އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފަށައިފި، އިއްޔެ އާއި މިއަދު 3،000
އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފަށައިފި، އިއްޔެ އާއި މިއަދު 3،000

ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް 3،000 އަށް އަރައިފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ މެއި މަހު 11 އިން ފެށިގެން މި މަހުގެ ތިން ވަނަ ދުވަހަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އުޅުނީ އެވްރެޖްކޮށް 1،500 އާއި 2،000 ދެމެދުގަ އެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ހޮނިހިރާއި އާދިއްތަ ދުވަހު އައި ޓޫރިސްޓުންގެ އަަދަދު ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ. މި ދެ ދުވަހަކީ ކޮންމެ ހަފްތާއަކު ވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ ދުވަހެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެން ނަމަވެސް މިދިޔަ މެއި މަހު ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި އެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާގެ ކޮވިޑްގެ ހާލަތު ބޮއްސުންލައިގެން ދިއުމުން އެ ގައުމުން ޓޫރިސްޓުން އައުން މަނާ ކުރި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ރަނގަޅުވެ، މި ސަރަހައްދުގެ ޓޫރިސްޓުންނަށް އާދެވޭނެ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިންޑިއާ އިން ވެސް ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށާނެ އެވެ.

މި ވަގުތު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އަދި ދެވަނަ އަށް އިންޑިއާ، ތިން ވަނަ އަށް ލިސްޓުގައި ހިމެނެނީ ޖާމަނީ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިހާރު ހާލަތު އޮތް ގޮތުން މިކަން ހާސިލުވުމުގެ ފުރުސަތު ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.