11 ޖުލައި 2021 - 10:48

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓް ލިބުނު މީހުން "ފަހުގެ އާދޭސް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
"ހިޔާ ޔޫނިއަން"ގެ ވައިބާ ގްރޫޕަށް އެ މީހުންގެ އާދޭސްތައް ޕޯސްޓަރެއްގައި ލިޔެ، ހިއްސާކުރުމުން އެ ޔޫނިއަނުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެ ޕޯސްޓަރުތައް ދަނީ ހިއްސާކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފެށި މި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެ މީހުންގެ އެންމެ ބޮޑު އާދޭހަކީ ތަނުގެ ކުލި ކުޑަކޮށްދިނުމެވެ. ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތުން ފްލެޓެއްގެ ކުއްޔަށް 7،500 އަދި ސާވިސް ފީއަށް 1،000ރ. ދައްކަން ޖެހެ އެވެ.
ފްލެޓް ލިބުނު މީހުން އާދޭސް ކުރަމުންދަނީ ތަނުގެ ކުލި 5،600ރ. އަށް ދަށްކޮށްދީ، ސާވިސް ފީގެ ގޮތުގައި 500ރ. ނެގުމަށެވެ.
"އަޑު އައްސަވާ، ފަހުގެ އާދޭސް. ހިޔާ ފްލެޓްގެ ކުލި 5،600 ރުފިޔާއަށް ކުޑަ ކުރައްވާ. ރައްޔިތުން ނިކަމެތި ނުކުރައްވާ. ހެޔޮ ނުވާނެ، ޝަކުވާގެ އަޑުއައްސަވާ. އެންމެންނަކީ ލިބޭ ބައެއް ނޫން. އާދޭހުގެ އަޑުއައްސަވާ،" ފްލެޓް ލިބުނު މީހަކު ބުނެފައިވެ އެވެ.
ފްލެޓް ލިބުނު މީހުން ބުނާ ގޮތުން ނަމަ، މަހު ކުލި ބޮޑު ކަމަށް ދެކެނީ އެ ތަނުގެ ފިނިޝިން ނުނިންމައި ހަވާލުކުރާތީ އެވެ. ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގައި ފްލެޓްގެ ފިނިޝިން ނިންމަން ޖެހޭއިރު އެކަމަށް ވެސް މަދުވެގެން އެއް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
ބޮތްކާއި ފަންކާ، ތަށިމުށި އަދި ދޮރު ވެސް ހަރުނުކޮށްދޭ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ސަރުކާރުން ދެނީ ތިން މަސް ދުވަހެވެ. ފްލެޓް ލިބުނު މީހުންގެ އަތުން އެ ތިން މަހުގައި އެއްވެސް ފައިސާއެއް ނުނަގަން ނިންމި ނަމަވެސް ފްލެޓް ލިބުނު މީހުން ބުނަނީ އެ މުއްދަތުގައި އެ ތަން ނުނިންމޭނެ ކަމަށެވެ. އެ މީހުން އާދޭސް ކުރަނީ އަހަރެއްހާ ދުވަސް އެ މަސައްކަތް ކުރުމަށް ދިނުމަށެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު، ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ވެސް ހަވާލުކުރާނެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށް ބެލެވެ އެވެ. އެހާ ގިނަ ބަޔަކު އެ ތަނުގައި އުޅޭއިރު އެ މީހުންގެ އާދޭސް އަޑު އެހުމަށް ސަރުކާރަށް ގޮވާލަ އެވެ.