އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް
އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް

ކޮވިޑް-19 އަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކަމެއް ކަމަށް އެންމެން ވެސް ހެކިވެއެވެ. ތައުލީމީ ދާއިރާ ވެސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮވިޑާ ގުޅިގެން އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާ އަށް އައި ބޮޑު ބަދަލަކީ ފާހަގަކޮށްލެވޭ ފަދަ ބަދަލެކެވެ. ޓީޗަރެއްގެ ގޮތުގައި އަޅުގަނޑު މި ހޭދަކުރި ތިރީހަކަށް އަހަރު ވެސް ކުރަން ނުޖެހޭ އެތައް ތަޖްރިބާތަކެއް ވަނީ ކުރަން ޖެހިފަ އެވެ.

އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް
އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް

މި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލައިފައި ވާނީ ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް ކިޔަވައިދިންއިރު ކުރެވުނު ތަޖްރިބާތަކުގެ މައްޗަށެވެ.

އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް
އޮންލައިންކޮށް ކިޔަވައިދިނުން: ބުރަ އަދި ހިތްދަތި އިހުސާސްތަކެއް

މިދިޔަ އަހަރުގެ މެދަކާ ހިސާބަށް ދިޔައިރު މާލޭގެ ސްކޫލްތައް އޮތީ ބަންދުކޮށްފަ އެވެ. ކޮވިޑް19 ގެ ހާލަތު ނޫން ނަމަ އެ ދުވަސްވަރަކީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން ފޯރިއާ އެކު ކުރިއަށްދާ ދުވަސްވަރެކެވެ. ހާއްސަކޮށް އޯލެވެލް އިމްތިހާނާއި، އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންގެ ސިލަބަސް ނިންމުމާއި، އެ ކުދިންނަށް އަމާޒުކޮށް ހިންގަމުންދާ އެކްސްޓްރާ ކްލާސްތަކާއި، ފެންވަރު ބެލުމުގެ ޓެސްޓްތައް ނަގަމުންދާ ދުވަސްވަރެވެ.

އެކަމަކު، މިދިޔަ އަހަރު ހާލަތުގެ ގޮތުން ދަރިވަރުން ސްކޫލަށް ގެނެސްގެން ކިޔަވައިދެވޭނެ ގޮތެއް ނެތެވެ. އެހެން ކަމާއެކު ދެން އޮތް ގޮތަކީ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކިޔަވައިދިނުމާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމެވެ. އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދަން ނިންމުމާ އެކު އެކަމުގެ ތައްޔާރީތައްވެ ކިޔަވައިދިނުން ފެށުނީ އެވެ. ކްލާސްތައް ކުރިއަށް ގެންދިޔުމަށް ބޭނުންކުރީ ގޫގުލް މީޓް އެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަކީ ރާއްޖޭގެ ސްކޫލްތަކުގައި އާއްމުކޮށް ކުރަމުން އައި ކަމެއް ނޫނެވެ. ހުރިހާ ކަމަކަށް ވެސް ދަރިވަރުން ސްކޫލަށް ނެރެގެން ކިޔަވައިދިނުމާ ގުޅޭ ކަންކަން ފުރިހަމަކުރަމުން ގެންދިޔުމުގެ އާދަ ގެންގުޅެމުން އައިސް ކުއްލިއަކަށް މި ބަދަލަށް ހޭނުން ވީ ޓީޗަރުންނަށް ބޮޑު ކަމަކަށެވެ.

ފުރަތަމަ ކަމަކީ މިކަމަށް އަހުލުވެރިވެފައި ނުވުމެވެ. އެއަށްފަހު މުދައްރިސުންނަށް އެކަށީގެންވާ ވަސީލަތްތައް ލިބިފައި ނުވުމެވެ. ބައެއް މުދައްރިސުންގެ އަތުގައި ސަރުކާރުން ދީފައިވާ ޓެބްލެޓް ހުއްޓަސް، އެފަދަ ވަސީލަތެއް ނެތް މުދައްރިސުން ވެސް ތިއްބެވެ.

