13 ޖުލައި 2021 - 09:38

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނިންމެވީ އާދައިގެ ނިންމެވުމެއް ނޫނެވެ. އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓާލެއްވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިމަގުގައި ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަން އަންގައިދޭ ކަމެކެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ނަޝީދާއި އެމްޑީޕީގެ މަދަދާ އެކު ކަމަށް ވާއިރު، ނަޝީދުގެ އެ ނިންމެވުމުގެ ނަތީޖާ އާއި ދެން ކަންތައް ވާނެ ގޮތް ވަރަށް ޝައުގުވެރިވާނެ އެވެ.

މިއީ އެއްގޮތަކުން ބަލައިފި ނަމަ 2023 ގެ ރިޔާސީ އިންތިހާބުގެ ކުޅިގަނޑުގެ ފެށުމެވެ. އެމްޑީޕީގެ ތެރޭގައި އެންމެ ބާރުގަދައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުތޯ ނުވަތަ ނަޝީދުތޯ ކަނޑައެޅުމުގެ ވަގުތެވެ. ޕާޓީގެ އެންމެ މުހިންމު ނިންމުން ނިންމާ ތަނަކީ ގައުމީ މަޖިލިސް ކަމަށް ވާއިރު، އެ ގުރޫޕުގެ އަޣުލަބިއްޔަތު ލިބޭނެ ބޭފުޅަކު ދެނެގަތުމުގެ ވަގުތެވެ. އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެކްޝަނެއް، ނަޝީދަށް ފެކްޝަނެއް އުފެދި ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައިވާއިރު، ބާރުގަދަ ފެކްޝަން ވެސް ދެން ސާފުކޮށް ފެންނާނެ އެވެ.
"ހަގީގީ ތަޅައިލުންގަނޑު މި ފެނުނީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ބަސް މަދު، ސިޔާސީ ގޮތުން ވިސްނުންތެރިކަމާ އެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމުން އޭގެ ފައިދާ ނެގުން ވަރަށް ކައިރި. ހާއްސަކޮށް ސަރުކާރު އޮތީ އެ ބޭފުޅާގެ އަތްޕުޅުގައި ކަމަށް ވުމަކީ ވެސް ބާރުގަދަވާނެ ކަމެއް. އެކަމަކު ދެން ވެރިކަން ކުރައްވަން ފަސޭހަފުޅެއް ނުވާނެ އެމްޑީޕީގެ އެތެރޭގެ ކޯޅުމާ ހެދި،" އެމްޑީޕީގެ އެތެރޭގައި މި ވަގުތު ހިމޭނުން ހުންނެވި މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން ދޫކޮށްލެއްވީ ހަމަ ކުއްލިއަކަށް ހުންނަވާފައި ނޫން ކަމަށް އަރިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ނަޝީދު ބޭނުންފުޅުވާ ބައެއް ކަންކަން ސަރުކާރުގެ ތެރެއިން އެ ބޭނުންފުޅުވާ ގޮތަކަށް ކުރެއްވުމުގައި ހުރަސްތައް ކުރިމަތިވުމާއި ބަރުލަމާނީ ނިޒާމު ގެނައުމުގައި ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ ގޮތަކަށް އެއްބާރުލުން ލިބިވަޑައިނުގަތުމަކީ މައިގަނޑު ސަބަބުތައް ކަމަށް ބެލެވެ އެވެ. މީގެ އިތުރުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ބައެއް ކަންކަން ނަޝީދު ބޭނުންފުޅުވާ ގޮތް ނޫން ގޮތަކަށް ނިމިފައި ވެ އެވެ.
"އަސްލު މި އުޅެނީ އެ ފްރަސްޓްރޭޝަން. ރައީސް ނަޝީދުގެ ބާރު ސަރުކާރުގެ ތެރޭގައި ދާ މަންޒަރު ފެނިވަޑައިގަންނަވާތީ އެކަން ހަޖަމު ނުވީ ކަމަށް އަޅުގަނޑަށް ފެނުނީ. އެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ވިސްނޭ،" ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ސަނީފް ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވި ގޮތަށް ނަފްރަތުގެ ބިލް ފާސްކުރުމަށް ވޯޓާ ހަމައަށް ނުގޮސް އަނބުރާ ޖުޑީޝަރީ ކޮމިޓީ އަށް އެ ބިލް ފޮނުވައިލަން ނިންމި މައްސަލައިގައި ކިތަންމެ ރަނގަޅަކަށް ވެސް ދެ ފެކްޝަންގެ ރުޅިގަނޑު ހާމަވި އެވެ. ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ދެކެ އެހާ ބޮޑަށް ރުޅިގަދަވެ، ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ތަނެއް އަދި ނުފެނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވައި، ސަރުކާރަށް ހެއްދެވި ނުހެއްދެވިއެއް އެ ބޭފުޅުން ގޮވިއިރު، ހިތްހަމަނުޖެހުމާއި މާޔޫސްކަން އެ މެމްބަރުންގެ މޫނުމަތިން ކިތަންމެ ރަނގަޅަށް ވެސް ފެނުނެވެ. އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަން ރަނގަޅަށް ހަރުލައިފި ކަމާއި ދެން އެކުވާނެ ގޮތެއް ނެތްކަން ނަޝީދުގެ ފެކްޝަންގެ ބޭފުޅުންގެ މޫނުމަތި އެނގުނެވެ.
ނަފްރަތުގެ ބިލް އެކަންޏެއް ނޫނެވެ. އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ އެކު ދިޔަ "ތަޅަފޮޅުންގަނޑު" އަކީ ވެސް ހަމަ މީގެ ސިލްސިލާއެކެވެ. ރައީސް ބޭނުންފުޅުވާ ގޮތަށް އެހެން މެމްބަރުން މެދުވެރިކޮށް މަޖިލީހުގެ ތެރެއިން ކަންކަން ކުރުވައި ނުފޫޒު ފޯރުވަނީ ބިގޭ ކަމަށް ވިދާޅުވެ، އޭނާ "ހަވަރަށް" ދިން ދުވަސްކޮޅެއް ވެސް ދިޔަ އެވެ. އެކަން ވެސް ގުޅެނީ ނަޝީދު ފެކްޝަނުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަކަށް ނުނިމުގެ ސިލްސިލާގެ ތެރެއިން ކަމަކާ އެވެ. ސީދާ ނަޝީދު ހުންނެވީ ބިގޭއާ ދެކޮޅަށް ނުކުމެވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާން ކުރައްވަމުން ނަޝީދު ބޭނުންފުޅު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމާ އެކު ކުރިއަށް ވަޑައިގަންނަވަންކަން އެ މަނިކުފާނުގެ މެސެޖުތަކުން ވަރަށް ސާފެވެ. ދީނީ ގޮތުން މެދުމިނުގެ ޕާޓީއަކީ ޕީޕީއެމް ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވާކަން އެނގެ އެވެ. އެހެންވެ، ޔާމީނާއި ޕީޕީއެމާ އެކު ކުރިއަށް ވަޑައިގަންނަވަން ނަޝީދު ހުންނެވީ ތައްޔާރަށެވެ.
ނަމަވެސް މިއީ އެހާ ފަސޭހައިން ވާނެ ކަމެއް ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. ދީނީ ގޮތުން މެދުމިނުގެ ސިޔާސަތެއް ޔާމީނާއި ޕީޕީއެމް ގެންގުޅުނަސް އެހެން ކަންކަމުގެ ތެރެއިން އެ ބޭފުޅުންގެ ވިސްނުމާއި ފިިކުރު އެއްގޮތެއް ނުވާނެ އެވެ. ޔާމީނަކީ "ވަގެއް" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް މެމްބަރުން ވާހަކަ ދައްކަވައި އަދި ޖަލު ހުކުމެއްގައި އެ މަނިކުފާނު ހުންނެވިއިރު ނަޝީދު ބޭނުންފުޅުވާ ނަތީޖާ ހާސިލު ކުރެވިދާނެ ބާވަ އެވެ؟ އަނެއްކޮޅުން ޔާމީނާއި ޕީޕީއެމް ވެސް އޮތީ ނަޝީދުގެ ފަހަތްޕުޅުން ސިޔާސީ މަސައްކަތްތައް ކުރާ ގޮތަކަށް ނޫން ކަމަށް އެ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދާނަން ޑީލަކަށް. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ އަރައިރުންގަނޑުގެ ތެރެއަށް ވަންނާކަށް އަޅުގަނޑުމެން ނެތިން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ގައުމު ސަލާމަތް ކުރުން. ރައްޔިތުންނަށް އަމާން، ރައްކާތެރި، ހަމަޖެހޭ، ފުދުންތެރި ވެއްޓެއް ގާއިމުކޮށްދިނުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެކަމުގައި އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން އަބަދުވެސް ބޭނުންވަނީ ޔާމީން މިނިވަންކޮށް، 2023 ގައި ވެރިކަމަށް ގެނައުން ކަމަށް ވާއިރު، ވެރިކަމުގެ ހުވަފެން ދެކެވަޑައިގަންނަވާ އެހެން ބޭފުޅަކާއެކު، ސިޔާސީ މަސައްކަތް މި ވަގުތު ކުރަން ޔާމީނާއި ޕީޕީއެމަށް ފަސޭހަ ނުވުން ވަރަށް ކައިރި އެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަށް އެ ނިންމުން ޔާމީނާއި ޕީޕީއެމުން ނިންމައިފި ނަމަ އެ ޕާޓީގެ ތެރެ "ފަޅައިގެން" ދިއުމަކީ ކައިރި ކަމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނަޝީދާއި އެމްޑީޕީއާ ބައިއަތު ހިއްޕެވުމުން އެކަމަށް އެންމެ ބޮޑަށް ހަޖޫ ޖައްސަވައި، މަލާމާތް ކުރެއްވި އެއް ބޭފުޅަކީ ޔާމީން ކަމަށް ވާއިރު، އެފަދަ ކަމެއް ޔާމީންގެ ފަރާތްޕުޅުން ފެނިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
"ރައީސް ޔާމީނަކީ ދުވަހަކު ވެސް އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ ޔާމީން "އަޑި ނޭނގޭ ޑީލެއް" ނަޝީދާއި އެމްޑީޕީއާ އެކު ނަހައްދަވާނެ ކަމަށެވެ.
"ރައީސް ޔާމީނަކީ ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ކެރިގެން ވިދާޅުވާނެ ބޭފުޅެއް. އެހެންވީމާ ނަޝީދު އެ ވިދާޅުވާ ކަންކަން އަޅުގަނޑުމެންގެ ތެރެއިން އެހާ ފަސޭހައިން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލެއްވުމަށް ފަހު، ރައީސާއި އެމްޑީޕީގެ ބޮލުގައި ވެސް ނަޝީދު އެޅުވީ ވަރުގަދަ އިލްޒާމެކެވެ. އެ ޕާޓީގެ އެތެރޭގައި ހަރުކަށި ފިކުރު އޮންނަ ކަމާއި އެ ކަންކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާށިވެފައިވާ ކަން ދޭހަވާ މޭރުމަކުން ނަޝީދު ވާހަކަ ދެއްކެވިއިރު، މިހާތަނަށް ފާހަގަވެފައި އޮތީ އެމްޑީޕީއަކީ އެ ވިދާޅުވާ ހަރުކަށި ފިކުރާ ވަރަށް ދުރު ޕާޓީއެއް ކަމެވެ. ޔަގީނުން ވެސް ޕާޓީގެ އިސް ސަފުންނާއި އެކި ގުނަވަންތަކުން އެ ކަމެއް ނުފެނެ އެވެ.
އެމްޑީގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވެ، އެކަން އިއުލާން ކުރެއްވުމަކީ ސީރިއަސް ކަމެކެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލިސް އެއްކޮށް، އެ މައްސަލަ ވަގުތުން ބަލައި ފިޔަވަޅު ވެސް އަޅަން ޖެހޭ ވަރުގެ ވާހަކައެކެވެ.
"މިއަދު ކަންކަން ރަނގަޅަށް ހިނގާ ނަމަ ރައީސް ނަޝީދު އެ ވިދާޅުވި ވާހަކައާ ގުޅިގެން ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާނެ. ކަމުގެ ހަގީގަތް ބަލައި ފިޔަވަޅު ވެސް އަޅަން ފަށާނެ. އެއީ އެމްޑީޕީއަކީ ހަރުކަށި ފިކުރާއި މީހުން މެރުމާ ދެކޮޅު ޕާޓީއެއް. އެމްޑީޕީގެ ތެރޭގައި އެފަދަ ބަޔަކު ތިބިކަމަށް ޕާޓީގެ ރައީސް އެ ވިދާޅުވަނީ. އެހެންވިއްޔާ މިއީ ސީރިއަސް މައްސަލައެއް. މައްސަލަ ބަލަން ކޮމިޓީ ވެސް ހަދަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ސަނީފް ވިދާޅުވީ، ނަޝީދުގެ ބޭނުންފުޅަކީ ރައީސާއި އެމްޑީޕީގެ އެތެރޭގައި ގޮންޖެހުންތަކެއް ކުރިމަތިކޮށް، ޕްރެޝަރުތަކެއް ކުރިމަތިކުރުން ކަމަށެވެ. ހަރުކަށި ފިކުރު އޮންނަ ކަމަށް ވިދާޅުވުމުން އޭގެ ގޮންޖެހުންތައް އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވާނެ ކަމަށް ސަނީން ދެކެވަޑައިގަންނަވަ އެވެ.
"ރައީސް ނަޝީދުގެ މަގްސަދަކީ މި ހިނގައިދިޔަ ކަންކަމުގެ ވިސްނުން ބަދަލުކޮށްލުން. އެއީ ހަރުކަށި ފިކުރޭ ވިދާޅުވެ، ކޮންމެވެސް ކަމެއްގެ ތެރޭގައި ތާށިކޮށްލުން. އޭރުން އެތެރެ އާއި ބޭރުގެ ޕްރެޝަރު ސަރުކާރަށް ވެސް ކުރިމަތިވާނެ. އެމްޑީޕީ އަށް ވެސް ފަސޭހައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
"ވެރިކަމާއި ބާރު ހޯދަން ރައީސް ނަޝީދު އުޅުއްވާއިރު އެ ހުރިހާ ވާހަކަތަކެއް އަންނާނެ. [ރައީސް ނަޝީދު] ބޭނުންފުޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮތް ދޫކުރައްވާފައި ދުރަަށް ވަޑައިގަތުން. އެހެންވެ، އެ މަނިކުފާނަށް އެކި ކަންކަމުގެ ތެރެއިން މަޖޫބުރު ކަންކަމެއް މި އުފައްދަނީ. ރައީސް ނަޝީދުގެ ބާރު ދާން ފެށީމާ މި ކަންކަން ފެންނާނެ. އަޅުގަނޑުމެން މި ތިބީ އެ ކަމަށް ވެސް ތައްޔާރު ވެގެން."
މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ އަށް އެހެން ޕާޓީތަކުން އެހީތެރިކަން ދީގެން ކަމަށް ވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ވެސް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ކޯލިޝަން ރޫޅާލައި، އެމްޑީޕީގެ އެކަނި ވެރިކަމެއް ކުރުމަށެވެ. ކިތަންމެ ފިއްތުންތަކެއް މަޖިލީހުގެ ތެރެއިން ވެސް ކުރައްވައިފި އެވެ. ކޯލިޝަންގެ ވަޒީރުން އެކި ކަންކަން ކުރިމަތިކޮށް، އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ބޭނުން ކޮށްގެން މަގާމުން ވަކިކޮށްފި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޯލިޝަން ރޫޅައިލުމުގެ ސިއްކަ ނުޖެއްސެވި އެވެ. ކުރީގެ ރައީސް މައުމޫނާއި އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހިމް ދޫކުރައްވަން ރައީސް ބޭނުންފުޅު ނުވުމަކީ ވެސް ނަޝީދަށް ބަލައިގަނެވޭ ކަމަކަށް ނުވެ އެވެ.
ނަޝީދަކީ އެމްޑީޕީގެ ތެރޭގައި އެންމެ ބާރުގަދަ ސިޔާސީ ލީޑަރެވެ. އެ ޕާޓީގައި މިހާތަނަށް އޮތީ އެ މަނިކުފާނުގެ ފަލްސަފާ އެވެ. ޕާޓީ ހިންގަނީ ނަޝީދު އެންމެ އިތުބާރު ކުރައްވާ ބޭފުޅުން ލައްވައިގެން، އެ މަނިކުފާނު ހިތް ރުހޭ ގޮތަށެވެ. ނަޝީދު އިސްވެ ޕާޓީގެ ތެރޭގަ ކުރައްސަވާ ރޮނގު ދުވަހަކު ވެސް ކަތިވާކަށް ބޭނުންފުޅެއް ނުވާނެ އެވެ. ނަމަވެސް މިއަދު ސަރުކާރުގައި ހުންނެވި ބޭފުޅެއްގެ ސަބަބުން، ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު، ބާރުގަދަ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެމެ، ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުވުމަކީ މައިގަނޑު މައްސަލަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިދިޔަ ދުވަސްތަކުގައި އެ ކަންކަން ވަނީ ފުދޭވަރަކަށް ތިލަވެފަ އެވެ.