11 ޖުލައި 2021 - 13:08

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މުޒާހަރާ ކުރަނިކޮށް، ހައްޔަރުކޮށް ދައުވާ ކުރި މައްސަލައިގައި އޭރު ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި މީހުން މާފަށް އެދެން އަންގަން އެދި އިންތިގާލީ އިންސާފުގެ އޮފީހަށް އަނެއްކާ ވެސް މައްސަލަ ހުށަހަަޅައިފި އެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން، މުޒާހަރާކުރުން މަނާ ތަނެއް ކަމަށްވާ އެއާޕޯޓުގައި މާޗް، 2015 ގައި މުޒާހަރާކުރި މައްސަލައިގައި އެމްޑީޕީގެ 14 އެކްޓިވިސްޓަކު ތިން މަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.
އެކަމަކު، ކޯޓުން ހުކުމް ކުރީ، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށް، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ އެ މީހުން ޖަލަށް ދާން ނުޖެހޭ ގޮތަށެވެ. ހައި ކޯޓުން އެ މީހުންގެ ހުކުމަށް ތާއީދު ވެސް ކުރި އެވެ. ނަމަވެސް އެކަކު ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައެއް ނުގަނެ އެވެ.
އެއާޕޯޓުގައި މުޒާހަރާކޮށްގެން ދައުވާކުރި މީހުންގެ ތެރެއިން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް ގ.އާކާޝްވިލާ އާމިނަތް ޒާހިރާ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅާފައި ވާއިރު އެދިފައިވަނީ އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ، އޭރުގެ ޕީޖީ މުހުތާޒް މުހުސިނާއި ރައީސް އޮފީހުގެ އޭރުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހުމަދު ރަޝީދާއި އެ މައްސަލައިގައި ޕީޖީގެ ފަރާތުން ވަކާލާތު ކުރެއްވި ޕްރޮސެކިއުޓަރު އަދި ފަހުން ގާޒީކަން ކުރެއްވި އަހުމަދު ހައިލަމް މާފަށް އެދިވަޑައިގަތުމަށެވެ.
މުހުތާޒު މާފަށް އެދެން އެންގުމަށް އެދުނީ އެ މައްސަލައިގައި ދައުވާ ކުރުމުންނެވެ. އަދި ހައިލަމް މާފަށް އެދެން އެ މައްސަލައިގައި ހުށަހަޅާފައި ވަނީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވުމުންނެވެ. އާޒިމާ އާއި ގާޒީ އަހުމަދު ރަޝީދު މާފަށް އެދެން އެދިވަޑައިގަންނަވަން ޖެހޭ ސަބަބެއް ކަމަށް އޮތީ އެ މައްސަލައިގެ ހުކުމް ޑްރާފްޓު ކުރެއްވައި ކޯޓަށް ފޮނުވީ އާޒިމާ ކަމަށާއި ގާޒީ އަހުމަދު ރަޝީދު ހުކުމް ކުރެއްވީ އޭނާ ފޮނުއްވި ގޮތަށް ކަމަށް ބުނެ އެވެ.
އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް މައްސަލައިގައިވެ އެވެ. އެގޮތަށް އެ ކޯޓުން ބައެއް މައްސަލަތައް ބަލައިގެންފައި އެބަ ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި ދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ވެސް ހަމަ މި މައްސަލައިގައި ދައުވާ ކުރި އެހެން ބަޔަކު ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ. އެއީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.
އެ މައްސަލައިގައި އެދިފައި ވަނީ މުހުތާޒު މާފަށް އެދިވަޑައިގަތުމަށާއި، މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް އަލުން ހުށަހެޅުމަށެވެ.
އެ މީހުންނަށް ހުކުމް އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކޮށް، އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ، ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމުގައި ދަައުލަތުގެ މުއައްސަސާތަކުން ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް މައްސަލަ ހުށަހަަޅަން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.