އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12، ބިދޭސީން އަތުން 25 ޑޮލަަރު ނަގަން ފާސްކޮށްފި
އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12، ބިދޭސީން އަތުން 25 ޑޮލަަރު ނަގަން ފާސްކޮށްފި

ދިވެހިން އަތުން ފީ ކުޑަކުރުމުގެ އިސްލާހާ އެކި ބިލް ފާސްކޮށްފި. ބިލް ފާސްކުރަން 48 މެންބަރަކު ވޯޓު ދެއްވި. ދެކޮޅަށް 20 ވޯޓު. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު އިންނެވި

އެމްޑީޕީން ވަނީ ފީ ނަގަން ފެށުން ހަ މަސް ދުވަހަށް ފަސްކުރަން ހުށަޅާފައި. އެކަމަކު ފާހެއް ނުވި

ދިވެހިން އަތުން ފީ ކުޑަކުރުމުގެ އިސްލާހު ފާސްވުމުން ދެން ހުރި މިކަމާ ގުޅޭ އިސްލާހުތަކަށް ވޯޓަކަށް ނާހާ

މި އިސްލާހަށް 48 މެންބަރުން ތާއީދުކުރެއްވި، ދެކޮޅަށް 18 މެންބަރަކު ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި

އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 އަދި ބިދޭސީން އަތުން 25 ޑޮލަރު ނަގަން ހުށަހެޅި އިސްލާހު ފާސްވެއްޖެ.

މިހާރު ގެންދަނީ އިސްލާހުތަކަށް ވޯޓަށް އަހަމުން. ބިދޭސީން އަތުން އޭޑީސީގެ ގޮތުގައި 300 ރުފިޔާ ނަގަން އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއް ފާހެއް ނުވި.

މި އިސްލާހު ހުށަހަޅާފައި ވަނީ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް ހުށަހެޅުމުން، ވެރިކަންކުރާ ޕީޕީއެމްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، މަޖިލީހުގެ ޖަލްސާ ފަސްކުރުމަށް ފަހު. ޕީޕީއެމްގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ މެންބަރުން ވެސް ބައެއް އިސްލާހުތައް ވަނީ ހުށަހަޅާފައި.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދިވެހިންނާއި ބިދޭސީން އަތުން ވެސް 25 ޑޮލަރު ނަގަން ހުށަހެޅުމާ އެކު ހިޔާލު ތަފާތުވެ އާ އިސްލާހުތަކެއް ހުށަހަޅައިފި. އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ދިވެހިން އަތުން 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައި. އެކަމަކު ބިދޭސީން އަތުން 25 ޑޮލަރު ނަގަން އޮތް އޮތުމަށް ބަދަލެއް ނުގެނޭ.

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރަން އުޅޭ ބިލާ މެދު ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ޒުވާބު ހޫނުވެ، މިއަދު ހަވީރު ބާއްވަން އުޅުނު ޖަލްސާ މިރެއަށް ފަސްކޮށްފި އެވެ.

މިހާރު ވޯޓަށް އަހަން ތައްޔާރުވެފައިވާ މި ބިލަށް ވޯޓު ލާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން މަޝްވަރާ ކުރަމުން އަންނަ އިރު ވަރަށް ބޮޑެތި ހިލާފުތަކެއް އުޅޭކަން މައުލޫމާތު ހިއްސާކުރި ބޭފުޅަކު ވިދާޅުވި އެވެ.

ބިލް މިއަދު ހަވީރު ވަނީ އިގުތިސޯދީ ކޮމެޓީން ފާސްކޮށްފަ އެވެ. އެއަށް ފަހު އެ ބިލް މަޖިލިހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ހަވީރު 5:00 ގައި ޖަލްސާއެއް ބޭއްވުމަށް ޝެޑިއުލް ކުރި ނަމަވެސް މިހާރު ވަނީ މިރޭ 7:00 އަށް އެ ޖަލްސާ ފަސްކޮށްފަ އެވެ. ޖަލްސާ ފަސްކުރަން ޖެހުނީ ވެސް ޕީޕީއެމްގެ މެމްބަރުން އެއްގަލަކަށް ނާރައިގެންނެވެ.

