ހިޔާ ފްލެޓުން ޖާގަ ލިބުނު ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅާ މައްސަލަ ބޮޑުވެއްޖެ!
ހިޔާ ފްލެޓުން ޖާގަ ލިބުނު ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅާ މައްސަލަ ބޮޑުވެއްޖެ!

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެއްވެސް މީހަކަށް ކަނޑައަޅާފައި ނުވާ ފެލްޓްތަކަށް ގުރުއަތުން ހޮވިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ ފްލެޓް ލިބުނު މީހުންގެ ގުރުއަތު ނަގައި، އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ފަހު، ގުރުއަތުން އެއްވެސް ބަޔަކަށް ނުލިބޭ ފްލެޓްތަކަށް ހޮވިފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. އެކަމަކު، އެފަދަ ކަމެއްގައި އެޗްޑީސީން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހާއި އެ ދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭ މީހުން ހިމެނޭ ލިސްޓެއް އެޗްޑީސީން އޮންނަނީ އާންމުކޮށްފަ އެވެ. އަދި ޓީވީން ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"...އެހެންކަމުން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ފްލެޓް ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް، ލިބިފައިވާ ފްލެޓްގެ ތަފްސީލް ހިއްސާ ކުރުމަށް ނުގުޅާނެ ކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" އިއުލާނުގައި ވެ އެވެ.

ހިޔާ ފްލެޓްގެ އިތުރުން އެޗްޑީސީން ހިންގާ އެ ނޫން ވެސް މަޝްރޫއުތަކުގެ ވާހަކަތައް އެ ކުންފުނިން އާންމު ކުރަނީ އިއުލާނެއް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށެވެ. އެޗްޑީސީން އެއްވެސް ފަރާތަކަށް ގުޅާނަމަ ބޭނުން ކުރާނީ ކުންފުނީގެ ރަސްމީ ނަމްބަރުތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން މިހާރު ކުރަމުން އަންނަނީ ފްލެޓް ލިބިފައިވާ މީހުންނާއެެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތެކެވެ.