11 ޖުލައި 2021 - 17:22

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިގެނައި ބަދަލާއެކު ޑިޕާޗާ ޓެކްސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނަގާނެ އެވެ. މިއާއެކު މި ގާނޫނުގައި ބުނެފައިވާ އެއާޕޯޓު ސާވިސް ޗާޖު މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ނެގުން ހުއްޓާލާނެ އެވެ.
މި ބަދަލާ އެކު އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެ އެވެ.
ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ.
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު.
- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.
- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތަށް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެކެވެ. މި ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.