ވަށިގާޑިޔާ
ވަށިގާޑިޔާ

ބުދަ ދުވަހާ ގުޅޭ

ފޮށި ތެރޭގައި އޮތީ ގަބުރެކެވެ. ގަބުރުގެ މޫނު ބަލައިލަން މޫސަ އުޅުނެވެ.

"އަތްނުލާ!" ޒަހީން ބުންޏެވެ. "ގުޅާ އޮފީހަށް. އޮފީހަކަށް ނޫން! ޕޮލިހަށް ގުޅާ!"

ސައިރަންގެ އަޑުން އިންޒާރުދެމުން، ކުލަބޮކިތަކުން ލޯތައް ހާސްކުރުވަމުން މަގަށް ވަން ފުލުސްކާރު މަޑުކުރަން ޖެހުނީ ތަންކޮޅެއް ދުރަށެވެ. މީހުން އެއްވެފައި އޮތުމުންނެވެ. ތުންތުންމަތިން ފެތުރު ޚަބަރު، އަވަށުން އަވަށަށް ދަތުރުކޮށްފިއެވެ. ނޫސް ރިޕޯޓަރުންނާއި، ފަރުދީ ނޫސްވެރިން ކުށުގެ ވެށްޓަށް ޖަމާވެއްޖެއެވެ. ކެމެރާތަކާއި ފޯނުތައް ދާމުދޫމުވެއްޖެއެވެ. ފުލުހުން އައިސް މީހުން ދުރުކޮށް، ރީނދޫ ޓޭޕު ދަމައިލިއެވެ. އެ ވަގުތު އެންބިލާންސު ވެސް ނިކަން ބާރަށް އައިސް މަޑުކޮށްލިއެވެ. އެކުއެކުގައިހެން ފޮރެންސިކު ޓީމު ވެސް އެ ތަނަށް އައިސް، ހުދު ހެދުމުގައި ހަރަކާތްތެރިވާން ފެށިއެވެ. ފޮރެންސިކު ޓީމުގައި އިސްކޮށް ހުރީ ސީނިއަރ ސާޖަންޓު އަނަސްއެވެ. ސީރިއަސް އެންޑް އޯގަަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އިސްވެ ހުރީ ސާޖަންޓު ތޮލާލެވެ.

"ކިހިނެއް ހީވަނީ؟" ހުޅުވާފައި ހުރި ފޮށްޓަށް ބަލަހައްޓައިގެން ހުރެ ތޮލާލު އެހިއެވެ.

އަނަސްގެ ތަޖުރިބާކާރު ދެލޮލަށް އެއީ އާ މަންޒަރެއް ނޫނެވެ. ހައިރާންކުރުވަނިވި ނުވަތަ ބިރުވެރި މަންޒަރެއް ވެސް ނުމެ ނޫންމެއެވެ. އެއަށް ވުރެ މާ އަނިޔާވެރިކޮށް މަރާލައިފައިވާ ދިވެހިންގެ ހަށިގަނޑު އަނަސް ދެކެފިއެވެ. އަތުގައި އޮތް ކުޑަ ޓޯޗުން ފޮށީގެ ހުރިހައި ދިމާއަކަށް އަނަސް އަލިކުރިއެވެ.

"މަރާލިތާ އިރުގަނޑެއް ފަހުން ފޮށްޓަށް ލާފަ އެއޮތީ،" މަޑުމަޑުން އަނަސް ބުނެލިއެވެ. "އެހެންވެ ފޮށީގަ ލޭ ނެތީ. ބޮޑީ ޖެހޭނީ އެކޮޅަށް ގެންދަން."

