12 ޖުލައި 2021 - 22:47

ފާއިތުވި 24 ގަޑިއިރުގެ ތެރޭ މުޅި ރާއްޖެއިން 91 މީހަކު ކޮވިޑަށް ޕޮޒިޓީވްވީ އިރު، ރަށްރަށުން 61 މީހަކަށް މި ބަލި ޖެހިއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުގައިވާ ގޮތުން ކުރިން އެންމެ ކޭސްތައް ގިނަ މާލެ ސަރަހައްދުން ފެނިފައި ވަނީ ޕޮޒިޓީވް އެންމެ 23 ކޭސް އެވެ. އަދި ރިސޯޓުތަކުން އިތުރު ހަތް މީހަކަށް ބަލި ޖެހިފައިވެ އެވެ.
މިއާ އެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 75،162 އަށް ވަނީ އަރައިފަ އެވެ. އަދި އޭގެ ތެރެއިން 72،439 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މި ބަލީގައި މިހާތަނަށް 214 މީހަކު ވަނީ މަރުވެފަ އެވެ.
މި އަދަދުތަކާ އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 އެވެ.
ބަލިޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ދިޔައިރު ހޮސްޕިޓަލްތައް ފުރި ނުރައްކާތެރި ހާލަތަކަށް ދިޔަ ނަމަވެސް، ކޭސްތައް މަދުވާން ފެށުމާ އެކު ހޮސްޕިޓަލް ކޭސްތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 15 މީހުންނަށެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ އެކު އެޗްޕީއޭ އިން ވަނީ ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތައް ދީފަ އެވެ. މީގެ ތެރޭގައި މާލޭގެ ކާފިއު އުވާލުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.