މެސީ އަށް އެތައް ލައްކަ ޑޮލަރެއްގެ ގެއްލުން
މެސީ އަށް އެތައް ލައްކަ ޑޮލަރެއްގެ ގެއްލުން

ބާސެލޯނާ (ޖުލައި 11) - އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި ކެޕްޓަން ލިއޮނެލް މެސީ ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތުމުން އެތައް ލައްކަ ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، މެސީ މިހާރު ހުރީ އެއްވެސް ކްލަބެއްގައެއް ނޫނެވެ. އޭގެ ފަހުން އޭނާ އަށް އެތައް ލައްކަ ޑޮލަރެއްގެ ގެއްލުން ދަނީ ކުރިމަތި ވަމުންނެވެ.

ސްޕެއިންގެ "އެލް މުންޑޯ" ނޫހުން ނެރެފައިވާ ހިސާބުތަކުން ދައްކަނީ މެސީ އަށް ކޮންމެ ދުވަހަކު 118,769 ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.

ބާސެލޯނާގައި މެސީ އަށް އަހަރަކު 164.9 މިލިއަން ޔޫރޯ ލިބޭ ކަމަށް އެލްމުންޑޯ އިން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ.

މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވުމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ބުނީ މެސީ، އާ ކޮންޓްރެކްޓްގައި ސޮއިނުކުރި ނަމަވެސް ވާހަކަތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.

"ރަނގަޅަށް ދާ ސަބަބަކީ އޭނާ ކްލަބުގައި މަޑު ކުރަން ބޭނުންވުން،" ލަޕޯޓާ ވިދާޅުވެފައިވެ އެވެ.