12 ޖުލައި 2021 - 14:33

ހިޔާ ފްލެޓްތަކުގައި ސްޓެލްކޯއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިއަދު ނިންމާލައިފި އެވެ.
ސްޓެލްކޯއިން ބުނީ ފްލެޓްތަކަށް ބޭނުންވާ ކަރަންޓު ދިނުމަށްޓަކައި ހުޅުމާލެ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒް ކޮށް، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކޮށްފައިވާ ކަމަށެވެ.
ޓްރާންސްފޯމަރުތައް ލައިވް ކުރި ނަމަވެސް ހިޔާ ފްލެޓްތަކަށް ކަރަންޓް ލިބޭނީ ހިޔާ ފްލެޓްތަކުން ލޯ ވޯލްޓޭޖު ކޭބަލް ގެނެސް ގުޅައިލުމުންނެވެ. އެ މަސައްކަތް ކުރަނީ އެޗްޑީސީން ޗައިނާގެ ސީއެމްއީސީ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އެތަނަށް ބޭނުންވާ ކަރަންޓް މީޓަރު ބޯޑުތައް ފޯރުކޮށްދިނީ ސްޓެލްކޯއިންނެވެ. ހިޔާ ފްލެޓްތަކުގައި ބަހައްޓަނީ "ސްމާޓު" މީޓަރެވެ. ސްމާޓު މީޓަރުން ރިއަލް ޓައިމްގައި ކަރަންޓަށް ހަރަދުވާ ވަރު ބަލައިލެވޭނެ އެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރާއި އަމިއްލައަށް ކަނޑައަޅާ ލިމިޓަށް ވުރެ އިތުރުވަންޏާ އެކަން ވެސް ބަލައިލެވޭނެ އެވެ.
ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު އެތަނުގެ ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 އިމާރާތް ހަދާފައިވެ އެވެ.