ސޮވެރިން ފަންޑެއްގައި ބެހެއްޓުމުގެ ނަމުގައި ސަރުކާރުން ނަގަން އުޅޭ އޭޑީސީ ދިވެހިންގެ އަތުން ނަގައިގެން ނުވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވާ އިރު އަނެއް ބައި މެމްބަރުން ތިއްބެވީ ސަރުކާރުގެ ކޮންމެ އެންގުމަކަށް އަބަދުވެސް ތައްޔާރަށް ތިއްބަވާ ގޮތަށް "ޔެސް" ވޯޓަށް އާއެނކޭ ވިދާޅުވާ ގޮތަށެވެ.

މެމްބަރަކު ވިދާޅުވި ގޮތުގައި، އެއާޕޯޓުން ފުރާ ހުރިހާ ފަސިންޖަރުންގެ އަތުން 25 ޑޮލަރު އޭޑީސީގެ ގޮތުގައި ނެގުމަށް، އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރި ނަމަވެސް، ޕީޕީއެމް ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ސީދާ އެކަމާ ދެކޮޅެވެ. އެ މެމްބަރުން ބޭނުންވަނީ 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ކަމަށްވެ އެވެ.

"މައްސަލަ އަކަށް ވެގެން އުޅޭ އެއް ކަމަކީ ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް މެމްބަރަކު ހުށަހެޅުއްވި އިސްލާހަށް ކޮމިޓީގެ މުގައްރިރު [އިލްހާމް] ވޯޓަށް އެއްސެވުން. އެކަމާ ބައެއް މެމްބަރުން ތިއްބެވީ ވަރަށް ރުޅިގަދަވެފައި. އެ އިސްލާހު ކޮމިޓީން ފާސްކުރިއިރު، އެއާޕޯޓުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 12 ޑޮލަރު ނަގަން އަނެއް ބައި މެމްބަރުން ބޭނުންވޭ. އޭގެ ތެރޭގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ބައެއް އިސްބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ،" މެމްބަރަކު ވިދާޅުވި އެވެ.

އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމާ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ ބަޖެޓް ކޮމިޓީގައި ވެސް ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ބަޖެޓް ކޮމިޓީގައި ވިދާޅުވެފައި ވަނީ، އޭޑީސީ ދިވެހިންގެ އަތުން ނަގަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތާއީދުނުކުރާނެ ކަމަށެވެ.

"މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި ބަޖެޓް އެކުލަވާލާފައި ވަނީ ދިވެހިން އަތުން ނަގަން ކަމަކަށް ވެސް. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މިކަން ކުރަނީ އެހެނެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

ވަކި ގޮތަކަށް ވޯޓު ލާން ރައީސް އަބްދުﷲ ޔާމީން ވިދާޅުނުވާ ކަމަށް ވިދާޅުވާ މެމްބަރުން ވެސް ގްރޫޕްގައި އެބަ ތިބި ކަމަށް ވެ އެވެ. އެހެންކަމުން ވޯޓުގެ ކުރިން ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައިވާ ކަމަށް އެނގިފައިވެ އެވެ.

މިއަދުގެ ޖަލްސާ އަށް ފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ދާނެތީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްކުރަނީ، އެމްޑީޕީގެ ސަރުކާރުގައި ޖީއެމްއާރާ ދެކޮޅަށް އެންމެ ބޮޑަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި 25 ޑޮލަރު، ދިވެހިންގެ އަތުން ނަގަން ފާސްކުރުމަށެވެ.

އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނަގައިފި ނަމަ މިހާރު ނަގާ އެއާޕޯޓް ސާވިސް ޗާޖްގެ 12 ޑޮލަރާ އެކު ޖުމްލަ 37 ޑޮލަރު، ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ނަގާނެ އެވެ. އަދި ބޭރު މީހެއްގެ އަތުން ނަގާ މިންވަރު އުޅޭނީ 50 ޑޮލަރުގަ އެވެ.