13 ޖުލައި 2021 - 13:56

ރ. އަލިފުށިން ކޮވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން ބަލި ކޮންޓްރޯލްވެ ރަށް ހުޅުވާލެވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގައިފި އެވެ.
އަލިފުށި ހެލްތު ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި އަދި އެރަށު ޓާސްކްފޯހުގެ ޗެއާ، އިބްރާހީމް ޝަރީފް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަށުން ކޮވިޑްގެ ކޭސްއެއް ނުފެންނަތާ ހަފްތާއެއްހާ ދުވަސް މިހާރު ވެއްޖެ އެވެ.
އަލިފުށި މޮނިޓަރިންއަށް ލީ ކޮވިޑްގެ އަލާމާތް ހުރެގެން ޓެސްޓް ކުރި މީހަކު ބައްޔަށް ޕޮޒިޓިވްވް ވުމުން މެއި މަހުގެ 24 ވަނަ ދުވަހު އެވެ.
އިބްރާހީމް ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އަލިފުށިން 243 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ބަލިން ރަނގަޅުނުވެ މިހާރު ތިބީ ހަތަރު މީހެކެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑްގެ ކޭހެއް ނުފެނުނަސް އެރަށަށް އަރައިފޭބުން މަނާކޮށްފައި އޮތީ ރެންޑަމް ސާމްޕަލްގެ ނަތީޖާ ނުލިބޭތީ އެވެ. އެޗްޕީއޭ އިން އަންގައިގެން 153 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އަދި ނަތީޖާ ލިބުނީ އެންމެ 50 ސާމްޕަލްގެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ނަތީޖާ ލިބުނު ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް އެވެ.
"ރަށުގެ މޮނިޓަރިން އުވާލުމުގެ ކުރިން ރަށު ތެރެއިން ސާމްޕަލް ނެގުމަށް އެޗްޕީއޭ އިން އެންގީ. އަޅުގަނޑުމެން ވާނީ މިހާރު 153 ސާމްޕަލް ނަގައި ފޮނުވާފައި. މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްއެއް ނުވޭ."
ޝަރީފް ވިދާޅުވީ އަލިފުށިން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ލިބޭއިރު ނެގެޓިވް ވެއްޖެ ނަމަ، އެރަށް ހުޅުވާލާނެ ކަމަށެވެ.