ބޮމެއް އޮތް ކަމަށް ބުނި މީހާ ބުނީ، އެހެން ބުނި އިރު ހުރީ ބޭހެއް ކައިގެން ކަމަށް
ބޮމެއް އޮތް ކަމަށް ބުނި މީހާ ބުނީ، އެހެން ބުނި އިރު ހުރީ ބޭހެއް ކައިގެން ކަމަށް

ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކައިރީގައި ހުރެފައި ބޮމެއް އޮތް ކަމަށް ބުނި މީހާ އަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހެއް ކަމަށާއި އެހެން ބުނި އިރު ހުރީ ފަރުވާއަށް ދީފައި ހުރި ބޭހެއް ކައިގެން ކަމަށް އެ މީހާ ކޯޓުގައި ބުނެފި އެވެ.

މުލީއާގެ ކައިރިން ދަމުން، އަތުގައި އޮތް ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ހައްޔަރުކޮށް ހަތް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ބޮން އޮތް ކަމަށް ބުނި މީހާގެ އެވެ.

އެނގިފައިވާ ގޮތުގައި، މި ދެ މީހުން ތެރެއިން އެކަކު، ބޮމެއް އޮތް ކަމަށް ބުނީ ސެކިއުރިޓީއަށް ހުރި ސިފައިންގެ މީހަކު ބަލަން ފެށުމުން އެ މީހާއާ ދިމާލަށެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް އެނގިފައިވެ އެވެ. އަދި ދެ މީހުން ދިޔައީ ރިހެބުން ގެއަށް ކަމަށް އެނގިފައިވެ އެވެ.

އޭގެ ތެރެއިން ހައްޔަރުކޮށްފައި ބެހެއްޓި މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ވަނީ "ސިފައިންނާ ދިމާލަށް އެއްޗެއް ބުނެވުނު" ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ބުނެފަ އެވެ. އެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހުރީ މަސްތުވާތަކެތިން ސަލާމަތް ވުމަށް ކާ ބޭހެއް ބޭނުންކޮށްގެން ކަމަށް ކޯޓުގައި ބުންޏެވެ. އަދި އެއީ "މަސްތުވާ" ޒާތުގެ ބޭހެއް ކަމަށް ބުނެފައިވެ އެވެ.

އެ މީހާގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

ގާޒީ މުހައްމަދު މިސްބާހު އަށް ފެނިވަޑައިގަތީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާ ދޫވެފައި ހުރެއްޖެ ނަމަ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހަތް ދުވަހަށް ބަންދުކުރަން އަމުރު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ އަށް ފަހު މުލިއާގޭ ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެތަނުގެ ބޭރުގައި މިހާރު ސިފައިން ބަޑިއާ އެކު ފޯރިމަރަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ބަޔަކު އަމިއްލައަށް ހެދި "އައިއީޑީ" އެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ބޭއްވި މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ހަތަރު މީހަކު ޖަލަށް ލާން ހުކުމްކުރި އެވެ. ނަމަވެސް އެ މައްސަލާގައި ހިމެނުނު މީހުން އިސްތިއުނާފު މަރުހަލާގައި ސަލާމަތްވި އިރު ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި އެއީ އަސްލު އައިއީޑީއެއް ކަމެއް ވެސް ޔަގީނެއް ނޫނެވެ.

މެއި ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކާއި އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރި މީހަކު ވެސް ފުލުހުން މި ފަހުން ހައްޔަރު ކޮށްފައިވެ އެވެ.

ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.