އަނަސްގެ ޓީމުން މުޅި ހިސާބުގަނޑު ބެލިއެވެ. އެހެންނަމަވެސް، ސަމާލުކަން ދޭންޖެހޭ ހާއްސަ އެއްޗެއް ނުވަތަ ކަމެއް ލޮލަކު އަޅައެއްނުގަތެވެ. އެއީ އުންމީދުކުރެވުނު ވެސް ގޮތެވެ. ވިއްސާރައިގެ ސަބަބުން މުޅި ހިސާބުގަނޑު އޮތީ ދޮވެވިފައެވެ. އަނެއްކޮޅުން އެ ފޮށްޓަކީ އެހެން ހިސާބަކުން އެ ތަނަށް ގެނެވުނު އެއްޗެކެވެ. ވަށިގާޑިޔަލަށް ފޮށި ލައިފައި ވަނީ ކޮން ހިސާބަކުން ހެއްޔެވެ؟ އެ ސުވާލަކަށް ވެސް އޭރަކު ޖަވާބެއް ނެތެވެ. ޒަހީން ވަރަށް ގިނަ ތަންތަނުގައި ވަށިގާޑިޔާ ބެހެއްޓިއެވެ. އޭގެ ތެރެއިން އެއްވެސް ދިމާއަކު ކެމެރާއެއް ހުރިކަމެއް ވެސް ނޭނގެއެވެ. "ވަށިގާޑިޔާ ވޭދަނަ" ހައްލުކުރަން ފަސޭހަވާނެކަމަކަށް ތޮލާކު އުންމީދެއް ނުކުރެއެވެ.

ފޮށްޓާ އެކުގައި ހަށިގަނޑު ގެންދިޔައީ އޯޓޮޕްސީ ހެދުމަށެވެ. ރާއްޖޭގައި އެ މަސައްކަތް ފެށުނުތާ އަހަރެއް ވެސް ނުވެއެވެ. އެކަމަކު އެ ފަންނުގައި ދިވެހިން ވަނީ ހައިރާންވާހާ ކުރިއެރުން ހޯދައިފައެވެ. ވޭތުވެދިޔަ ހަ މަސް ތެރޭގައި ހަ މީހުން މަރާލައިފައިވެއެވެ. އެ ހަ ވޭދަނައިގައި ވެސް ކުށްވެރިޔާ އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އިސް ދައުރެއް އަދާކުރީ، ޕޯސްޓުމޯޓަމްއިން ހޯދުނު ހޯދުންތަކާއި ފޮރެންސިކް ސައިންސުން ހޯދުނު ހެކިތަކެވެ.

ފޮށި ތެރެއިން ފެނުނު ޒުވާން އަންހެންކުއްޖާއަކީ ކާކު ހެއްޔެވެ؟ ފުރަތަމަ ސުވާލަކީ އެއީއެވެ. އެ ކުއްޖަކީ ކާކުކަން ނޭނގި ތަހުގީގު ކުރިޔަށް ގެންދިޔުމަކީ ބޮޑު ގޮންޖެހުމެކެވެ.

"ވިކްޓިމްއަކީ ކާކުކަން އެނގިގެން ނޫނީ ކުރިޔަކަށް ނުދެވޭނެ." އަނަސް ބުންޏެވެ.

އަނަސްގެ ޓީމުގެ ހަތަރު މެންބަރުންނަށް ވެސް އެ ކަން ގަބޫލުކުރެވެއެވެ. ފާސްކުރަންވީ ތަނެއް، ސުވާލުކުރަންވީ މީހެއް ވެސް އެނގޭނީ މަޒުލޫމަކީ ކާކުކަން އެނގިގެންނެވެ.

"ހެދުމެއް، ބޫޓެއް، ފައިވާނެއް ނެތް،" ޓީމުގައި ހަރަކާތްތެރިވި އެކަކު ބުންޏެވެ. "މީހަކު ގެއްލިގެން ރިޕޯޓުކޮށްފައެއް ވެސް ނެތް. އެކަމަކު، އާއިލާގެ ކޮންމެވެސް މީހަކު އޭނަ ގެއްލިގެން އުޅެން ޖެހޭނެ ދޯ!"

އެހެން ބައެއް ވޭދަނަތަކުގައި، ގަބުރުގެ ހަށިގަނޑުގައި އޮންނަ ހެދުން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ގަބުރަކީ ކާކުކަން ދެނެގަތުމުގައި މަގު ކުރުކޮށްދެއެވެ. އެކަމަކު ފޭރާމެއް ނެތުމުން އެ ފުރުސަތު ވެސް ގެއްލުނެވެ. ގަބުރުގެ ކަކުލަށް ވުރެ ތަންކޮޅެއް މަތީގައި، ރަތްކުލައިގެ ކުޑަކުޑަ ހިތެއް ކުރަހައިފައި ހުއްޓެވެ. އޭގައި އެއްވެސް ނަމެއް ނުވަތަ އަކުރެއް ނެތެވެ. ފުލުހުންނަށް ލިބިފައިވާހާ ވެސް އެއްޗަކީ ފޮށްޓަކާއި، ގަބުރަކާއި، ރަތްކުލައިގެ ކުޑަކުޑަ ކުރެހުމެކެވެ. އެހެން އެއްޗެއް ނެތެވެ. އުންމީދުކުރެވުނީ ފޮށީގެ ކޮންމެވެސް ތާކުން އިނގިލީގެ ނިޝާނެއް ލިބޭނެކަމަށެވެ.

