13 ޖުލައި 2021 - 13:59

ކުޑަކުދިންނަށް ދިމާވާ ނަފްސާނީ، ޖިސްމާނީ އަދި ޖަޒުބާތީ ކަންކަމަށް ކުރިމަތިލާނެ ގޮތް ދަސްކޮށްދީ އެ ފަދަ ކަންކަމަށް އެ ކުދިން ހޭލުންތެރިކުރުމަށް "ރީސެޓް ބައި އުމާނާ" އިސްވެ، ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
"އަހަރެންގެ ހަފްތާ"ގެ ނަމުގައި ފަށާ މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހާއި ތިން ވަނަ، އަދި ފަސް ވަނަ ދުވަހު އެވެ.
އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިންނަށް ހާއްސަ މި ހަރަކާތުގައި ކުދިންނަށް އެއްވެސް ބިރެއް އަދި ފަސް ޖެހުމެއް ނެތި، ކަންކަމާ ކުރިމަތިލުމާ ގުލޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި އަމިއްލަ ނަފްސާ ގުޅުވައިދިނުމާއި ރަނގަޅަށް ކެއުމާއި އަމިއްލަ ނަފްސު ބަލަހައްޓާނެ ގޮތާއި އަމިއްލަ ބޭނުންތައް ދެނެގަނެ އިމޯޝަންތައް ރެގިއުލޭޓުކޮށް، ބާރުވެރި ކުރުވުމާ ގުޅޭ މައުލޫމާތު މި ޕްރޮގްރާމުގައި ކުރިއަށްގެންދާ ސެޝަންތަކުގައި ކިޔައިދޭނެ އެވެ.
މި ޕްރޮގްރާމުގައި ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އެ މީހުންގެ ތަޖުރިބާތަކާއި ލިބިފައިވާ ތަފާތު މައުލޫމާތުތައް ބައިވެރިންނާ ހިއްސާކުރާނެ އެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ލައިފް ކޯޗެއް ކަމަށްވާ އުމާނާއާ އެކުގަ އެވެ. އޭނާއާ އެކު "ދަ ރިވައިބް" އާއި ވެލްނެސް އެންތުޒިއެސްޓެއް ކަމަށްވާ ލޫސީ އަދި "ފްލާލެސް ބައި ފެނީ" އާއި "އައިލެންޑް އެޕޮތެކަރީ"ގެ އިތުރުން "ސްޓާލިން" އިން ވެސް މި ހަރަކާތުގައި ބައިވެރިވާނެ އެވެ.
ޕްރޮގްރާމުގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ހަށިގަނޑަށެވެ. ކުއްޖާގެ އަމިއްލަ ނަފްސާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމާއި ސިކުނޑި އަށް އަންނަ ގޯސް ހިޔާލުތަކުން ދުރުވުމަށް ބޭނުންވާ ޓެކްނިކްތައް އުމާނާ ކިޔައިދޭނެ އެވެ. އަދި ފްލާލެސްގެ ފައުންޑަރު ފެނީ ކިޔައިދޭނީ، އޭނާ ބޭކިން ފެށި ގޮތާއި އެކަން ކުރަން ނިންމި ސަބަބުތަކެވެ. ހަމަ އެ ދުވަހު، ޕްރޮގްރާމުގެ ބައިވެރިންނަށް އެ ކުދިންގެ ހަށިގަނޑަށް ލޯބި ޖެއްސުމުގެ ގޮތުން، އައިލެންޑް އެޕޮތަކަރީއާ ގުޅިގެން ހަށިގަނޑާއި ހަންގަނޑު ރީއްޗަށް ބަހައްޓާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ.
އިންސާނެއްގެ އެންމެ މުހިއްމު އެއް ވަސީލަތަކީ ސިކުނޑި ކަމަށްވެފައި މި ވަސީލަތް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އެހީވުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ވެސް މި ޕްރޮގްރާމުގައި ކުރިއަށް ގެންދާނެ އެވެ. އެހެންވެ މި ޕްރޮގްރާމުގެ ދެވަނަ ދުވަސް ހާއްސަ ކޮށްފައިވަނީ ސިކުނޑިއަށެވެ.
މި ޕްރޮގްރާމުގެ ތިން ވަނަ ދުވަހަކީ ހަށިގަނޑުގައި ހިނގާ ތަފާތު އެކި ޖަޒުބާތުތަކާ ކުރިމަތިލުމަށް ދަސްކޮށްދޭ ދުވަހެވެ. ބައެއް ފަހަރު، ހަށިގަނޑުގައި ހިނގައި ތަފާތު އިހުސާސްތައް ބަޔާންކޮށްދޭން ނޭނގި، އިތުރަށް މީހާ މާޔޫސްވެ އެވެ. މިކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަނީ "ދަ ރިވައިބް" ގެ އެހީގަ އެވެ. ރިވައިބަކީ މީގެ އެތައް އަހަރެން ކުރިން ފެށިގެން މީހުންގެ އިހުސާސްތައް އެންމެ ފައިދާ ހުރި ގޮތަށް ބޭރުކުރުމަށް އެހީތެރިވެދެމުން އަންނަ ބައެކެވެ.
ކުދިން ޝައުގުވެރިވާނެ ގޮތަށް ތަފާތު އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ 10 ފުރުސަތެވެ. ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް "އަހަރެންގެ ހަފްތާ" ސޯޝަލް މީޑިއާ އެކައުންޓުގައިވާ އޮންލައިން ފޯމު ފުރިހަމަކޮށް އެޕްލައި ކުރެވޭނެ އެވެ. ޕްރޮގްރާމުން ފުރުސަތު ލިބޭ ކުދިންނަށް "މީރުމާ އިވެންޓްސް" އިން އަންގާނެ އެވެ. މި ހަރަކާތާ ގުޅޭ ސުވާލެއް އޮތް ނަމަ، މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު، 4:00 ގައި ހ. މީރުމާ، ތިން ވަނަ ފްލޯއިން ބެލެނިވެރިންނަށް މައުލޫމާތު ސާފު ކުރެވޭނެ އެވެ.