އީދަށް ދަތުރު ކުރާ އިރު، ކޮވިޑް ނުފެތުރޭ ގޮތަށް އުޅެން އެދިއްޖެ
އީދަށް ދަތުރު ކުރާ އިރު، ކޮވިޑް ނުފެތުރޭ ގޮތަށް އުޅެން އެދިއްޖެ

ކޮވިޑް-19ގެ ކޭސްތައް މަދުވެ، ލުއި ދީފައިވާ މި ދަނޑިވަޅުގައި އަނެއްކާވެސް ކޮވިޑް-19ގެ ރާޅެއް އަޔަނުދިނުމަށް، އީދަށް ރަށްރަށަށް ދަތުރު ކުރާ އިރު އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް ފެތުރުމުގެ ހާލަތު ރަގަޅުވާތީ ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގަ އާއި އެކިއެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގަ އާއި ދަތުރު ފަތުރުކުރުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހާއްސަކޮށް ޗުއްޓީ އަށް ތަންތަނަށް ދަތުރު ކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެވެ.

"ހާއްސަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގަ އާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ." އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.

އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންވީ ބައެއް ފިޔަވަޅުތައް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކަނޑުމަގުންނާއި ވައި މަގުން ދަތުރު ކުރާއިރު، މާސްކް އަޅައި އެހެން މީހުންނާ ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން އެދިފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އާންމު ތަންތަނުގައި އެކި ހިދުމަތް ހޯދަން ދާއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެދިފައިވެ އެވެ.

އީދު ފާހަގަ ކުރަން ގިނަ ބަޔަކު އެއްވާ ހަރަކާތްތަކާއި އެއް ރަށުން އަނެއް ރަށަށް މީހުން ދާން ޖެހޭ ފަދަ ހަރަކާތްތައް ނުހިންގުމަށާއި ކުޅިވަރު މުބާރާތައް ނުބޭއްވުމަށް ވެސް އެދިފައިވެ އެވެ.

ކެެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވެސް އެ އެޖެންސީން އެދުނެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށް، ނަތީޖާ ލިބެންދެން އެކަހެރިވުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ކަަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތައް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް އެދިފައިވެ އެވެ.

މާލެ އަދި އަތޮޅު ތެރޭގައި ވެސް ވަރަށް ބޮޑަށް ކޮވިޑް ފެތުރި ދެމަހެއްހާ ދުވަހަށް ދަތުރު ފަތުރު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ނަމަވެސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ރަށަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެ އިތުރުން ވެކްސިން ނުޖަހާ ކުޑަކުދިންނަށް ވެސް ކަރަންޓީނުވުމަކައި ނުލައި ދަތުރު ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓުން ދަށް ނަމަ އެވެ. މި ވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް ޕަސެންޓުން ދަށުގައި ކަމުން، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ.