަތް މައްޗަށް ނަގައިގެންނެވެ. އެމީހުން އިމާރާތުން ނުކުންނަމުން ދިޔަ ވަގުތު، "އަމާން ދީ، ކޮމާންޑޯސް އަމާން ދީ" ގޮވަމުން ދިޔަ އަޑު ވީޑިއޯ އިން އިވެ އެވެ.
އެ 22 މީހުން އިމާރާތުން ނުކުތުމާ އެކު ދެން ފެނުނީ، ތާލިބާނުންގެ ހަނގުރާމަވެރިން އެ 22 މީހުންގެ ގަޔަށް ބަޑިޖަހަން ފެށި މަންޒަރެވެ. ގާތްގަނޑަކަށް 45 މިނެޓްގެ މި ވީޑިއޯގައި، ތާލިބާނުން ހަމަލާ ދޭން ފެށުމާ އެކު، ކައިރީގައި ހުރި އާންމުންގެ މީހަކު، ބަޑި ނުޖެހުމަށް އެދި އާދޭސް ކުރާ އަޑު އިވެ އެވެ.
"އެ މީހުންނަށް ހަމަލާ ނުދީ، އެމީހުން ގަޔަށް ބަޑި ނުޖަހާ. އަހަރެން އާދޭސްކޮށްފަ ބުނަން ބަޑި ނުޖަހާ. ކަލޭމެން ޕޮޝްތޫން ކީއްވެ އަފްގާނިސްތާނު މީހުން މަރަނީ ކީއްވެ؟"
ޕޮޝްތޫންނަކީ އަފްގާނިސްތާނުގެ ދަރިކޮޅުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވާ ދަރިކޮޅެވެ.
އަފްގާނިސްތާނުގެ ރެޑް ކްރެސެންޓުގެ ފަރާތުން ބުނި ގޮތުގައި، އެ 22 މީހުންގެ ހަށިގަނޑު ވަނީ އެ ޖަމާއަތާ ހަވާލުކޮށްފަ އެވެ. އަދި އެއީ އަފްގާނިސްތާނު ކޮމާންޑޯސް ސިފައިންގެ 22 މީހުންގެ ހަށިގަނޑުކަން ރެޑް ކްރެސެންޓުން ޔަގީންކޮށްދެ އެވެ.
ތާލިބާނުންގެ މި އަނިޔާވެރި ވީޑިއޯ އާންމުވެފައި މިވަނީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ހަތިޔާރު ބަހައްޓައި އަމާންދޭ ސަރުކާރު ސިފައިން ހައްޔަރު ނުކޮށް ދޫކޮށްލާ ކަމަށް ތާލިބާނުންގެ ފަރާތުން އަޑު ފަތުރާފައިވާ ދުވަސްވަރެއްގަ އެވެ.
މި ވީޑިއޯއާ ބެހޭ ގޮތުން ތާލިބާނުން ބުނީ، އެއީ އަފްގާނިސްތާނު ސަރުކާރުން އަމިއްލައަށް ހަދައިގެން އާންމުކޮށްފައިވާ ވީޑިއޯއެއް ކަމަށާއި، އޭގެ ބޭނުމަކީ ސަރުކާރު ސިފައިން އަމާން ދިނުން ހުއްޓުވުން ކަމަށެވެ. އަދި ފަރްޔާބް ޕްރޮވިންސްގައި ހިނގި ހަނގުރާމައިގައި އަމާންދިން، ސަރުކާރުގެ 24 ސިފައިން މިހާރު ވެސް ތާލިބާނުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
ނަމަވެސް އަފްގާނިސްތާނު ސަރުކާރުން ބުނާ ގޮތުގައި، ތާލިބާން ޖަމާއަތުގެ ބެލުމުގެ ދަށުގައި ސަރުކާރު ސިފައިންގެ އެންމެ މީހަކު ވެސް ނެތެވެ. އަމާން ދިނުމުން އަސީރުކުރި ހުރިހާ ސިފައިން މިހާރު ވަނީ މަރާލާފައި ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.