މިފަދަ ވަސީލަތްތައް ހުރި ކަމަށް ވިޔަސް ބޭނުންކުރުމަށް ވެސް ޓީޗަރުން ފަރިތައެއް ނޫނެވެ. ހަމަ އެއާއެކު އިންޓަނެޓްގެ މައްސަލައަކީ ވެސް މި ކްލާސްތައް ކުރިއަށް ގެންދިޔުމުގައި ދިމާވި ގޮންޖެހުމެކެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށް ކްލާސްރޫމެއް ބޭނުން ނުވިޔަސް، ކިޔަވައިދެވޭ ފަދަ މާހައުލެއް ލިބިފައި ނެތުމަކީ ވެސް ދަތި އުނދަގޫ ކަމެއްކަން ވަނީ ފާހަގަ ވެފަ އެވެ.

ދަރިވަރުންގެ މަސައްކަތް މާކުކުރުމަކީ ޓީޗަރުންނަށް މަޖްބޫރު ކަމެކެވެ. ބައެއް ސްކޫލްތަކުން ވަރަށް ބޮޑަށް ފާރަވެރިވާ ކަމެއް ވެސް މެއެވެ. ޓީޗަރެއްގެ ހައިސިއްޔަތުން ދަންނަވަން ޖެހެނީ އޮންލައިންކޮށް ކިޔަވައިދިނުމުގައި އޮތް އެންމެ ހިތްދަތި އެންމެ އުނދަގޫ ކަމަކީ މާކުކުރުން ކަމެވެ.

މިއީ ބައެއް ފަހަރު ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. އާއްމު ގޮތެއްގައި ދަރިވަރުންގެ މަސައްކަތް އަޕްލޯޑް ކުރަނީ ފޮޓޯއެއްގެ ގޮތުގަ އެވެ. ފޮޓޯ ނަގާފައިވާ ގޮތުން ލިޔުންގަނޑުގެ އެއްބައި އަރާފައި އޮވެދާނެ އެވެ. ބައެއް ފޮޓޯތައް ނުސާފުކަމުން ކިޔަން ނޭނގޭ ވަރުވެއެވެ. ހަމަ އެއާއެކު ފޮޓޯ ނަގާފައި ހުންނަ ގޮތުން މާކުކޮށްލުމަށް އަޕްލޯޑް ކޮށްލާއިރު އެ ފޮޓޯ އެކޮޅުކޮޅުން އޮވެދާނެއެވެ. ކަމަށް އަހުލުވެރިނުވެ ހުރި މުދައްރިސް އެ ރަނގަޅު ކުރުމަށް އެތައް މަސައްކަތެއް ކުރަން ވެސް ޖެހިދާނެ އެވެ.

ދެން އޮތީ މާކުކުރުމުގެ މަރުހަލާ އެވެ. މި އަހަރުގެ ދެވަނަ ޓާމުގެ 30 މާކްސްގެ ޓެސްޓް ދިވެހި ޓެސްޓް ޕޭޕަރުތައް މާކުކުރެއްވި ޓީޗަރަކު ބުނި ގޮތުގައި ޕޭޕަރެއް މާކުކުރުމަށް އެވްރެޖްކޮށް 50 މިނެޓާއި 70 މިނިޓް ހޭދަވެއެވެ. އެ އުސޫލުން ބަލާއިރު 150 ކުދިންގެ ޕޭޕަރު މާކުކޮށް ނިންމާލިއިރު އޭނާ އަށް ވަނީ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ.

އޮންލައިން ކްލާސްތަކުގައި ކިޔަވައިދިނުމުގެ ތަޖްރިބާއެއް ލިބިފައިނުވާ މުދައްރިސުންނަށް ފިލާވަޅުތައް ގެންދާނެ ގޮތުގެ އިރުޝާދުތައް ސްކޫލްގެ ފަރާތުން އޮންލައިކޮށް ދެމުން ގެންދެ އެވެ. ޓީޗަރުން ފިލާވަޅުތައް ގެންދިޔުމުގެ ކުރިން ކޯޑިނޭޝަން މީޓިންތައް ބާއްވަމުން ގެންދެ އެވެ. އެއް މާއްދާއެއް ކިޔަވައިދޭ މުދައްރިސުންގެ މެދުގައި ބާއްވާ މީޓިންތައް ވެސް ބާއްވަމުން ގެންދަނީ އޮންލައިން ކޮށެވެ. ޕްރެޒެންޓޭޝަންތަކާއި، ވީޑިއޯ ކްލިޕްތަކާއި، އޯޑިޔޯ ކްލިޕްތައް ހޯދުމުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހެއެވެ. ތައްޔާރުކުރާ މެޓީރިއަލްތައް އެކަކު އަނެކަކަށް ފޯރުކޮށްދެމުން ވެސް އަންނަނީ އޮންލައިކޮށެވެ.

