ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟
ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟

ދޮޅު އަހަރަށް ދިގުލައިގެން ދީރާސީ އަހަރަކަށް ފަހު، މިދިޔަ މަހު ދަރިވަރުންނަށް ލިބުނު ބޮޑު ޗުއްޓީއަކީ އުފާވެރި ދުވަސްތަކެކެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ އެކު ކިޔެވުމަށް ކުރިމަތިވި އުނދަގޫތަކާއި ބަލީގެ ހާސްކަމުގެ ތެރެއިން ނިކުމެލައި ހިތްހަމަޖައްސާލަން ލިބުނު ރަނގަޅު ދުވަސްތަކެކެވެ. އެކި ދަރިވަރުން ޗުއްޓީ ހޭދަކުރީ ތަފާތު ކަންކަމުގަ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކުދިން، އެ ކުދިންގެ ގަލަމުން ކިޔައިދިން ވާހަކަތަކެވެ.

ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟
ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟

***

ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟
ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟

ގްރޭޑް 10

ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟
ސްކޫލް ޗުއްޓީގައި ކުރީ ކޮން ކަމެއް؟

ތ. ގުރައިދޫ ސްކޫލް

ވަރަށް ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށް ފަހު، ގްރޭޑް 9 ގެ ދިރާސީ އަހަރު ނިމުމުން އަޅުގަނޑަށް ހިތްހަމަޖެހުން ލިބުނެވެ. ފަހު ޓާމުގެ އިމްތިހާނުތަކަށް ތައްޔާރުވަމުން ދިޔައިރު، އަޅުގަނޑު ހުސްވަގުތު ކުރާ ކަން ކަމަށް އެހާ ވަގުތެއް ނުލިބުނެވެ. ނަމަވެސް އިމްތިހާނުތައް ނިމި، ނަތީޖާތައް ލިބި އަހަރު ނިމުމުން، އަޅުގަނޑު ކުރާހިތްވާ އިތުރު ކަންކަން ކުރުމަށް އަޅުގަނޑު ހުރީ ތައްޔާރަށެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ބޭނުންވީ ޑޯނަޓްސް ހަދާށެވެ. ޔޫޓިއުބުން ފެނުނު ރެސިޕީއަކާ އެއްގޮތަށް، ތާޒާ ޑޯނަޓްސް އަޅުގަނޑު ތައްޔާރު ކުރީމެވެ. ގޭ އެންމެންނަށް ވެސް ޑޯނަޓްސްތައް ވަރަށް މީރުވި އެވެ. އޭގެ ދެތިން ދުވަސް ފަހުން އަނެއްކާ ވެސް ޑޯނަޓްސް ހެދީމެވެ. ޗުއްޓީގެ އެއް ހަފުތާ ނިމުނު ފަހުން އާއިލާގެ މެމްބަރުންނާ އެކު ބޮޑުފިނޮޅަށް ދަތުރު ދިޔައީމެވެ. އެ ދަތުރު ވަރަށް މަޖަލެވެ. ވަރަށް ގިނަ ދުވަސްތަކަކަށް ފަހު، މޫދަށް އެރި ދޮންވެލިގަނޑުގައި ފައިބީއްސައިލެވުމުން އަޅުގަނޑު ހުރީ ވަރަށް އުފާވެފަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އެއްރެއަކު ބާބަކިއު އެއްވެސް ގޭގައި ބޭއްވި އެވެ. އެއީ ހަމަ އެއް ހަފްތާއެއްގަ އެވެ. ހަމަގައިމު ވެސް އެ ހަފުތާވީ، އަޅުގަނޑަށް ވަރަށް އުފާވެރި ހަފުތާއަކަށެވެ.

މިކަންކަމުގައި އަޅުގަނޑު މަސްއޫލުވަމުން ވެސް ވާހަކަ ކިޔުމަށް ހަނދާން ނައްތައެއް ނުލަމެވެ. އަޅުގަނޑު އެންމެ ގަޔާވި ފޮތަކީ، އިނގިރޭސި ވާހަކައެއް ކަމަށްވާ "ޓްރޫލީ، މޭޑްލީ، ގިލްޓީ" މި ފޮތެވެ. އެ ވާހަކައިގައި މައިގަނޑު ހާދިސާ ގެނެސްދީފައިވާ ގޮތުން އަޅުގަނޑު ހުރީ ހަމަ ހައިރާންވެފަ އެވެ. ވާހަކަ ކިޔުމުގެ އިތުރުން، އަޅުގަނޑު ބަންދު ތެރޭގައި ފިލްމުތަކާއި ސީރީސްތައް ވެސް ބެލީމެވެ. އަދި ހަމަ އެހެންމެ އާއިލާގެ މެމްބަރުންނާ އެކު ރާޒުވާ ވެސް ކުޅުނީމެވެ. ނަމަވެސް އަޅުގަނޑު އެންމެ ކުރާހިތްވި ކަންތައްތަކަކީ ގަސް އިންދުމާއި، ފޮނި ކާއެއްޗެހި ހެދުމެވެ.

