އަބްދުﷲ ކަމާލުއްދީން ވެސް ސިޔާސީ ޕާޓީއެއް އުފައްދަނީ
އަބްދުﷲ ކަމާލުއްދީން ވެސް ސިޔާސީ ޕާޓީއެއް އުފައްދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި އެންމެ ފަހުން ހުންނެވި އަބްދުﷲ ކަމާލުއްދީން އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާއިރު، އޭނާ އަކީ މީގެ ކުރިން ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވި ބޭފުޅެކެވެ. އޭނާ 2012 ގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން އެ ޕާޓީން ވަކިވެވަޑަިއގަތީ ގައުމުގައި ހައްލު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ އެވެ.

އަބްދުﷲ ކަމާލުއްދީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށެވެ.

އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

"..މާތްވެގެންވާ އިސްލާމް ދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް، އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވައިފަ އެވެ.

ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ މައުމޫންގެ އެމްއާރުއެމް އެވެ. އެއީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.