ދެތިން މާއްދާ ކިޔަވައިދޭ މުދައްރިސުން އެތައް ވަގުތެއް އޮންލައިންގައި ހޭދަކުރަން ޖެހުނެވެ. ބައެއް ޓީޗަރުން ގޭގައި ތިބެގެން އެކްޓްކުރަން ވެސް ފެށީ އެވެ. ދަރިވަރުން ޝައުގުވެރި ފިލާވަޅެއް ނަގައިދިނުމަށް ޓަކައި ޓީޗަރުން އެ މީހުންގެ ހުރިހާ ހުނަރެއް އެކަމަށް ހުސްކޮށްލަ އެވެ. ކުރުގޮތަކަށް ބުނާ ނަމަ އޮންލައިންކޮށް ފިލާވަޅެއް ކުރިއަށް ގެންދިޔުމަށް ޓަކައި މުދައްރިސުން ތައްޔާރުވަމުން ގެންދިޔައީ ވަރަށް އާދަޔާޚިލާފު ރޫޙެއްގަ އެވެ. މަސްއޫލިއްޔަތަކަށް ވުރެ ބޮޑަށް ވާޖިބެއްކަމަށް ދެކިގެންނެވެ. ނަމަވެސް އެންމެފަހު ވަގުތު ކަންތައްތައް ވަނީ އެހެނެއް ނޫނެވެ!

އޮންލައިން ކްލާސްތައް ފެށުމާއެކު ދަރިވަރުގެ ސްކޫލަކީ އެ ކުއްޖެއްގެ ގެއެވެ. ސްކޫލްތަކުން ދަރިވަރުންނަށް ޓައިމް ޓޭބަލް ދީފައި އޮވެއެވެ. އާއްމު ގޮތެއްގައި ކުއްޖަކު ކްލާހުގައި ހޭދަކުރަން ޖެހެނީ ދުވާލަކު ތިންގަޑިއެއްހާއިރެވެ. ކީ ސްޓޭޖް 1،2 ގެ ދަރިވަރުން އެއަށްވުރެ މަދު ވަގުތެކެވެ. ކްލާސްތައް އާއްމުކޮށް ފަށަނީ ހެނދުނު ސައިބޮއި ނިމޭހާ ވަގުތު ދިނުމަށް ފަހު އެވެ.

ކްލާސްތައް ފެށުމާ އެކު މުދައްރިސުން އަވަދިނެތި މަސައްކަތް ކުރަމުން ގެންދަނީ ދަރިވަރުންގެ ރެޖިސްޓަ މާކުކޮށް ކަންތައް ކޮށްލުމަށެވެ. ނަމަވެސް މުދައްރިސުން އެންމެ ބޮޑަށް މާޔޫސްވެ ކަރުއެލުވާލަން ޖެހެނީ ކުދިން ކްލާހަށް ޙާޒިރު ނުވާތީ އެވެ. ބައެއްފަހަރު ކްލާހުގެ ދެބައިކުޅަ އެއްބައި ކުދިން ވެސް ކްލާހަކަށް ހާޒިރެއް ނުވެއެވެ. ބައެއްފަހަރު ކުދިން ކްލާސްތަކަށް ވަންނަނީ ވަންނާނެ އިރަކުންނެވެ. އެހާ ހިސާބުން ކްލާސް ގްރޫޕްތަކުގައި މުދައްރިސް ބެލެނިވެރިންނަށް ކްލާސް އޮތްކަން ހަނދާންކޮށްދޭން ފަށަ އެވެ. ވަކިވަކި ބެލެނިވެރިންނަށް ގުޅަން ޖެހެ އެވެ. މި ހާލަތު ބޮޑަށް ކުރިމަތިވެފައި ވަނީ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކަމުގައި ވެސް ފާހަގަކުރެވެއެވެ.