ފޮރެންސިކު ޑިޕާޓުމަންޓުން ހެކި ހޯދުމަށް މަސައްކަތްކުރި އިރު، ސީސީޓީވީގެ އެހީތެރިކަމެއް ލިބޭތޯ ވެސް ފުލުހުން މަސައްކަތްކުރިއެވެ. ވަރަށް ގިނަ ފަހަރު އެހީ ލިބެއެވެ. އެ ފަހަރު ވެސް ކަންތައް ވީ އެހެންނެވެ. ފޮށްޓެއް ހިފައިގެން ގެއަކުން ނުކުތް މީހަކު ވަށިގާޑިޔަލަށް ފޮށި ލަނިކޮށް ކެމެރާއަކަށް ހުރީ އަރައިފައެވެ. އެހެނަސް، ކެމެރާ ހުރީ ވަރަށް ދުރުގައެވެ. ރޭގަނޑުގެ ވަގުތެވެ. ފުލުހުންނަށް ފާހަގަކުރެވުނު ގޮތުގައި އެ މީހާ ގެއަށް އައީ ފޮށި ހިފައިގެންނެވެ. އެއީ ހުސް ފޮށްޓެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ގެއަށް ވަންނަން އޭނަ ގޭގެ ދޮރެއް ނުހުޅުވައެވެ. އައި ގޮތަށް ވަނީއެވެ. ކިތަންމެ ދުރުން އެ މީހާ ކެމެރާއަށް އަރައިފައި ހުއްޓަސް، އެ ވަރު ޔަގީންކުރެވެއެވެ. ފުލުހުން ބެލި އިރު، މަގުގެ އެ ފަޅީގައި ހުރީ އެންމެ ގޯޅިގަނޑެކެވެ. އެކަމަކު އެ ގޯޅިގަނޑު ބެލި އިރު، ގޯޅިގަނޑަށް ނުކުމެވޭ ގޮތަށް އެތައް ދޮރެއް، ދެ ފަރާތުގައި ހުއްޓެވެ. ފޮށި ހިފައިގެން ވަން މީހާ ވަނީ، އޭގެ ތެރެއިން ކޮން ގެއަކަށް ހެއްޔެވެ؟

ގޯޅިގަނޑުގައި ހުރި ގެތަކަށް ފުލުހުން ވަނެވެ. އެންމެ ތަނެއް ފިޔަވައެވެ. އެ ތަނުގެ ދޮރު ހުރީ ތަޅުލައިފައެވެ. ވަދެވުނު އެއްވެސް ގެޔަކުން، ޝައްކުވާ ކަހަލަ ހެއްކެއް ނުފެނުނެވެ. ތަޅުލައިފައި ހުރެގެން ނުވަދެވުނު ތަނަކީ، ބޭރަށް ދޮރުކަނޑައިފައި ހުރި ކުލީކޮޓަރިއެކެވެ. އެ ކޮޓަރީގައި އުޅެނީ އަފާޒު ނަމަކަށް ކިޔާ ޒުވާނެކެވެ. ހިސާބުގަނޑު މީހުން ކައިރީގައި އަހައިގެން އެނގުނީ އެ ވަރެވެ. ނަމުގެ ފުރަތަމަ ބަޔެއް ވެސް ނޭނގުނެވެ. ހަމަ އެހެންމެ، ފޮށްޓެއް ހިފައިގެން މީހަކު އެ ގޯޅިގަނޑަށް ނުވަތަ އަފާޒުގެ ކޮޓަރިއަށް ވަންނަނިކޮށް ފެނުނު މީހަކާ ވެސް ދިމައެއް ނުވިއެވެ.