ބަންދު ނިމެމުން ދިޔައިރު، މި ޗުއްޓީގައި އަޅުގަނޑު ކުރި ކަންތައްތަކުގެ މަތިން ހަނދުމަކޮށްލީމެވެ. އާއިލާއާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށްލައި، އަޅުގަނޑު އެކަނި ހުރެ އެތައް ކަމެއް ކުރެވުމުން، އަޅުގަނޑުގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. ކާމިޔާބު، އުފާވެރި އަހަރަކަށް އެދެމުން، ގްރޭޑް 10 ގެ ފުރަތަމަ ދުވަހު އަޅުގަނޑު މަދަރުސާ އަށް ވަނީ ފޮނި އުއްމީދުތަކަކާ އެކުގަ އެވެ.

***

ގުރޭޑް 4

ބ. އަތޮޅު މަދަރުސާ

ސްކޫލް ޗުއްޓީގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފަލަކީ ކޮންމެ ދުވަހެއްގެ ހަވީރު ރައްޓެހިންނާ އެކު ފުޓުބޯޅަ ކުޅެން ދިޔުމެވެ. އެއީ އަޅުގަނޑުގެ އެންމެ ފޭވަރިޓް ސްޕޯޓެވެ. އަދި ސްކޫލް ދުވަސްތަކުގައި މޫދަށް އެރެން ދެވޭނީ މަދު ދުވަސްތަކެއްގައި ނަމަވެސް، މި ނިމުނު ޗުއްޓީގައި މާމާ އެކު ކޮންމެ ދުވަހަކު ހެނދުނު ކަސްރަތު ކުރާށާއި މޫދަށް އެރެން ވެސް ދިޔައީމެވެ. އެއީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަސްތަކެކެވެ.

އީދު ޗުއްޓީގައި ރަށުގައި އޮތް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ، ކައިރި ރަށްރަށަށް އާއިލާއާ އެކު ދަތުރު ވެސް ދިޔައީމެވެ.

ކުޅިވަރުގެ އިތުރުން ކިޔެވުމަށް ވެސް ގިނަ ވަގުތު ހޭދަކުރީމެވެ. ގަވާއިދުން ނަމާދުކޮށް، ގުރުއާން ވެސް ކިޔެވީމެވެ. އަދި ކޮންމެ ދުވަހަކު އެއް ވާހަކަ ފޮތް ކީމެވެ. އަދި ގުރޭޑު ހަތަރަކަށް ދާތީ، މަންމަގެ އެހީތެރިކަމާ އެކު އެ ގުރޭޑްގެ ބައެއް ފޮތްތައް ކިޔައި، ކުރީ ބައިގައި ތައްޔާރުވީމެވެ.

***

ގުރޭޑް 8

ހއ. މުުރައިދޫ ސްކޫލް

މި ފަހަރު ސްކޫލް ބޮޑު ޗުއްޓީއާ އެކު އީދު ބަންދު ވެސް އައުމުން، އަޅުގަނޑަށް އެއީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ގެއިން ބޭރަށް ގޮސް ރައްޓެހިންނާ އެކު ކުޅެލަން ވަރަށް ގިނަ ވަގުތު ލިބުނެވެ. އީދު ބަންދު ނިމުނު ފަހުން ކޮންމެ ހަފުތާ ބަންދަކު ވަރަށް ހެނދުނާ ހޭލައިގެން މޫދަށް ދިޔައީމެވެ.

ކޮންމެ ދުވަހަކު ހަވީރު ފުޓުބޯޅަ ކުޅެން ނުވަތަ ރައްޓެހިންނާ އެކު ހަވީރު ފިންޏަށް އެހެން ތަންތަނަށް ވެސް ދިޔައީމެވެ. އަދި ބައެއް ދުވަސް ދުވަހު ރޭގަނޑު ވެސް އާއިލާ މެމްބަރުންނާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރީމެވެ. އަދި ކޮންމެ ރެއަކު 10 ޖެހުމުގެ ކުރިން ނިދަނީ ކިޔެވުމަށް ވެސް ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އެވެ.