ކްލާސް ފެށިގެން ކުރިއަށް ދަނީ އެވެ. ކްލާހުގައި ތިބި މަދު ކުދިންކޮޅާ އެކު މުދައްރިސް ހޭލައިއިނދެ ތައްޔާރުކުރި ފިލާވަޅު ފޯރިއާއެކު ކުރިއަށް ގެންދަނީ އެވެ. ކުދިން ބައިވެރިވާނެ ކަމުގެ ހިތްހަމަޖެހުމާ އެކު އެވެ. އާއްމު ކްލާސްތަކުގައި ވެސް މުދައްރިސް ވަކިވަކި ކުދިންނާ ސުވާލުކުރާ ގޮތަށް ބައެއް ދަރިވަރުންނާ ސުވާލު ކުރެ އެވެ. ނަމަވެސް ކުދިންގެ ފަރާތުން ޖަވާބެއް ނުލިބެ އެވެ. ކުއްޖާ ކްލާހުގައި އިންތޯ މުދައްރިސް ބަލާއިރު، އެ ކުއްޖާ ކްލާހުގައި އެބައިނެވެ. ދެން އިންނަ ކުއްޖާ އަށް ގޮވާލަ އެވެ. އެ ކުއްޖާގެ ޖަވާބެއް ވެސް ނުލިބެ އެވެ.

ކީ ސްޓޭޖް 3،4 ގެ ކްލާސްތަކަށް ކިޔަވައިދޭ ޓީޗަރުންގެ މައިގަނޑު ޝަކުވާއަކީ ދަރިވަރުން ކްލާސްތަކުގައި ބައިވެރިނުވުމުގެ ޝަކުވާ އެވެ. އެކަމަކު އެކަމަކީ ގަދަކަމުން ކުއްޖަކު ލައްވާ ކުރުވޭނެ ކަމެއް ވެސް ނޫނެވެ. ދަރިވަރު އިންނަނީ މުދައްރިސަށް ފެންނަ ހާލަތެއްގައެއް ނޫނެވެ. ބައެއް ބޭފުޅުން ކެމެރާ އޮންކޮށްފައި ބެހެއްޓުމުގެ ހިޔާލު ވެސް ދެއްވަ އެވެ. މިއީ ހިޔާލުތައް ދެކަފިވެފައިވާ މައުޟޫއެކެވެ. ކޮންމެއަކަސް މުޅި ފިލާވަޅު ޓީޗަރު ނިންމާލަންޖެހެނީ އެކަނިމާއެކަންޏެވެ. މިއީ ހުރިހާ ކުދިންގެ ވާހަކައެއް ނޫނެވެ.

އާއްމު އުސޫލުގެ މަތިން އޮންލައިންކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުންނަށް އެ ކުދިންގެ ފިލާވަޅާ ގުޅިގެން މަސައްކަތްތައް ހަވާލުކުރެވެއެވެ. ކޮންމެ މާއްދާއަކުން ވެސް އެކި ފެންވަރުގެ މަސައްކަތްތައް ހަވާލު ކުރެވެއެވެ. ނަމަވެސް ފާހަގަކޮށްލެވުނު ކަމަކީ އޮންލައިން ކްލާސްތަކުގެ މަސައްކަތްތައް ނިންމުމުގައި ދަރިވަރުން ފަހަތުފަޔަށް ބުރަވެފައިވާ ކަމެވެ.

ކުދިންގެ މަސައްކަތްތައް ނިންމުމުގައި ވަރަށް ބޮޑު ލަސްކަމެއް ފެންނަމުން ދިޔަ އެވެ. މި ހާލަތުގައި ވެސް ހުރިހާ މާއްދާއެއްގެ މަސައްކަތްތައް ވެސް ނިންމަމުންދާ ދަރިވަރުންގެ މަސައްކަތްތައް ވަކި މާއްދާއެއް އިސްތިސްނާވުމެއްނެތި ނިންމާފައި ހުރެއެވެ. އޮންލައިން ކްލާހުގެ މަސައްކަތްތައް ނިންމުމަށް ފަހު އަޕްލޯޑްކުރަން އޮންނަ ތާރީހު ފަހަނައަޅައި އެތައްދުވަހެއް ވުމުން ބެލެނިވެރިންނަށް އެކަމަށް އިޝާރާތް ކޮށްލުމުން ބެލެނިވެރިންގެ ފަރާތުން ފިނި ތަރްހީބެއް ލިބިގެން ދިޔަ ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބެއެވެ.

ދަރިވަރުންގެ މަސައްކަތްތަކަކީ އެސެސްމެންޓެއްގެ ގޮތުގައި ދެވޭ މަސައްކަތެއް ނަމަ ކޮންމެވެސް ތަރްހީބެއް ލިބެއެވެ. ބައެއް ފަހަރު ބައެއް ކުދިން އެއްފަހަރާ އެތައް މަސައްކަތެއް ނިންމާފައި އަޕްލޯޑް ކުރަމުން ވެސް ދެއެވެ. އެހެން ނަމަވެސް ޓީޗަރަށް ޖެހެނީ އެ ހުރިހާ މަސައްކަތެއް ވެސް މާކުކޮށް ފީޑްބެކް ދޭށެވެ.

