12 ޖުލައި 2021 - 11:09

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު 2:00އަށް ފުލުސް އޮފީހަށް ހާޒިރުވާން ރައީސް ޔާމީނަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ވަކީލު އަބްދުﷲ ސިޔާޒު "މިހާރު" އަށް ވިދާޅުވީ، މިއަދު ވެސް ހާޒިރު ކުރަނީ މިދިޔަ ހޮނިހިރު ދުވަހު ވެސް ހާޒިރު ކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
ހޮނިހިރު ދުވަހު ރައީސް ޔާމީން ހާޒިރު ކުރީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ވ. އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.
މިހާރު ހިއްކައިގެން ބޮޑުކޮށްފައިވާ އެ ރަށުގައި "ސިނަމަން ވެލިފުށި"ގެ ނަމުގައި 90 ކޮޓަރީގެ ރިޒޯޓެއް ހިންގަ އެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމަކީ ވެސް ރިސޯޓް ހަދަން ވިއްކި ރަށަކުން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރިން ހިންގިކަން ސާބިތުވެގެން ކުރި ހުކުމެކެވެ.
މި މައްސަލަތަކުގެ އިތުުރުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެ އެވެ.