ކޮވިޑްގެ އެކްޓިވް ކޭސްތައް 2،500 އިން ދަށަށް، ހޮސްޕިޓަލުގައި 18 މީހުން
ކޮވިޑްގެ އެކްޓިވް ކޭސްތައް 2،500 އިން ދަށަށް، ހޮސްޕިޓަލުގައި 18 މީހުން

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 2،500 އިން ދަށްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 18 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 75،071 އަށް އަރާފައި ވާއިރު އޭގެ ތެރެއިން 72،349 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މިހާތަނަށް 214 މީހަކު ވަނީ މަރުވެފަ އެވެ.

މި އަދަދުތަކާ އެކު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،496 އެވެ. ބަލިޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ދިޔައިރު ހޮސްޕިޓަލްތައް ފުރި ނުރައްކާ ހާލަތަކަށް ދިޔަ ނަމަވެސް ކޭސްތައް މަދުވާން ފެށުމާ އެކު ހޮސްޕިޓަލް ކޭސްތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރި 6،320 ސާމްޕަލްގެ ތެރެއިން މުޅި ރާއްޖޭން ޕޮޒިޓިވް ވެފައިވަނީ 78 މީހުންނެވެ. އޭގެ ތެރެއިން މާލޭގެ އަދަދަކީ 28 އެވެ. ރަށްރަށުން 34 މީހުން އަދި ރިސޯޓުތަކުން 16 މީހުން ވަނީ ޕޮޒިޓިވްވެފައިވެ އެވެ. މިއީ 1.23 ޕަސެންޓުގެ ޕޮޒިޓިވިޓީ ރޭޓެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ އެކު އެޗްޕީއޭ އިން ވަނީ ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތައް ދީފަ އެވެ. މީގެ ތެރޭގައި މާލޭގެ ކާފިއު އުވާލުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.