15 ޖުލައި 2021 - 07:35

ޓައިވާނަށް ބޭނުންވާ ކޮވިޑް-19 ގެ ވެކްސިން ހޯދަން އެ ގައުމުގެ ބޮޑު ދެ ޓެކް ކުންފުންޏަކުން މަސައްކަތް ފަށައިފި އެވެ.
ދުނިޔޭގެ ޓެކް ކުންފުނިތަކުގެ ތެރޭގައި ވެސް ނަގާ ކިޔާ އަދި އެޕަލްގެ ޑިވައިސްތައް އުފައްދާ ޓައިވާންގެ ފޮކްސްކޮން އާއި އެ ގައުމުގެ ޗިޕް ކުންފުނި ސެމީކޮންޑަކްޓަ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އިން ވަނީ ފައިޒާ ވެކްސިންގެ 10 މިލިއަން ޑޯޒް ގަތުމަށް 350 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފަ އެވެ.
މީޑިއާތަކުން ބުނީ ފޮކްސްކޮން އާއި ޓީއެސްއެމްސީ ގުޅިގެން ފައިޒާ ވެކްސިން ހޯދަން މަސައްކަތްކުރާތާ މަސްތަކެއްވެފައިވާ ކަމަށާއި އެ އެއްބަސްވުމަށް ޗައިނާ އިން ހުރަސް އަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު ޗައިނާ އިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. ފޮކްސްކޮން އާއި ޓީއެސްއެމްސީން ބައޯންޓެކާ ހެދި އެއްބަސްވުމުގައި ޗައިނާގެ ސޭލްސް އޭޖެންޓެއްގެ ގޮތުގައި ޝަންހާއީ ފޯސަން ފާމަސޫޓިކަލް ގްރޫޕް ވެސް ހިއްސާވެފައިވެ އެވެ.
އެތަނުގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ވޫ ޔިފަންގް ވިދާޅުވީ މިހާރު ޓައިވާނަށް ރައްކާތެރިކަމާ އެކު ވެކްސިން ފޯރުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަމާޒަކީ މިކަން ވެސް ވީހާ އަވަސްކުރުން ކަމަށެވެ.
ފޮކްސްކޮން އާއި ޓީއެސްއެމްސީން ގުޅިގެން ގަންނަ 10 މިލިއަން ޑޯޒް ފައިޒާ ވެކްސިން ގަންނަ އިރު، ކޮންމެ ކުންފުންޏަކުން ވެސް ހޭދަކުރާނީ ފަސް މިލިއަން ޑޯޒަށެވެ. އަދި އެ ވެކްސިން ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހަވާލުކުރާނެ އެވެ.
އޭޝިއާގެ ބައްރުގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެއްވެސް އިރެއްގައި އެހާ ގޯސް ނޫސް ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ޓައިވާންގައި މިހާތަނަށް ވެކްސިން ދެވިފައި ވަނީ އާބާދީގެ އެންމެ 0.3 ޕަސެންޓް މީހުންނަށެވެ.
މިދިޔަ ހަފުތާގައި ރައީސް ސައި އިންގް-ވެން ވިދާޅުވި ގޮތުގައި މިހާރު އަމާޒަކީ މި މަސް ނިމުމުގެ ކުރިން 25 ޕަސެންޓް މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމެވެ.
ޓައިވާނުން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ 14،000 އެއްހާ މީހުންނަށެވެ. ބަލީގައި މަރުވި މީހުން އަދަދު 540 އަށް ވުރެ ގިނަ އެވެ.