އަޔޫޝްމަން "ޑްރީމް ގާލް" ދެވަނަ ބަޔަކަށް
އަޔޫޝްމަން "ޑްރީމް ގާލް" ދެވަނަ ބަޔަކަށް

ކުޑަ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަޔޫޝްމަން ކްރާނާގެ ފިލްމު "ޑްރީމް ގާލް" ގެ ދެވަނަ ބަޔަކަށް ތައްޔާރުވާން ފަށައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ކޮމެޑީ ލިޔެ، ޑައިރެކްޓްކުރި ރާޖް ޝާންޑަލިޔާ މިހާރު އަންނަނީ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔަމުންނެވެ. އަދި އޭގެ ފައިނަލް ޑްރާފްޓް ނިންމާލައި މަހެއްހާ ދުވަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ. ސީކްއެލް އިން ވެސް ފެންނާނެ ކަމަށް ބުނަނީ އޮރިޖިނަލް ކާސްޓެވެ.

ދެހާސް ނަވާރައިގައި ރިލީޒްކުރި "ޑްރީމް ގާލް" ގައި ކިޔައިދެނީ ވަޒީފާއެއް ހޯދަން ސަލާންޖަހާ ޒުވާނަކު ކަރަމްވީރު (ކަރަމް) ސިންގް އަށް ގޮތްހުސްވެގެން އަންހެނުން މަސައްކަތްކުރާ ކޯލް ސެންޓަރެއްގައި އަންހެން އަޑުން ވާހަކަ ދައްކާ ކަސްޓަމާކެއާ އޮފިސަރަކަށް ދިމާވާ ހާދިސާތަކެކެވެ. އެ ވަޒީފާއާ އާ އެކު އޭނާ އަށް ކުރިމަތިލާން ޖެހެނީ ޕޫޖާގެ ނަމުގައި އަންހެން އަޑުން ވާހަކަ ދައްކާ މީހާގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އޭނާ ދެކެ ލޯބިވެވި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ. މީގެ ތެރޭގައި ކަރަމްގެ ބައްޕަ އަށް ވެސް ޕޫޖާ ދެކެ ލޯބިވެ އެވެ.

އެކްތާ ކަޕޫރްގެ ބާލާޖީން ޕްރޮޑިއުސްކުރި "ޑްރީމް ގާލް" ގެ ކާސްޓްގައި ނުޝްރަތު ބަރޫޗާ، އައްނޫ ކަޕޫރް، މަންޖޯތު ސިންގް، ވިޖޭ ރާޒް އަދި އަބީޝެކް ބެނަޖީ ވެސް ހިމެނެ އެވެ.

އެންމެ 28 ކްރޯޑް ރުޕީސް (3.8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމަކީ ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް (26.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

އާންމުކޮށް ވަރަށް ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެގެން މަޝްހޫރުކަން ހޯދި އަޔޫޝްމަން، 36، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗަންދީގަޅް ކަރޭ އާޝިގީ" އާއި "އަނޭކް" އަދި "ޑޮކްޓަރު ޖީ" ހިމެނެ އެވެ.

ދެހާސް އަށާރައިގެ ސަސްޕެންސް ތުރިލާ "އަންދާދުން" އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި "ގުލާބޯ ސިތާބޯ" އެެވެ.