ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު
ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު

މިދިޔަ ހަފުތާގައި މިސްރުގައި ބޭއްވި ކައިޓް ސާފިން، ޔޫތު ފްރީ ސްޓައިލް ވޯލްޑް ކަޕަށް ދާން ރާއްޖޭގެ ޒުވާން ކައިޓް ސާފާ، ހަސަން މާހިރު (ހަންޓޭ) މިސްރަށް ފުރަން ވެގެން އެއާޕޯޓަށް ގޮސް ޗެކިންވި އެވެ. އެއާޕޯޓުގެ ޓާމިނަލުގައި ހަމަޖެހިލައި ފްލައިޓަށް އެރުމުގެ އިންތިޒާރުގައި ހުއްޓައި ހަންޓޭ އަށް އެނގުނީ އޭނާ އަށް މިސްރަށް ދަތުރު ކުރެވެން ނެތް ކަމެވެ.

ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު
ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު

މިސްރަށް އެތެރެވުމުގެ ވިސާ ކެންސަލްވިކަން އެނގުނީ ޗެކިން ނިމި އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުއްޓަ އެވެ. އެއާލައިންގެ ކައުންޓަރުގައި އާދޭސްކޮށްގެން އަލުން ލަގެޖުތައް ނަގައިގެން ހަންޓޭ އެނބުރި މާލެ އައީ އެވެ.

ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު
ކައިޓް ސާފިން ވޯލްޑް ކަޕަށް ހަންޓޭ އަށް ނުދެވުނު

އެހެންނަމަވެސް އޭނާގެ އުދުހުން ހުއްޓައެއް ނުލި އެވެ. މާލޭގައި ހޭދަވި މުއްދަތުތަކުގައި ވެސް ކައިރި ފިނޮޅުތަކަށް ގޮސް ހަންޓެ ވަނީ ކައިޓް ސާފިން ޓްރޭނިންތައް ކުރިއަށް ގެންގޮސްފަ އެވެ.

"އެއާލައިން އިން ބުނީ ޓިކެޓް ރީ ފަންޑު ކޮށްދޭނެ އުސޫލެއް ނީންނަ ކަމަށް. އެހެން ފަހަރަކަށް އަލުން ޓިކެޓް ރީ ޝެޑިއުލް ކުރެވިދާނެ ކަމަށް،" ހަންޓޭ "މިހާރު" އަށް ކިޔައި ދިނެވެ. "އެހެންވެ މިހާރު މި ވިސްނަނީ އެހެން ފަހަރަކުން ނަމަވެސް ޓްރޭނިން ޓްއާއަކަށް ނަމަވެސް މިސްރަށް ދާން."

ބ. ގޮއިދޫ އަށް ނިސްބަތްވާ ހަންޓޭ އަށް ކައިޓް ސާފިންގެ ތެރެއަށް ވަދެވުނީ ތަފާތު ގޮތަކަށެވެ. ކުޑައިރުގައި ކުޑަކުދިން އެންމެ ގިނައިން އުޅެނީ މަގުމަތީގައި ބޯޅަ ހިފައިގެން ކުޅޭށެވެ. ނަމަވެސް ހެންޓޭ މަގު މައްޗަށް ނުކުތީ، ވާރޭ ވެހުމުން މަގުތަކުގައި ފެން ހެދުމުން ފިލާ ބުރިއެއް ހިފައިގެންނެވެ. މަގުތަކުގައި ހެދިފައިވާ ފެންގަނޑުގެ ތެރޭ ކަނދު ދުއްވަން އުޅުނު ހަންޓޭ އަށް ކައިޓް ސާފިން އަށް ހިތް ޖެހުނެވެ.

ގޮއިދުއަކީ ރާއްޖޭގެ ކައިޓް ސާފިންގެ އެންމެ ބޮޑު ނުރަސްމީ އެކެޑަމީ އެވެ. އުމުރުން އަށް އަހަރުގެ ކައިޓް ސާފަރުން ވެސް އެރަށުގައި އެބަތިއްބެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ދިގުދެމިގެން ދިޔަ ކައިޓް ސާފު ކުރުމުގެ ސީރީޒް ވެސް ބޭއްވީ އެ ރަށުގަ އެވެ. މެދުނުކެނޑި 72 ގަޑިއރު ވަންދެން އެ ރަށުގައި ކައިޓް ސާފިން ޗެލެންޖެއް ކުރިއަށް ގެންދިޔަ އެވެ. އެއީ ރާއްޖޭގެ ރެކޯޑެކެވެ.

"ރޭގަނޑު ވެސް ލައިޓް ދިއްލައިގެން ކުރިއަށް ގެންދިޔައީ ތިން ދުވަސް ވަންދެން. ރޭގަނޑު ދަންވަރު ވެސް ކޮންމެވެސް އެއް ކައިޓެއް އޮންނާނެ މަތީގައި،" އެ އިވެންޓްގައި ވެސް ބައިވެރިވި ހަންޓޭ ބުންޏެވެ.

އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށްވާ "ސިލިންގްޝޮޓް"ގެ ރާއްޖޭގެ އެމްބެސެޑާ ހަންޓޭ ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ލޯކަލް ބްރޭންޑް ބެނޫންއާ އެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހަންޓޭ އަށް ރާއްޖޭގެ ރެކޯޑެއް ހެދިއްޖެ އެވެ. މިހާރު އޭނާގެ އެންމެ ބޮޑު ޓާގެޓަކީ ކުރިއަށް އޮތް ދޮޅު އަހަރުތެރޭ ވޯލްޑް ރެކޯޑެއް ހެދުމެވެ. މިސްރަށް ދަތުރު ނުކުރެވުނަސް ހަންޓޭގެ އުންމީދު އަދި ފަނޑެއް ނުވެ އެވެ.