ޔާމީންގެ ވަކީލުން ނުކުމެވަޑައިގަތީ ބަޔާން ނެގިޔަ ނުދޭން
ޔާމީންގެ ވަކީލުން ނުކުމެވަޑައިގަތީ ބަޔާން ނެގިޔަ ނުދޭން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ތަހުގީގަށް ހާޒިރުކުރުމުން އެ މަނިކުފާނުގެ ވަކީލުން ތަނާޒުލްވެ ވަޑައިގަތީ ޔާމީންގެ ބަޔާން ނެގުމަށް އިންކާރު ކުރެއްވުމަށްފަހުގައިކަން އެނގިއްޖެ އެވެ.

ޔާމީންގެ ވަކީލުން ނުކުމެވަޑައިގަތީ ބަޔާން ނެގިޔަ ނުދޭން
ޔާމީންގެ ވަކީލުން ނުކުމެވަޑައިގަތީ ބަޔާން ނެގިޔަ ނުދޭން

ޔާމީން ޕޮލިހަށް ހާޒިރުކުރީ ވ. އާރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގަ ޢެވެ. އެ މައްސަލަ ޕޮލިހުން ކުރިން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.

ތަފްސީލު މައުލޫމާތުތަކެއް ނުދީ ފުލުހުން މިރޭ ބުނީ، ޔާމީން މިއަދު މެންދުރު 2:00 އަށް ފުލުސް އޮފީހަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

މިިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ވެސް ހަމަ އެ މައްސަލައިގައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އެ ދުވަހު ވެސް ބަޔާން ނުނެގުނީ ޔާމީން އެކަމަށް އިންކާރު ކުރެއްވުމުން ކަމަށް ވަނީ އެނގިފަ އެވެ.

ޔާމީން ހާޒިރުކުރަނީ ދައުވާކުރަން ފޮނުވާފައިވާ މައްސަލާގައި ޕީޖީ އޮފީހުން އެދިގެން ޔާމީނަށް ތުހުމަތުތައް އިތުރަށް ސާފުކޮށްދީ އަލުން ބަޔާން ނެގުމަށް ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް، މިއަދު އެ މައްސަލައިގައި އަލުން ބަޔާން ނުނެގުނީ އެއީ ތަހުގީގު ނިމިފައި އޮތް މައްސަލައެއް ކަމަށް ވިދާޅުވެ ބަޔާން ދެއްވަން އިންކާރު ކުރެއްވުމުންނެވެ. ޔާމީންގެ ވަކީލުން ވެސް އެކަމާ ދެކޮޅު ހައްދަވައި ފަހަރަކު ބޭފުޅަކު ނުކުމެވަޑައިގަތީ ކަމަށް އެނގިފައިވެ އެވެ. އެއީ އެ މައްސަލައިގައި ކުރިން ވެސް ބަޔާން ނަގާފައިވުމުން ދެވަނަ ފަހަރަކަށް ނުނެގޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ޕީޖީން އެދިގެން ތަހުގީގު ފުރިހަމަކުރުމަކީ ފުލުހުން އަބަދުވެސް ކުރާ ކަމެކެވެ.

އެ ބޭފުޅުން ވަޑައިގަތުމުން، ވަކީލަކާއެކު މައްސަލަ ކުރިއަށްގެންދިޔުމުގެ ހައްގު ބޭނުންކުރައްވަން ޔާމީން އެދިވަޑައިގަތުމުން މިއަދު އަނެއްކާވެސް ފުލުހުން ފުރުސަތު ދިނީ އެވެ. އެހެންވެ މިއަދު މައްސަލަ ކުރިއަށް ގެންގޮސް ބަޔާން ނެގޭ ގޮތެއް ނުވި އެވެ.

ފުލުހުން ބުނީ، ޔާމީން ވަކީލަކު ބޭނުން ކަމަށް ވިދާޅުވެފައި ވާތީ އާއި ވަކީލުން މިއަދު ތަހުގީގުން ތަނާޒުލްވެވަޑައިގެންފައިވާތީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމުގެ ގޮތުން މިއަދު ތަހުގީގު މެދުކަނޑާލީ ކަމަށެވެ.

"ތަހުގީގު އިތުރަށް ގެންދަން ބޭނުންވަނީ ލޯޔަރުންގެ ހާޒިރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާތީ ލޯޔަރުގެ ފުރުސަތު ދީ ތަހުގީގު ވަނީ މިއަދަށް މެދުކަނޑާލެވިފައި،" ފުލުހުން ބުންޏެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ވަކީލުން ތަނާޒުލް ވާން ނިންމެވީ މިއަދު ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކުރީ ކުރިން ވެސް ތަހުގީގު ނިމިފައި އޮތް މައްސަލައެއްގައި އަލުން ސުވާލުކޮށް ބަޔާން ނަގަން އުޅުމުން ކަމަށެވެ. އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި ސަހައްކަން ކަށަވަރުކުރުމަށް ފުރުސަތު ދޭން އެދުމުން ވެސް ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން އުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައިވާ އާރަށް ހިއްކައިގެން ބޮޑުކޮށްފައިވާއިރު، އެ ރަށުގައި މިހާރު "ސިނަމަން ވެލިފުށި"ގެ ނަމުގައި 90 ކޮޓަރީގެ ރިޒޯޓެއް ހިންގަ އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމަކީ ވެސް ރަށެއް ވިއްކައިގެން ލިބެން ޖެހޭ ފައިސާ އެކައުންޓަށް ވަދެ އެ ފައިސާ ލޯންޑާ ކުރި މައްސަލައިގައި އިއްވި ހުކުމެކެވެ. އެ ހުކުމް އިއްވީ ގއ. ވޮޑަމުލާ ވިއްކައިގެން ލިބެން ޖެހޭ ފައިސާ އެމަނިކުފާނު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.

މިހާރު ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގެ ތަހުގީގު ހިންގާއިރު، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ކްރިިމިނަލް ކޯޓުގައި ހިނގަ އެވެ.