ކޮވިޑް ކޭސްތައް ދަށްވާތީ ތިނަދޫގައި ބައެއް ފިޔަވަޅުތަކަށް ލުއިދީފި
ކޮވިޑް ކޭސްތައް ދަށްވާތީ ތިނަދޫގައި ބައެއް ފިޔަވަޅުތަކަށް ލުއިދީފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ގދ. ތިނަދޫގައި އެޅި ހަރުކަށި ބައެއް ފިޔަވަޅުތަކަށް މިއަދުން ފެށިގެން ލުއިދީފި އެވެ.

އެރަށު ކައުންސިލްގެ ރައީސް ސައުދު އަލީ، "މިހާރު" އަށް ވިދާޅުވި ގޮތުގައި މީގެ ހަފްތާއެއް ކުރިން ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އެޅި ބައެއް ފިޔަވަޅުތަކަށް މިއަދުން ފެށިގެން ހަފްތާއެއްހާ ދުވަހަށް ލުއިދޭން ވަނީ ނިންމައިފަ އެވެ.

ސައުދު ވިދާޅުވި ގޮތުގައި އީއޯސީން ނިންމީ މިރޭ އިޝާ ނަމާދުން ފެށިގެން ގައިދުރުކަމާ އެކު މިސްކިތްތަކުގެ ޖަމާއަތް ފެށުމަށާއި ފަތިހު 5:30 އިން ފެށިގެން 6:30 އަށް ކަސްރަތަށް ނިކުތުމުގެ ހުއްދަ ދޭން ކަމަށެވެ.

އެރަށުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުން އަންނައިރު އެ ނޫން ވަގުތުތަކުގައި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ. އެ ހުއްދަ ފުލުހުން ދޭނީ އޮފީސްތަކާއި ސިއްހީ ހިދުމަތް ހޯދުން ފަދަ ކަންކަމަށް ބޭރަށްދާ ނަމަ އެވެ. އަދިވެސް އޮތީ ހައުސްހޯލްޑް ޕާމިޓް ދޫކުރުން މަޑުޖައްސާލައިފަ އެވެ.

ސައުދު ވިދާޅުވީ މިވަގުތު އެރަށުގެ ފިހާރަތަކުން ދެމުން އަންނަނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް ކަމަށެވެ. ތިނަދޫގެ ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު މިހާތަނަށް ފިހާރައަށް ވަދެގެން ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ފަހު، އެގޮތަށް އަމަލުކުރާ ފިހާރަތަކަށް ލުއިދޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.

"މިހާރު ފުލުހުންގެ ހުއްދައާ އެކު ބޭރަށް ނިކުންނަ މީހުންނަށް އެއްޗެއް ގަންނަން ޖެހުނަސް އެމީހުންނަށް ފިހާރައަށް ގޮސް އެ އެއްޗެއް ގަތުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ދެވޭނެ ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާ ނަމަ." ސައުދު ވިދާޅުވި އެވެ.

ކައުންސިލްގެ ހުއްދައާ އެކު ކުދި ދޯނިފަހަރަށް މަހަށް ނިކުތުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމައިފަ އެވެ. ސައުދު ވިދާޅުވީ މުށި މަސް ބާނަންދާ މީހުންނާއި ފަރު މަސް ބާނަންދާ މީހުންނަށް ދޯނީގައި ވަކި އަދަދަކަށް މީހުން ގޮވައިގެން މަހަށް ދެވިދާނެ ކަމަށެވެ. އަދި ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނަށް ވެސް ކައުންސިލުން ހުއްދަދޭނީ ވަކި ސައިޓެއްގައި އެ މީހުން ބަންދުވެގެން ތިބެ މަސައްކަތްކުރާ ނަމަ ކަމަށް ސައުދު ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް، ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 218 އަށް އަރަ އެވެ. އިއްޔެ އެރަށުން 15 މީހުން ޕޮޒިޓިވްވިއިރު ހުކުރު ދުވަހު ޕޮޒިޓިވްވީ އެންމެ މީހެކެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އެރަށުގައި ފިޔަވަޅުތަކަށް ލުއި ދިނީ ރަށުގައި ބަލި ފެތުރެމުންދާ ގޮތަށް ބެލުމަށް ފަަހު އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މިދިން ލުއިތަކާ އެކު ރަށުގެ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި އިތުރު ފިޔަވަޅުތައް ނުވަތަ ލުއިތައް ދޭންޖެހޭ ނަމަ ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުމެއް ނޫން ތިނަދޫ އަބަދު ބަންދުކޮށްފައި ބާއްވާކަށް. ބޭނުމީ ރައްޔިތުން އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް އުޅުމަށް. އޭރުން އިތުރު ލުއިތައް ލިބޭނީ،" ސައުދު ވިދާޅުވި އެވެ.