ކުށްވެރިންގެ ރިކޯޑުގައި އަފާޒު ނަމަކަށް ކިޔާ ދެ މީހެއްގެ ނަން އޮތެވެ. އެކަކީ އޭގެ ދެ މަސް ކުރިން ޖަލުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ދެވަނަ މީހާއަށް ގުޅުމުން އޭނަ ފޯނެއް ނުނެގިއެވެ. ފޯނު ރިކޯޑަށް ބެލުމުން އެނގުނު ގޮތުގައި، ދެވަނަ އަފާޒު އެންމެ ފަހުން ކޮށްފައިވާ ސަތާރަ ކޯލުގެ ތެރެއިން އެއް ކޯލު ކޮށްފައިވަނީ އަފާޒުގެ ކޮޓަރި ހުރި ސަރަހައްދުންނެވެ. އަފާޒަކީ، ކުދިކުދި ވައްކަމުގެ ކުށުގައި ހަތަރު ފަހަރު ހައްޔަރުކޮށްފައިވާ ޒުވާނެކެވެ. އޭނަ ވީ ތަނެއް އެކަކަށް ވެސް ނޭނގެއެވެ. އަފާޒަށް ގުޅައިފައިވާ ނަންބަރަށް ގުޅި އިރު އެ ފޯނު ވެސް އޮތީ ނިއްވައިލައިފައެވެ.

އަފާޒަށް ފާރަލާން، ކުލަ ހެދުމުގައި ފުލުހެއް ބެހެއްޓުމަށް ފަހު، ފޮރެންސިކުން ލިބުނު މައުލޫމާތު ފުލުހުން ދިރާސާކުރަން ފެށިއެވެ. އޯޓޮޕްސީ ރިޕޯޓުން އެނގުނު ގޮތުގައި، ކުއްޖާގެ ގަބުރު ފެނުނު އިރު، އޭނަ މަރުވިތާ އަދި ސައުވީސް ގަޑިއިރު ވެސް ނުވެއެވެ. އެކްސްރޭއިން އެނގުނު ގޮތުގައި އޭނަގެ އަތުގެ ކުޑަހުޅާއި އުޅޮނބޮށްޓާ ދެމެދުން ކަށިގަނޑެއް ހުރީ ބިންދައިގެން ގޮސްފައެވެ. އެއީ އޭނާއަށް އަނިޔާކުރި މީހަކު ކުރި އަނިޔާއިން ދިފާއުވާން އަތް ދިއްކުރުމުން ލިބޭ ކަހަލަ އަނިޔާއެކެވެ. އަންހެންކުއްޖާއަކީ ރޭޕްގެ ސިކާރައެއް ވެސް މެއެވެ. އޯޓޮޕްސީ ތަހުލީލުން އެހެން މީހެއްގެ ޑީއެންއޭ ވެސް ފެނުނެވެ. އެއީ ކާކު ހެއްޔެވެ؟ ހަމަ އެހެންމެ އަންހެންކުއްޖާ ފޮށްޓަށްލީ އިރު އޭނަ މަރުނުވާކަން ވެސް އެނގުނެވެ. އޭނަ މަރުވި ސަބަބެއްކަމަށް އޯޓޮޕްސީ ރިޕޯޓުގައި ވަނީ ނޭވާހާސްވުމެވެ. އެއީ އިންތިހާއަށް ވޭނީ މަރެކެވެ. އަންހެންކުއްޖާ ބަނޑުބޮޑެވެ. އޭނަގެ ބަނޑަށް އެގާރަ ހަފުތާއެވެ. އެއީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ވެރިކުރުވި ޚަބަރެކެވެ.

އެއް ބަޔަކު ނިދިން މަހުރޫމުވި އިރު އަނެއް ބަޔަކު އިންސާފު ހޯދުމަށް އަޑުހަރުކުރަން ފެށިއެވެ. ޝުއޫރުތައް ބަންޑުންކޮށްލިއެވެ. ޓުވިޓާއާއި މީސްމީޑިޔާ އެއް އަޑަކުން ގުގުމައިލިއެވެ. އެ އަންހެންކުއްޖާއަކީ ކާކު ހެއްޔެވެ؟ މާބަނޑު އަންހެނަކަށް އަނިޔާކޮށް، ދިރިހުއްޓައި ފޮށްޓަކަށް ލީ ކޮން ފަދަ ރަހުމުކުޑަ ޖަނަވާރެއް ހެއްޔެވެ؟ އިންސާނަަކަށް އެ ފަދަ ކަމެއް ކުރަން އިންސާނަކަށް ކެރިދާނެ ހެއްޔެވެ؟ އޭނަ ނުހޯދިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ދިވެހިން ޖަވާބު ބޭނުންވިއެވެ. އޭރު ފުލުހުންނަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ވެސް ލިބިއްޖެއެވެ.