އޮންލައިން ކްލާސްތަކަކީ ގޭގައި ހިންގާ ކްލާސްތަކެކެވެ. އެހެންކަމުން ދަރިވަރުން ކްލާހުގެ މަސައްކަތުގައި އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭ ފަރާތަކީ ބެލެނިވެރިންނެވެ. ދަރިވަރުންގެ ޓައިމް ޓޭބަލް ފޮނުވަނީ ބެލެނިވެރިންނަށެވެ. ދަރިވަރުންނަށް ޓައިމް ޓޭބަލް ލިބޭނީ ބެލެނިވެރިން މެދުވެރިކޮށެވެ. ކްލާހަށް ވަންނަ ލިންކް ކޮންމެވެސް ގިނަ ފަހަރަށް ފޮނުވަނީ ބެލެނިވެރިންގެ ގްރޫޕްތަކަށެވެ. އެހެންވީމާ ދަރިވަރުގެ ކްލާސް ގަވައިދުން އޮންނާނެކަން ބެލެނިވެރިޔާ އަށް ޔަގީން ކުރެވޭނެ އެވެ. ހަމަ އެހެންމެ ދަރިވަރުންނަށް އެކަށީގެންވާ މާހުލެއް ވެސް ކަށަވަރު ކޮށްދޭން ޖެހެއެވެ.

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. މާލޭގެ ދިރިއުޅުމަކީ ދަތި ދިރިއުޅުމެކެވެ. އެކަމަކު ވެސް ކުއްޖާ އަށް ފަސޭހައިން އިށީނއިނދެލައިގެން އިނދެ ކިޔެވޭނެ ތަނެއް ހަމަޖެއްސެވުމަކީ މުހިއްމު ކަމެކެވެ. ދަރިވަރުންނަށް ކްލާހުގައި ދިން މަސައްކަތްތައް ކުރާކަން ނުވަތަ ނުކުރާކަން ޔަގީން ކުރެވޭނީ ވެސް ހަމަ ބެލެނިވެރިންނަށެވެ.

ކޮވިޑް 19 ގެ ހާލަތު އަދި ނުނިމެއެވެ. ދިރާސީ އާ އަހަރަށް މަރްހަބާ ކިޔާއިރު އެންމެންގެ ވެސް އުއްމީދަކީ ދަރިވަރުން ސްކޫލަށް ގޮސް ކިޔެވުން ކުރިއަށް ގެންދިޔުމެވެ. އުފާވެރި މާހައުލެއްގައި އެހެން ކުދިންނާ އެކު ކިޔެވުމެވެ. ނަމަވެސް އަނެއްކާ ވެސް އޮންލައިން ކްލާސްތަކަށް ރުޖޫއަ ވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދަރިވަރުންނަށެވެ. މި ހާލަތުގައި ކުރިން ކުރި ތަޖްރިބާތައް ކުރަން ނުޖެހޭގޮތަށް ކަންކަން އިންތިޒާމުވެފައި ހުންނަންޖެހެއެވެ. ކުދިންނަށް ފާރަވެރިވާން ޖެހެއެވެ. މުދައްރިސުންނާއި ދަރިވަރުންނަށް ވަސީލަތްތައް ފޯރުކޮށްދޭން ޖެހެއެވެ. ދުރާލައި ކަންކަން އިންތިޒާމުކުރެވެން ޖެހެއެވެ. އެހެން ނޫނީ އަނެއްކާ ވެސް އުފުލަންޖެހޭނެ ތަކްލީފު ބުނެދޭން ވެސް ނޭނގޭނެ އެވެ.

އެޑިޓަރުގެ ނޯޓް: ޝުޖާއު މޫސާ އަކީ ކިޔަވައިދިނުމުގެ ދާއިރާގައި 30 އަހަރު ހޭދަކުރައްވާފައިވާ ވަރަށް ކުޅަދާނަ ޓީޗަރެކެވެ. މިއީ، "މިހާރު" އިން ކޮންމެ އަހަރަކު ނެރޭ ސްކޫލް ގައިޑަށް އޭނާ ލިޔެދެއްވާފައިވާ ލިޔުއްވުމެކެވެ.