އެމްއޯސީގެ އާ ސެކްރެޓަރީ ޖެނަރަލަކީ ތަމޫ، ހަޒާންދާރަކަށް ހުސެން
އެމްއޯސީގެ އާ ސެކްރެޓަރީ ޖެނަރަލަކީ ތަމޫ، ހަޒާންދާރަކަށް ހުސެން

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް، ކުރީގެ ޓީޓީ ކުޅުންތެރިޔާ ތަމޫހް ސައީދު އަދި ފައިނޭންޝިއަލް ޑައިރެކްޓާ ކަމަށް ކުރިން ވެސް ހަޒާންދާރަކަށް ހުންނެވި ހުސައިން ރަޝީދު އައްޔަން ކޮށްފި އެވެ.

އެމްއޯސީގެ އަސާސީ ގަވާއިދުގައި މިދިޔަ 12 އަހަރު އޮތީ ޖެނަރަލް ސެކްރެޓަރީ އަދި ހަޒާންދާރު ކަމަށް ވެސް ވަކިން ކުރިމަތިލައި އެ ދެ މަގާމަށް މީހުން އިންތިހާބު ކުރާ ގޮތަށެވެ. އިންތިހާބު ކުރާ އެކްސްކޯއެއްގެ ދަށުން އެމްއޯސީ ހިންގަން ފެށީންސުރެ މިދިޔަ މަހާ ހަމައަށް ސެކްރެޓަރީ ޖެނަރަލް ކަމުގައި ހުންނެވީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު މަރުޒޫގް (މަރޭ) އެވެ.

އެމްއޯސީގެ ގަވާއިދުގައި މިހާރު ވާ ގޮތުން ސެކްރެޓަރީ ޖެނަރަލްކަމާއި ފައިނޭންޝިއަލް ޑައިރެކްޓާގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީން ފާސް ކުރުމަށް ފަހު އެވެ. އެމްއޯސީގެ އާ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) ގެ ދައުރު އިއްޔެ ރަަސްމީކޮށް ވަނީ ފަށައިފަ އެވެ. އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުގައި، ސެކްރެޓަރީ ޖެނަރަލް ކަމަށް ތަމޫ މިއަދު އައްޔަން ކުރީ އެކްސްކޯގައި ނެގި ސިއްރު ވޯޓަކުން ކަމަށް އެމްއޯސީން ބުންޏެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ތަމޫ ވަނީ ސްޕޯޓްސް އެޑްމިނިސްޓްރޭޝަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ ޓީޓީ ޓީމަށް ކުޅުއްވި ތަމޫ އަކީ ޓިޓީ އެސޯސިއޭޝަންގެ ކުރީ ސެކްރެޓަރީ ޖެނަރަލް އެވެ. އެ މަގާމުގައި ހަތަރު އަހަރު އޭނާ މަސައްކަތް ކުރެއްވި އެވެ.

ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެވި، ގަހާ އަހުމަދު ސައީދުގެ ދަރިކަލުން، ތަމޫ ގެންދަވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްއޯސީގައި މަސައްކަތް ކުރައްވަމުންނެވެ. ގޭމްސްތަކަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓާ ގުޅޭ ކަންކަމުގައި ގިނަ އިންތިޒާމުތަކެއް ހަމަޖައްސަނީ، އެމްއޯސީގެ ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ތަމޫގެ ބެލުމުގެ ދަށުންނެވެ. މިދިޔަ އަހަރު ޖޫން މަހު އެމްއޯސީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ހަމަޖެއްސި ތަމޫ އަކީ، ކުޅިވަރުގެ ގައުމީ މަޖިލީހުގައި ވެސް އެމްއޯސީ ތަމްސީލު ކުރައްވާ މެންބަރެވެ.

ގައުމީ ބޭންކް، ބީއެމްއެލްގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ހުސައިން އަކީ ވެސް ކުރިން ޓީޓީ ކުޅުއްވި ބޭފުޅެކެވެ. އެމްއޯސީގެ ހަޒާންދާރުކަން މިދިޔަ ދެ ދައުރުގައި ވެސް ކުރެއްވީ އޭނާ އެވެ. މަގާމުގެ ޓައިޓަލް ބަދަލުވިޔަސް، އެމްއޯސީގައި އޭނާ ކުރައްވާނީ ކުރިން ވެސް ކުރައްވަމުން ގެންދެވި މަސައްކަތެވެ.

ނަމަވެސް އެކްސްކޯ މެންބަރެއްގެ ގޮތުގައި ތަމޫ ވެސް އަދި ހުސައިން ވެސް މަސައްކަތެއް ނުކުރައްވާނެ އެވެ.