ކޮވިޑްގެ ހާލަތު ރަތުން އޮރެންޖަށް!
ކޮވިޑްގެ ހާލަތު ރަތުން އޮރެންޖަށް!

ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރެވިފައި ވާތީ، ރެސްޓްރިކްޝަން ލެވަލް ރަތުން އޮރެންޖަށް ބަދަލުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރެސްޓްރިކްޝަން ލެވަލް ދަށްކުރީ ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ކޮވިޑްގެ ހިސާބުތައް ހާމަކޮށް އެޗްޕީއޭ އިން ނެރޭ އަޕްޑޭޓް ޕޯސްޓްތަކުގައި ވެސް ކުރިން ރަތް ކުލަ ބޭނުންކުރަމުން އައިސް ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ވަނީ އޮރެންޖު ކުލަ ބޭނުންކުރަން ފަށައިފަ އެވެ.

އެންމެ ކުރިން ކަނޑައަޅާފައި އޮތް ގޮތުން ކޮވިޑްގެ އެލާޓް ލެވަލް އޮރެންޖަށް ބަދަލުކުރަނީ ބަލި ފެތުރިފައިވާ ސަރަހައްދަކަށް ދަތުރުކޮށްގެން ބަލިޖެހޭ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭ ހާލަތުގަ އެވެ. ރެޓް އެލާޓް ނެރެނީ ނުރައްކަލުގެ ހާލަތު އެންމެ ބޮޑު ކަމަށް ނިންމައި، ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ.

މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޕޮޒިޓިވިޓީ ރޭޓު ހުރީ 2.7 ގަ އެވެ. މުޅި މަހުގައި ވެސް އެންމެ ދުވަހަކު ފިޔަވައި ހުރިހާ ދުވަހެއްގައި މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓު ހުރީ 2 އިން ދަށުގަ އެވެ. އަދި މިދިޔަ ހަތަރު ދުވަހު މުޅި ރާއްޖޭގެ ކޭސް ޕޮޒިޓިވިޓީ ރޭޓް ހުރީ ދެ ޕަސެންޓަށް ވުރެ ދަށުގަ އެވެ.

މި މަހުގެ މިހާތަނަށް 64،400 މީހަކު ޓެސްޓްކޮށްފައި ވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 1،364 މީހުންނެވެ. މިއީ 2.12 ގެ ޕޮޒިޓިވިޓީ ރޭޓެވެ.

ކުރިން އެންމެ ގިނަ ކޭސްތައް ފެންނަނީ މާލޭން ކަމަށް ވިޔަސް މިހާރު ކޮންމެ ދުވަހަކުހެން، މާލޭން ފެންނަ ކޭސްތަކަށް ވުރެ އެހެން ރަށްތަކުން ފެންނަ ކޭސްތައް ގިނަ އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމަށް ފަހު، މިހާރު ވަނީ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންނަށް ސަރުކާރުން ދިން ލުއިތަކުގެ ދަށުން، ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރުކުރަން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ވެކްސިން ފުރިހަމަ ކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރު ކުރެވޭނީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މި ވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށް ވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެ އެވެ.