އަންހެންކުއްޖާގެ އިނގިލީގެ ނިޝާން ނަގައި، އައިޑީކާޑު ޔުނިޓުގައި ރައްކާކުރެވިފައިވާ އިނގިލީގެ ނިޝާންތަކާ އަޅާކިޔެވެ. އެއިން އެނގުނު ގޮތުގައި، މަރުވެފައިވާ އަންހެންކުއްޖާގެ ނަމަކީ އައިޝަތު ރައްޔާއެވެ. ދެ ކުދިންގެ މަންމައެކެވެ. ކުށުގެ ރިކޯޑެއް އޮތް، ޑުރަގު މައްސަލައެއްގައި ދެ ފަހަރު ހައްޔަރުކޮށްފައިވާ، ބައްޕަ ސާބިތު ނުވާ ކުއްޖެކެވެ. މަންމަ ނިޔާވި ފަހުން ރައްޔާ ދިރިއުޅެނީ ތިމާގެ ބައެއް ކައިރީގައެވެ.

ތޮލާލު ބޭނުންވި ފުރަތަމަ ހެކި ލިބުނީއެވެ. އޭރު ވެސް ރައްޔާ ގެއްލިގެން ފުލުހުންނަކަށް ރިޕޯޓެއް ނުކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ރައްޔާގެ ގެއަށް ފުލުހުންނަށް ދެވުނީ ތުނިކޮށް ވާރޭވެހެމުންދިޔަ ހަވީރެއްގައެވެ. އެ ގެޔަކީ، ގޮތްގޮތަށް ބައިބައިކޮށްފައިވާ، ޖާގަ ދަތި، އަނދިރި ގެއެކެވެ. ފުލުހުން ވަތް އިރު ވެސް ކުޑަކުއްޖަކު ރޯ އަޑު އިވެއެވެ. ތޮލާލު ސަލާން ގޮވައިލިއެވެ. ވަގުތުން ސަލާން ބަލައިގަތެވެ. ދޮރެއް ހުޅުވައިލައިފައި، މެދު އުމުރުގެ އަންހެނަކު ނުކުތެވެ. ތޮލާލު ސުވާލުކުރުމުން އެނގުނު ގޮތުގައި އެއީ ރައްޔާގެ ބޮޑުދައިތައެވެ. ކަންކުރަން އޮންނަ އުސޫލުގެ މަތިން، ރައްޔާގެ މަރުގެ ޚަބަރު ދިނީ ތޮލާލެވެ. ބޮޑުދައިތަގެ މޫނުމަތިން އެއްވެސް ހާސްކަމެއް، ހިތާމަވެރިކަމެއް ވެސް ނުފެނުނެވެ. އެއީ ތޮލާލަށް ލިބުނު ސިހުމެކެވެ.

"ވާނެ ގޮތް އެ ވީ!" ހަމްދަރުދީގެ އެއްވެސް އަސަރެއް ނެތް ރާގެއްގައި ބޮޑުދައިތަ ބުންޏެވެ. "އެހެން ނުވާ ވަރެއް ނޫނެއްނު! ދެން ކާކުތަ މި ކުދިންތައް ބަލަނީ؟"

ފުލުހުން އެ ސުވާލުގެ ޖަވާބެއް ނުދެއެވެ. އެއީ ފުލުހުންނާ ބެހޭ ކަމަކަށް ނުވާތީއެވެ.

"ރައްޔާ ގެއްލިގެން މިހާ ދުވަސްވީ އިރު ވެސް ކީއްވެގެންތޯ ފުލުހުންނަށް ރިޕޯޓުނުކުރީ؟" ތޮލާލު ސުވާލުކުރިއެވެ.

ނުނިމޭ