13 ޖުލައި 2021 - 06:47

މި އަހަރުގެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިލީ" ސިނަމާތަކަށް ގެނެވޭނެ އިރެއް ނޭނގޭ ކަމަށް ބުނެފި އެވެ.
މި ފިލްމު ރިލީޒްކުރަން އެންމެ ފަހުން ތާވަލުކުރި ތާރީހަކީ މި އަހަރުގެ އެޕްރީލް މަހުގެ 23 އެވެ. އެކަމަކު އެ ތާރީހުގައި ފިލްމު ރިލީޒްނުކުރަން ނިންމީ މާޗް މަހުން ފެށިގެން އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިނަމާތައް ބަންދުކުރުމާ ގުޅިގެންނެވެ. "ތަލައިވީ" އަކީ ކުރިން މިދިޔަ އަހަރު ގެނެސްދޭން ރޭވި ފިލްމެކެވެ. އެކަމަކު އޭރު ވެސް ފިލްމު ނޭޅެވުނީ ކޮވިޑާ ހެދި ކުރިމަތިވި ކަންކަމާ ހެދި އެވެ.
އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލު ކަންގަނާ ކުޅެފައިވާ "ތަލައިވީ" ގެ ޓްރެއިލާ ވެސް މި އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވާ އިރު، ޓްރެއިލާ އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. އެގޮތުން މި ފިލްމަކީ ކަންގަނާގެ މޮޅު އެކްޓިންއާ އެކު އޭނާ އަށް ފަސް ވަނަ ނެޝަނަލް އެވޯޑް ލިބުމުގެ ފުރުސަތު ބޮޑު ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
"ތަލައިވީ" ޑިޖިޓަލްކޮށް ޕްރީމިއާކުރަން އުޅޭ ކަމަށް ބުނާތީ އެކަން ދޮގުކޮށް، ކަންގަނާ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ފިލްމު ގެނެސްދޭނީ އިންޑިއާ ސިނަމާތައް އަލުން ހުޅުވި އިރަކުން ކަމަށެވެ.
މި ވަގުތު ފިލްމު "ދާކަޅް" ގެ ޝޫޓިން އަށް ހަންގޭރީގެ ބުޑަޕެސްޓްގައި ހުރި ބަތަލާ ބުނީ "ތަލައިވީ" ގެނެސްދޭނެ އިރެއް މިހާތަނަށް ނުނިންމާ ކަމަށެވެ.
"އެހެންވެ ފިލްމު ރިލީޒްކުރުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގަބޫލުނުކުރަން އެދެން. ފިލްމު ގެނެސްދޭނީ އިންޑިއާގެ ހުރިހާ ހިސާބެއްގެ ސިނަމާތައް ހުޅުވި އިރަކުން." ކަންގަނާ ބުންޏެވެ.
އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ "ތަލައިވީ" ގެ ކާސްޓްގައި އަރުވިންދު ސްވާމީ، ބަގިޔާޝްރީ، މަދޫ، ނައްސާރު އަދި ޕޫރްނާ ފަދަ ތަރިން ހިމެނެ އެވެ.